100 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ހައްޔަރުކުރި މީހުން: ބަންދުގައި ތިބި ތިން ދިވެހިން ދޫކޮށްލައި، ބިދޭސީންގެ ބަންދު ދެމެހެއްޓި.

100 ކިލޯ ޑްރަގުގެ މައްސަލައިގައި ހިމެނޭ ހުރިހާ ދިވެހިން 'ހެކި ނެތިގެން' ދޫކޮށްލައިފި

ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ބާކީ ތިބި ތިން ދިވެހިން ދޫކޮށްލައި ބިދޭސީންގެ ބަންދު ދަމަހައްޓާފައި

ދ. ބޮޑުކާށިހުރާ ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދި 100 ކިލޯގެ ޑްރަގުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ހައްޔަރުކޮށްފައި ތިބި ތިން ދިވެހިން ދޫކޮށް، ބިދޭސީންގެ ބަންދު ކްރިިނަލް ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

މައްސަލައިގެ ފެށުން - ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ 13ގައި ހިންގި އެ އޮޕަރޭޝަންގައި ފުރަތަމަ 10 މީހުން ހައްޔަރުކުރި އެވެ. 

އޭގެ ތެރެއިން ފުލުހުން ވަނަވަރު އާންމު ކުރީ އަށް މީހެއްގެ އެވެ. އަދި ފަހަރަކު މީހަކު ކޯޓުން ދޫކޮށްލުމަށް ފަހު، އެންމެ ފަހުން ހައްޔަރުކޮށްފައި ތިބީ ފަސް މީހުންނެވެ.

އެ މައްސަލައިގައި ފަހުން ބަންދުގައި ތިބި މީހުންނަކީ:

  • ޖުމާން މުސްތަފާ (19އ.): ނ. ވެލިދޫ، ބީޗްހެވެން 

  • މުހައްމަދު އަހްމަދު (34އ): ލ. ކަލައިދޫ، ޖަނަވަރީމާގެ 

  • މުހައްމަދު ހުސައިން (61އ): ދ. ބަނޑިދޫ، ޕޮލަރިސް 

  • އެމްޑީ ރަފީގުލް އިސްލާމް (35އ): ބަންގްލަދޭޝް 

  • ޑީއެމް މޮބިން (24އ): ބަންގްލަދޭޝް 

ވީ ކިހިނެއް؟ - އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ގެންދިއުމުން ބަންދުގައި ތިބި ތިން ދިވެހިން ވެސް ދޫކޮަށްލުމަށް ކޯޓުން އަމުރުކުރި އެވެ.

އެގޮތަށް އަމުރުކުރަން ނިންމި ސަބަބެއް ކަމަށް ކޯޓު އަމުރުތަކުގައި ބުނެފައި ވަނީ، ތަހުގީގު މަރުހަލާ ނިމުނު އިރު ވެސް ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ ގުޅުވޭނެ ހެކިތަކެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ.

"ޖުމްލަ ގޮތަކަށް ދަންނަވާއިރު، މި މައްސަލައިގެ ތަހުގީގުކޮށް ނިމުނު އިރު މީނާއާ މަސްތުވާތަކެތި ގުޅުވާލެވޭ ހަރުދަނާ ހެކި ގަރީނާ ހުށަހަޅާފައި ނެތް ކަމަށް ޝަރީއަތަށް ފާހަގަކުރެވޭތީ، މީނާ ބަންދުން ދޫކުރުމަށް ނިންމާފައިވާކަން،" ތިން މީހުން ދޫކޮށްލުމަށް ގާޒީ އިސްމާއިލް ޝަފީއު ނެރުއްވި އަމުރުގައިވެ އެވެ.

ކްރިމިނަލް ކޯޓު: 100 ކިލޯގެ ޑްރަގު މައްސަލައިގައި ހިމެނޭ ހުރިހާ ދިވެހިން މިހާރު ވަނީ ކޯޓުން ދޫކޮށްލާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތިން މީހުންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި:

  • އެ ތިން މީހުންގެ ކުޑަކަމުދާތަކެތި ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައި

  • ނަމަވެސް އެއީ އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކެއް ނޫން ކަމަށް

  • އެ މައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކާ އެ ތިން މީހުން ގުޅާފައިވާކަން އަންގައިދޭ ކޯލް ޗާޓެއް ފުލުހުން ހުށަހަޅާފައިވާ ކަމަށް؛ އެ ލިޔުމުން ތުހުމަތުކުރެވޭ މީހުންނަށް އެ ތިން މީހުން ގުޅާފައިވާކަން އެނގެން އޮތް ނަމަވެސް، އެ މީހުންނާ ގުޅައި ދައްކާފައި ހުރި ވާހަކަތަކުގެ ތަފްސީލެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށް 

  • އެކަމުގެ ތަފްސީލު ބަޔާންކޮށް ނުދެވޭ ނަމަ، ކޯލް ޗާޓަށް އެކަނި ބުރަދަން ދެވިދާނެ ކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭ ކަމަށް

ފުލުހުން ތުހުމަތުކުރަނީ އެ ތިން މީހުންނާއި އިތުރު ބަޔަކު ބައިވެރިވެގެން ބޯޓަކުން މަސްތުވާތަކެތި ސަފާރީ ދޯންޏަކަށް އަރުވައި އދ. ބޮޑުކާށިހުރާއަށް ގެންދިޔަ ކަމަށެވެެ. ނަމަވެސް، ތުހުމަތު ކުރެވޭ މީހުން ސަފާރީ ދޯނީގައި މަސްތުވާތަކެތި ބޮޑުކާށިހުރާއަށް ގެންދިޔަކަން ފުލުހުން ހުށަހެޅި ބަޔާންތަކާއި ހެކިތަކުން އެނގެން ނެތް ކަމަށް ކޯޓުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ބަންދުގައި ތިބި ބަންގަލަދޭޝްއަށް ނިސްބަތްވާ ރަފީގުލް އިސްލާމް އަދި ޑީއެމް މޮބިންގެ ބަންދަށް ގާޒީ އިސްމާއީލް ޝަފީއު ވަނީ އިތުރު 10 ދުވަސް ދެއްވާފަ އެވެ. އެ ދެ މީހުންގެ މައްޗަށް ވެސް މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކޯޓު އަމުރުތަކުގައި ބުނެ އެވެ.

އެނގުން މުހިންމު - ކޯޓު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގެ ތަހުގީގަށް ދިން 60 ދުވަހުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ. އަދި ދައުވާކޮށްދިނުމަށް އެދި އެ މައްސަލަ ފުލުހުން ވަނީ އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅާފަ އެވެ. ނަމަވެސް، އެކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

އައިޖޭ

12 ޑިސެމްބަރު 2021
ބައި އަޅައިގެން ހިންގާ ޖަރީމާ ތައކެއް ދޯ މީ...... މިހފަސޭހައިން ދޫކޮށްލެވޭތަ އަޅޭ...
2 0

ކާޓެލް

12 ޑިސެމްބަރު 2021
މި ފެންނަނީ ވަރަށް ދެރަކަންތައްތައް. ތަހްގީގާއި ހެކި ހޯދުމުގެ ފެންވަރު ދަށީ ނުވަތަ އެހެން މައްސަލަތަކެއް. އެބަޖެހޭ އިތުރަށް ތަމްރީނުދީގެންނަމަވެސް މި ފަދަ މައސަލަތައް ހައްލުކުރަން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް