ގެއްލިގެން ހޯދަމުން އަންނަ މުޝްފިގް.
މުޝްފިގު ހޯދުން ހުއްޓާނުލާތީ މަރު ސާބިތުކުރުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއަކަށް ފަހު ކަނޑަށް ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފްގެ މަރު ސާބިތުނުވާ ކަމަށް ނިންމައި، މަރު ސާބިތުކުރުމުގެ މައްސަލަ ލ. މާވަށު މެޖިސްޓްރޭޓް ކޯޓުން ބޭރު ކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ތ. އަތޮޅުގައި ދުއްވާ 'ހޮޅުދޫ ބޯޓު'ގައި މިދިޔަ 2 އެޕްރީލް ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި، މާވަށަށް އުފަން މުޝްފިގު، 25، ގެއްލުނީ ޗުއްޓީއަކަށް ފަހު، ތ. އަތޮޅުން މާލެ އައުމަށް ކުރި ދަތުރެއްގަ އެވެ.
އެ ހާދިސާއަށް ހަފްތާއެއް ފަހުން:
-
މުޝްފިގު ހޯދާ ނުފެނުމުން އޭނާގެ މައްޗަށް ކަށުނަމާދު ކުރަން އޭރު ނިންމި
-
ނަަމަވެސް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ލަފައާ އެކު ފަހުން އެކަން މަޑުޖައްސާލި
-
އާއިލާއާ ވާހަކަ ދައްކައިގެން ކަށުނަމާދު މަޑުޖައްސާލީ އޭނާގެ މަރު ސާބިތު ކުރުމާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް
ބުނީ ކީކޭ؟ - އެ މައްސަލަ މާވަށު މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލީ، އެ ކޯޓުގައި އެ މައްސަލަ އޮންނަތާ މަަހަކަށް ވުރެ ގިނަ ދުވަސް ފަހުން އިއްޔެ އެވެ. އެ ކޯޓުގެ ނިންމުމުގައި ބުނީ އެ މައްސަލަ ބޭރުކޮށްލީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވާތީ ކަމަށެވެ.
ކޯޓުގެ ނިންމުމުގައި ބުނިގޮތުގައި:
-
މުޝްފިގު ހޯދުމަށް އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކަމަށް އެ އިދާރާއިން ކޯޓަށް އަންގާފައިވޭ
-
ކަމާބެހޭ ފަރާތްތަކުން މުޝްފިގު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހުކުމް ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަކަށް ނުފެނޭ
"އޭނާ ހޯދުމަށް އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދާ ހާލަތުގައި އަލީ މުޝްފިގު މުހައްމަދު ޝަރީފްގެ މަރު ސާބިތުކުރުމަށް އެދި މުހައްމަދު ޝަރީފް (މުޝްފިގުގެ ބައްޕަ) ހުށަހަޅާފައިވާ މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަކީ މި ވަގުތަށް އެންމެ މަސްލަހަތު ހުރި، ރަނގަޅު ގޮތް ކަމަށް ނުފެންނާތީވެ، މި މައްސަލަ އިތުރަށް ކުރިޔަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މި ގަޒިއްޔާ ނިންމީމެވެ،" ކޯޓުގެ ނިންމުމުގައި ވެ އެވެ.