އދ.ގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

އދ

ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އދ.އިން ކަންބޮޑުވެއްޖެ

އދ. އިން ވަނީ ދިވެހި ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ވާޖިބުތަކާ އެއްގޮތަށް، މިނިވަން ޝަރުއީ ނިޒާމެއް ދެމެހެއްޓުމަށް ވައުދުވެފައިވާކަން ހަނދާންކޮށްދީފައި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުން، ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އދ. އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރީ މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ ކުރިން ވެސް އދ. އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެކަމަކު އެކަމަށް ރިއާޔަތްނުކޮށް، ފަނޑިޔާރުން ވަކިކުރުމުން އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން އޮތް މިންވަރާ މެދު ސުވާލު އުފައްދާފަ އެވެ.

ބުނީ ކީކޭ؟ - އދ.ގެ ހިއުމަން ރައިޓްސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:

  • ދިވެހި ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ވާޖިބުތަކާ އެއްގޮތަށް، މިނިވަން ޝަރުއީ ނިޒާމެއް ދެމެހެއްޓުމަށް ވައުދުވެފައިވާކަން ހަނދާންކޮށްދެން

  • މިނިވަން ޝަރުއީ ނިޒާމެއް ހިމެނޭ ގޮތަށް، ދައުލަތުގެ އެކި ގޮފިތައް އެއް ހަމައެއްގައި އޮތުން ނުވަތަ ބެލެންސް ކުރުމަކީ މުހިއްމު ކަމެއް

  • އެއީ ގާނޫނީ ވެރިކަން ދަމަހައްޓައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއް

އެނގުން މުހިއްމު - ފަނޑިޔާރުން ވަކިކުރުމުގެ ކުރިން، އެ ބޭފުޅުން ސަސްޕެންޑް ކުރުމުން، އދ. އިން ބުނީ، އެކަމުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ފަސްފަހަތް - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މިއަދަށް ދެ މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

  • ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން

ކޮމެންޓް (3)

ހާދީ

22 މޭ 2025
އދ ކަންބޮޑުވިޔަކަސް އަޅާނުލާ. ތާކުންތާކުން ތާކުޖެހޭ ތަނެއްނޫން ތީ
0 0

ތެފައާސާ.

20 މޭ 2025
ކާޅާއި ވާލާއިއެކީ އުޅެން އަހަރެމެން ދަސްކުރާގޮތަށް، މިނިވަން ޖުޑިޝަރީއަކާއިއެކީ އުޅެން ރައީސް ދަސްކުރާނޭނަމަ ދޯ؟
7 0

ކަލޯގެޔާ

19 މޭ 2025
ކޯޓް ތަކުގައި ތިބި 30 އަށް ވުރެ ގިނަ ގާޒީން 5 އަހަރުތެެރޭ ނަގާ ހޫރާލީއިރު ކަހާތަން ހިރުވާނުލި ބަޔަކަށް ހާދަ ވަރެއް އެބަ ވެޔޭ ދޯ؟ އަސްލުމިވާގޮތަކީ ވިސްނުން އިސްތިއުމާރުވެފަ، އިސްތިއުމާރީންގެ ގާތުގައި ދެވަނަ ދަރަޖައިގެ އިންސާނުންނަށް ވެގެން އުޅޭ ދިވެހި ބަޔަކު ގޮސް އެބައި މީހުންގާތު އެބައި މީހުންގެ ފައިމައްޗަށްވެއްޓި އާދޭސް ކޮށްގެން ބަޔާނެެއްނެރެނީ.
2 8

އިތުރު އާޓިކަލް

އިތުރު އާޓިކަލް