ރައީސް މުއިއްޒު، ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ކުޅިވަރު

ކުޅިވަރު ކުރިއަރުވަން ގައުމީ ފަންޑެއް ގާއިމް ކުރަނީ

ރައީސް މިއަދު ތަސްދީގު ކުރެއްވި ބިލުގައިވާ ގޮތުން، ކުރިއަށް އޮތް ދެ މަސް ތެރޭ މި ފަންޑު ގާއިމް ކުރަން ޖެހޭ

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށްޓަކައި ގައުމީ ހާއްސަ ފަންޑެއް އެކުލަވާލަން ގާނޫނުން ލާޒިމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ގާނޫނުން މިކަން ލާޒިވީ، މިމަހު ކުރީކޮޅު މަޖިލީހުން ފާސްކުރި ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

މިއީ، މި ސަރުކާރުގައި މިގޮތަށް ވަގުތުން ގެނެސްދޭ ހަރަކާތެއްގެ ތެރެއިން ބިލެއް ތަސްދީގު ކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ބަންޑާރަނައިބު އަހްމަދު އުޝާމް އާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އަދި ކުޅިވަރު ދާއިރާގެ އެހެން ބައެއް އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.

ކުޅިވަރާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުން ބޭއްވި ހައްސަ ރަސްމިއްޔާތުގެ ޔޫޓިއުބު ލައިވް

ތަފްސީލު - މި އިސްލާހުގެ ދަށުން އަންނަ މައިގަނޑު އެއް ބަދަލަކީ ކުޅިވަރަށް ހާއްސަ ގައުމީ ފަންޑެއް އެކުލަވާލުމެވެ. އެގޮތުން، މި ގާނޫނުގެ 'ގައުމީ ކުޅިވަރު ފަނޑު'ގެ ނަމުގައި މުޅިން އާ ބާބެއް އިތުރުކޮށްފައިވެ އެވެ. އޭގައިވާ ގޮތުން، ކުރިއަށް އޮތް ދެ މަސްދުވަސް ތެރޭގައި މި ފަންޑު ގާއިމްކުރަން ޖެހެ އެވެ. 

ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:

  • ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާ އެކު ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން

  • ކުޅިވަރަށް މާލީ އެހީގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާ އެކު ބެލެހެއްޓުން

  • ކުޅުންތެރިން ކުރިއެރުވުމަށާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން

  • ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓްކުރުން

  • ކުޅިވަރުގެ ދާއިރާއިން ދިރާސާތައްކޮށް، ތަރައްގީގެ މަޝްރޫއޫތައް ހިންގާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން

  • ފަންޑަށް ޖަމާކުރާ ފައިސާއިން، ފަންޑުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމަށްޓަކައި، ފަންޑަށް ޖަމާކުރެވޭ ފައިސާ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން އިންވެސްޓްކުރުން

މި ފަންޑާ ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުމުުގެ މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ ކުޅިވަރާ ބެހޭ ވަޒީރު ހިމެނޭހެން ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ކަނޑައަޅާ މެންބަރެއް

  • ކެބިނެޓްގެ ހަތަރު މިނިސްޓްރީއަކުން ކަނޑައަޅާ ހަތަރު މެންބަރުން

  • ކުޅިވަރު ޖަމިއްޔާތައް ތަމްސީލު ކުރާ މެންބަރެއް

ކޮންމެ އަހަރެއް ނިމުމުން އެ އަހަރަކު މި ފަންޑު ހިންގި ގޮތުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް، އެ އަހަރެއް ނިމޭތާ ތިން މަސް ތެރޭ ރައީސް އަށާއި މަޖިލީހަށް ކުޅިވަރާ ބެހޭ ވަޒީރު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ރައީސްގެ ބަސް - ފަންޑާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ:

  • ފަންޑު ގާއިމް ކުރަނީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އެެކި ސަރަހައްދުތަކުގައި ކުޅިވަރު ތަރައްގީ ކުރުމަށް ދެމެހެއްޓެނިވި ފަންޑެއް ގާއިމް ކުރުމަށް

  • ސަރުކާރުގެ ބަޖެޓުގެ ތެރެއިން އަދި އެހެނިހެން ވަސީލަތްތަކުގެ ތެރެއިން މި ފަންޑަށް ފައިސާ ޖަމާކޮށް، މިހާރު ކުޅިވަރު ތަރައްގީ ކުރުމަށް ހޭދަ ކުރެވޭ ފައިސާގެ އަދަދަށް ވުރެ އެތައް ގުނައެއް އިތުރުވެގެންދާނެ

ފާހަގަކޮށްލެވޭ ކަމެއް - މި ބިލަކީ މިދިޔަ 19 ވަނަ މަޖިލީހުގައި އޭރު އޮތް އެމްޑީޕީގެ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ އޭރުގެ މެންބަރު އަލީ ނިޔާޒު ވެސް ހުށަހެޅުއްވި ބިލެކެވެ. އެ މަޖިލިސް ނިމިގެން ދިޔައީ ކޮމިޓީ މަރުހަލާގައި މަސައްކަތް ނުނިމި އޮއްވަ އެވެ.

އަލުން މިހާރު މި އޮތް 20 ވަނަ މަޖިލީހަށް މި ބިލު މި ސަރުކާރުން ހުށަހަޅާފައި ވަނީ، އޭރުގެ ބިލުގައި ހިމެނޭ ބައެއް ބައިތައް ހިމަނައިގެން އަދި ބައެއް ބަދަލުތަކާ ވެސް އެކު އެވެ. އޭގެ ތެރެއިން އަލަށް އޮތް ބާބުގެ ތެރޭގައި މި ފަންޑު ގާއިމް ކުރުން ހިމެނެވެ.

ކޮމެންޓް (1)

އިބްރާހީމް21

19 މޭ 2025
މިޤާނޫނު އޮތްގޮތުން އެސޯސިއޭޝަންތައް ހިސޯރުކޮށްގެން ތިބި މާފިޔާ ގުރޫޕްތަކަށް ވަރަށް ބޮޑެތި ހިމާޔަތްތައްލިބޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް