އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިހާރު ތިއްބެވި ތިން މެމްބަރުން (ކ-ވ): އައިޝަތު އަބްދުﷲ، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އަދި ފާތުމަތު އަނޫލާ.
އޭސީސީ މެންބަރުން ޖަވާބުދާރީވެއްޖެ، ކޮމިޓީ މިއަދު ހަވީރު
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިހާރު ތިއްބެވި ތިން މެންބަރުން ވަކިކުރުމުގެ މައްސަލައިގައި އެ ބޭފުޅުން މިއަދު ޖަވާބުދާރީވެއްޖެ އެވެ. އެއާކު އެ މައްސަލަ ބަލާ މަޖިލީހުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރަށް ވަނީ ތާވަލްކޮށްފަ އެވެ.
އެނގުން މުހިންމު - އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާ މިނިވަން މުއައްސަސާ ކޮމިޓީން ފެށީ، އެ ކޮމިޝަނުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ. އެއާކު ކޮމިޝަންގެ މެމްބަރުން ލިޔުމުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ކޮމިޓީން ދިނެވެ. އެ މުއްދަތު ހަމަވަނީ މިއަދަށެވެ.
ތަފްސީލު - އޭސީސީގެ ކޮމިއުނިކޭޝަން އޮފިސަރު ފާތުމަތު ޒަމްހީނާ މިއަދު 'ދައުރު'އަށް ވިދާޅުވީ، ތިން މެންބަރުންވެސް މިއަދު ހެނދުނު ލިޔުމުން ޖަވާވުދާރީވެފައިވާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މި މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ތާވަލްކޮށްފައި ވަނީ މިއަދު ހަވީރު 4:30 އަށެވެ.
ފަސް މަންޒަރު - އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ:
-
އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޭސީސީގެ ޕާފޯމަންސް އޮޑިޓަކަށް ފަހު
-
އެ އޮޑިޓުން ފާހަގަވި ކަންކަމަށް ބަލާ ކޮމިޓީން ބުނީ ކޮމިޝަންގެ މެމްބަރުން ބަދަލުކޮށްގެން ނޫނީ އޭސީސީގެ ފަރާތުން އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ކަމަށް
އެ އޮޑިޓުން އެނގުނު ގޮތުގައި އޭސީސީއަށް މައްސަލައެއް ތަހުގީގުކުރުމަށް އެވްރެޖުކޮށް 11 މަސް ނަގަ އެވެ. އަދި ބަލާ ނިންމާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވެނީ %1 މައްސަލަ އެވެ.
މިހާރު އެ ކޮމިޝަންގައި ތިއްބެވީ އެންމެ ތިން މެމްބަރުންނެވެ. ދެ މެމްބަރަކު ވަނީ މިފަހުން އިސްތިއުފާ ދެއްވާފަ އެވެ. މިހާރު ތިއްބެވި މެންބަރުންނަކީ:
-
މަރިޔަމް ޝިއުނާ - ރައީސް
-
ފާތުމަތު އަނޫލާ - ނައިބު ރައީސް
-
އައިޝަތު އަބްދުﷲ