ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި އަޒްމިރާލްދާ

ސުޕްރީމް ކޯޓު

ފަނޑިޔާރުކަމުން ވަކިކުރުމުގައި ކުރި ކަންކަމަކީ ޖިނާއީ ކުށެއް؛ ފިޔަވަޅު އެޅޭނެ ދުވަހަކަށް އިންތިޒާރުކުރަން: އަޒްމިރާލްދާ

އަޒްމިރާލްދާ ވިދާޅުވީ ސިޔާސީ ބޭނުމަކަށް ފަނޑިޔާރުންތަކެއް ވަކިކުރުމުގެ ބޭނުމުގައި މައުސޫމް ބަޔަކު ފްރޭމުކޮށް، ސުޕްރީމް ކޯޓު ހުއްޓުވާލައި، އެ ކޯޓު ފުޑާލުމުގައި ޝާމިލުވި ވެރިންނާއި އެންމެހާ ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ ކަމަށް

ފަނޑިޔާރުކަމުން ވަކިކުރުމުގައި، މައުސޫމު ބަޔަކު ފްރޭމުކޮށް، ސުޕްރީމް ކޯޓު ހުއްޓުވާލައި، އެ ކޯޓު ފުޑާލުމަށް ދައުލަތުގެ އިދާރާތަކުން ކުރި ކަންކަމަކީ ޖިނާއީ ކުށެއް ކަމަށާއި، ވެރިން ހިމެނޭހެން، އެކަމުގައި ޝާމިލުވި އެންމެހާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރި މައްސަލައަށް، އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި، ޖޭއެސްސީން އެދިފައިވާ ގޮތަށް އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން މިއަދު ފާސްކުރީ، އެ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު އދ. ހިމެނޭހެން ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުންނާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ގޮވާލާފައި ވަނިކޮށެވެ.

ބުނީ ކީކޭ؟ - މަގާމުން ވަކިކުރުމާ އެކު އަޒްމިރާލްދާގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރި ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައި، އެކަމަށް ފާޑުވިދާޅުވެފަ އެވެ.

އަޒްމިރާލްދާ ވިދާޅުވީ، ގިނަ ހައްގުތަކެއް ނިގުޅައިގަނެ ސިއްރިޔާތުގައި ހިންގި އިޖުރާއަތްތަކަކަށް ފަހު ފަނޑިޔާރުކަމުގެ މަގާމުން އެކަމަނާ މިއަދު "އަޒުލުކޮށްފައިވަނީ" އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލިހުގެ ސުޕަ މެޖޯރިޓީ މެމްބަރުންނަށް ވެސް އެނގިވަޑައިގެން ތިއްބަވައި ކަމަށެވެ.

"މިއަދު އެ ނިންމުން ނިންމެވީ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެންނެވެ،" އެކަމުގައި މަޖިލީހުން އަމަލުކުރެއްވީ މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް އަމަލުނުކުރާހާ އެތައް ދަަރަޖައެއް ހުތުރުކޮށްކަން ފާހަަގަކުރައްވާ އަޒްމިރާލްދާގެ ބަޔާނުގައިވެ އެވެ.

އަޒްމިރާލްދާގެ ބަޔާނުގައިވާ ގޮތުން ރާއްޖެއަކީ ގާނޫނު ހިނގަންޖެހޭ ގޮތަށް ހިނގާ ގައުމަކަށްވާ ނަމަ، ފަނޑިޔާރުކަމުން ވަކިކުރުމަށް ހިންގި އަމަލުތަކަކީ އެ އަމަލުތައް ރާވައި، އިންތިޒާމްކޮށް، ތަންފީޒުކުރި އެންމެންގެ މައްޗަށް ޖިނައީ ދައުވާ އުފުލޭނެ ކަމެއް ކަމަށެވެ. އެހާ ފާޅުގައި ދައުލަތުގެ އެކި އިދާރާތަކުގައި ތިބި ވެރިންނާއި މުވައްޒަފުން މިފަދަ އަމަލުތައް ކުރުމަށް މަގުފަހިވަނީ، އެކަށީގެންވާ ގާނޫނީ ފިޔަވަޅު ނޭޅޭތީ ކަމަށް ވިދާޅުވި އެވެ. އަދި ވެރިއަކަށް ފާޅުގައި ކޮރަޕްޓްވާ މިންވަރަށް ބާރުލިބެނީ ދަށުގައި ތިބޭ އެންމެން އެކަމަށް ވާގިވެރިވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫނެވެ. ލުއި ގޮތަކަށް އަތުން ފޮޅާލެވޭ ވަރު ކަމެއް ނޫނެވެ. އަޅުގަނޑު އުންމީދު ކުރަނީ މިގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އަޅުގަނޑު ފޮނުވާފައި ހުރި ސިޓީތަކުގެ އަލީގައި ފިޔަވަޅު އެޅި މި ގައުމުގައި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރެވޭނެ ކަމަށެވެ،" ބަޔާނުގައިވެ އެވެ.

ރާއްޖޭގެ އެއްވެސް އިދާރާއަކުން އޭނާ ހުށަހެޅުއްވި އެއްވެސް މައްސަލައެއް ނުބެއްލެވި ކަމަށް ބަޔާނުގައި ވިދާޅުވި އެވެ. އެގޮތުން:

  • އޭނާގެ ފަރާތުން އެކަމުގައި ޖޭއެސްސީއަށާއި، އޭސީސީ އަދި ދައުލަތުގެ ކޮންމެ އިދާރާއަކަށް ހުށަހެޅި ކޮންމެ މައްސަލައެއް އަދި ޝަކުވާއެއްގައި ހިމެނޭ ކޮންމެ ކަމެއް އަކުރުން އަކުރަށް ސާބިތު ކޮށްދެވޭނެ؛ އެކަމަށް ހެކި އެބަހުރި 

  • ނެތީ ވާހަކަ އަޑުއަހައި، ތަހުގީގުކޮށް އިންސާފު ގާއިމުކުރާނެ ބަޔަކުތިބި އިދާރާއެއް

  • ޖޭއެސްސީ ހިޔާރުކުރީ ދޮގު ރިޕޯޓެއް ހަދައިގެން އޭނާ މަގާމުން ވަކިކުރުމަށް ކަމަށް

  • އޭސީސީން ހިޔާރުކުރީ ކޮރަޕްޝަން ހިންގައި ސުޕްރީމް ކޯޓު ވައުކޮށްލުމަށް؛ އޭސީސީން އޭނާގެ މައްޗަށް ބަލަމުންދާ ކަމަށް ބުނި މައްސަލާގައި މިހާތަނަށް ބަޔާނެއްހާ ހިސާބު ވެސް ނަގާފައިނުވާ ކަމަށް ވިދާޅުވި

  • ފުލުހުން ނިންމީ ބަލަންޖެހޭ ޖިނާއީ މައްސަލައެއް ނެތް ކަމަށް

  • ބާ ކައުންސިލަށް ފެނުނީ އިންތިހާބުކުރި މެމްބަރުންގެ ބައިވެރިވުމާއެކު ދޮގު ރިޕޯޓު ހަދައިގެން ފަނޑިޔާރަކު މަގާމުން ވަކިކުރުން ސުލޫކީ މައްސަލައަކަށް ނުވާކަމަށް 

  • މަޖިލީހަށް ފެނުނީ ގާނޫނުއަސާސީ އާއި ގާނޫނުތައް މުގުރާލައި، އަސާސީ ހައްގުތައް ނިގުޅައިގަނެފައިވާ މައްސަލައެއްގެ ބަދަލުގައި އިޖުރާއަތުތަކާ އެއްގޮތަށް ޖޭއެސްސީން އެކަން ކޮށްފައި އޮތް ކަމަށް

11 މާޗް 2025: އަޒްމިރަލްޑާ ޖޭއެސްސީއަށް ހާޒިރުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މައްސަލަ ނިމޭނެ ގޮތް އެނގޭ؛ ބޭނުންވީ ސިޔާސީ މީހުން ކަންކުރާގޮތް ދައްކަން

ޝަރުއީ ދާއިރާގައި ހޭދަކުރި 24 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދުވަހަކު ވެސް މަގާމުގެ ބޭނުންކޮށްގެން އަމިއްލަ ފައިދާއަކަށްޓަކައި ނުވަތަ އެހެން މީހެއްގެ ފައިދާއަކަށް ވެސް އެއްވެސް ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުވާފަ ނޯންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް އަޒްމިރާލްދާ ތަކުރާރުކުރެއްވި އެވެ. އޭނާ ވިދާޅުވީ އޭނާ ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ އޭނާގެ މައްޗަށް ތަހުގީގުކުރުމުގެ މާ ކުރިން ނިޔާ ކަނޑައަޅާފައިވާ މައްސަލައެއްގައި ކަމަށެވެ.

އަޒްމިރާލްދާ ވިދާޅުވިގޮތުން އޭނާއާ އެކު އެހެން ފަނޑިޔާރުން ސަސްޕެންޑް ކުރިކަމުގެ ހަބަރު ލިބުނު ވަގުތުގައި "ދެން އަޅުގަނޑުމެން އެނބުރި ސުޕްރީމް ކޯޓަށް ނާންނާނެ ކަމަށް" އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވި އެވެ. ސަސްޕެންޑުކުރެވުނު ފަނޑިޔާރަކާ އެކު އުއްތަމަ ފަނޑިޔާރު "ވަދާއީ" ފޮޓޯއެއް ނެންގެވި ތަން ބަލަހައްޓައިގެން ދުރުގައި އޭނާ އިންނެވިއިރު ވެސް، މިދާ ގޮތަށް ކަންކަން ދާ ނަމަ، ކުއްލި ގޮތަކަށް ފަނޑިޔާރުކަމުން ވަކިކުރާނެކަން އޭރު ވެސް އެނގިވަޑައިގެންނެވި ކަމަށް އަޒްމިރާލްދާ މިއަދު ވިދާޅުވި އެވެ.

ނަމަވެސް އެކަމުގެ ދިފާއުގައި ނުކުންނެވީ އެ މައްސަލަ ނިމޭނެ ގޮތް އެނގިވަޑައިގެން ހުންނަވާ ކަމަށް ވެސް އަޒްމިރާލްދާ ވިދާޅުވި އެވެ. މީޑިއާތަކުން އޭނާގެ މައްސަލައިގެ ތަފްސީލުތައް ރިޕޯޓުނުކުރެއްވި ނަމަ ސިއްރިޔާތުގައި މާ ކުރިން މަގާމުން ހުންނެވީހީ ވަކިކުރައްވާފައި ކަމަށް އަޒްމިރާލްދާ ވިދާޅުވި އެވެ.

އަޒްމިރާލްދާ ވިދާޅުވި ގޮތުން އޭނާ ބޭނުންވީ:

  • ރާއްޖޭގައި ފަނޑިޔާރުން ތިބޭ ނިކަމެތި ހާލަތު މުޅި ގައުމަށް ފެންނަން

  • އިންސާފު ގާއިމުކުރަން ތިބޭ މީހުން އަޅުދާސްކުރުމަށް ސިޔާސީ މީހުން ގެންގުޅޭ އުކުޅުތައް މުޅި ގައުމަށް ފެންނަން 

  • ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ފަނޑިޔާރުންނަށް ބިރުދައްކާގޮތް ހާމަވާން

  • ބުނާ ގޮތް ނަހަދާ ނަމަ ފަނޑިޔާރުންގެ ކެރިއާ ހަލާކުވެގެންދާ ގޮތް މުޅި ގައުމަށް ފެންނަން

  • ސަރުކާރާއި، މިނިވަންކަމަށް ބުނާ ހުރިހާ މުއައްސަސާތައް ހިމެނޭހެން ދައުލަތުގެ ތިން ބާރުގެ ވެސް ކޮންޓްރޯލު އޮތީ ކިހިނެއްކަން ދައްކުވައިދޭން

ކޮމެންޓް (5)

ސާބަސް

22 މޭ 2025
އެއްވަނަ 💯 🫡 މިއީ އިންޓެގްރިޓީގެ ނަމޫނާއެއް
0 0

އިމްރާން ހާން

15 މޭ 2025
ރިފޯމްގެ އަންމައާ އައްޕަކަމަށް ދައުވާ ކުރާ އެމްޑީޕީއިްނ ޖުޑީސަލް ކަމިސަންއިން ސިޔާސީ މީހުން ބޭރުކޮށް މިނިވަން ކުރަން ވައުދު ވެގެން ރައްޔިތުން ސުޕަރ މެޖޯރިޓީ ދިނީމާ އެކަން ނުކޮށް ދައުރު ނިންމާލީ ކީއްވެތޯ އެޕާޓީ ޕާރލިމެންޓް ރައީސް އާޒިމާ ޕާޓީ ރައިސް ފަޔާ އެންޑިޕީ ޖުޑީސަލް ރައީސް ހިސާނު ކައިރީ އަހ ބުނާ އެއްޗެއް ދިރާސާ ކޮށް ގެނެަސް ދޭނެ އެންމެ ނޫސްވެރިއެއްވެސް މިގައުމުގައި ނެތިއްޔާ މާނައަކީ ރައްޔިތުންގެ ހައްގުގައި އުޅޭނެ މީޑީއާއެއްމިރާއްޖެއަކުނެތޭ.
1 0

ކޮސް

14 މޭ 2025
އަޒުމިރަލްދާއަށް ސާބަސް. މުއިއްޒުގެ ވެރިކަން ނިމޭ މަންޒަރު ކަމަނާއަށް ފެނިވަޑައިގަންނަވާ މަންޒަރު އަޅުގަނޑަށް އެބަ އިހުސާސްކުރެވޭ. ތިޔަކުރެއްވި ހިތްވަރުފުޅަށް ސެލިއުޓުއަރުވަން.
2 0

ތެފައާސާ.

14 މޭ 2025
މިއަދު ބާރެއް ލިބިފައި އޮތީތީ ބޭނުން އެއްޗެއް ހެދިދާނެ. ބާރަކީ ތާއަބަދަށް ދެމިއޮންނަ އެއްޗެއް ނޫން. އެއީ އިލާހީ ގާނޫނު. ބޭއިންސާފުވި ހަމަ ކޮންމެ މީހަކާއި އިންސާފު އަރައި ހަމަކުރާނެ. ރައީސް މުއިއްޒުއާއި އިންސާފު އަރާ ހަމަކުރާނެ. ޝާމިލްއާއި އިންސާފު އަރާ ހަމަކުރާނެ. ކުޑަ ކޮމިޓީއާއި އިންސާފު އަރާ ހަމަކުރާނެ. ޖޭއެސްސީއާއި އިންސާފު އަރާ ހަމަކުރާނެ. ޖުޑީޝަރީ ކޮމިޓީއާއި އިންސާފު އަރާ ހަމަކުރާނެ. މަޖިލީހާއިވެސް އިންސާފު އަރާ ހަމަކުރާނެ. އެދުވަހެެއްގެ އިންތިޒާރުގައި އަހަރެމެން އެބަތިބިން.
2 0

2028

14 މޭ 2025
އަޒުމިރަލްދާ ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް. އިންސާފަށް ލޯބިކުރާ ފަރާތްތަކުން އެބަޖެހޭ އަދުލުވެރިކަމާއި އަމާނާތްތެރި ކަން އިސް ނުކުރާ ސިޔާސީންގެ ކިބައިން މިގައުމު ސަލާމަތް ކުރަން. 2028 އަށް ސިޔާސި ޕާޓީތަކުގައި ނެތް އެންމެން ގުޅިގެން ރަނގަޅު ކެންޑިޑޭޓަކު ނެރެން އެބަޖެހޭ މި ކޮރަޕްޓު ސިޔާސީންގެ ކިބައިން މިގައުމު ސަލާމަތް ކުރަން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް