އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ (ފޮޓޯ / ރައީސް އޮފީސް)

އަހުމަދު އުޝާމް

ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވަން؛ އެއީ ދޮގު ތުހުމަތެއް: އުޝާމް

އުޝާމް ވިދާޅުވީ ރައީސް ވެސް އަދި އޭނާ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުުވުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް

ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާ ކަމަށާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދަކީ ސިޔާސީ ބޭފުޅަކަށްވުމުން ސިޔާސީ ވާހަކަ ދައްކަވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް - ވަޒީރުންނާ ސުވާލު ކުރުމަށް އާންމުންނަށް ފުރުސަތުދީގެން ކުރިއަށް ގެންދާ 'އަހާ ފޯރަމް'ގައި މީހަކު އުޝާމްއާ ސުވާލު ކުރީ ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ކަމަށް ހުސްނުއްސުއޫދާއި ބައެއް އާންމުން ވެސް ބުނަމުންދާތީ އުޝާމް އެފަދަ ކަމެއް ކުރައްވާފައިވާނެތޯ އެވެ.

ބުނީކީކޭ؟ - އެ ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އޭނާގެ ފަރާތުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

"ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދަކީ ސިޔާސީ ބޭފުޅެއް. އެ ބޭފުޅާ ސިޔާސީ ވާހަކަ ދައްކަވާނެ. އެކަމަކު އަޅުގަނޑުގެ މިޒާޖު ހުންނަ ގޮތުން އެހެން ދައްކާ ސިޔާސީ ކޮންމެ ވާހަކައަކަށް އަޅުގަނޑުމެން ރެސްޕޮންޑު ނުކުރާތީ ވަރަށް ގިނަ ރައްޔިތުންނަށް ގަބޫލު ކުރެވެނީ ކަންނޭނގެ އެހެންކަން އެހެން ހިނގާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ސަރުކާރުގައި މިހާތަނަށް އެކި ގޮތް ގޮތުން އަދި އެކި މީހުން މެދުވެރިކޮށް ރައީސް މުހައްމަދު މުއިއްޒަށް ހުސްނުއްސުއޫދު ފޮނުއްވާފައި ހުރި މެސެޖުތަކާއި ރައީސާ ބައްދަލުވެގެން ދެއްކެވި ވާހަކަތަކަށް ބަލާއިރު ނުފޫޒު ފޯރުވާފައި ހުންނަވާނީ ސުއޫދު ކަމަށެވެ.

"ޖުޑިޝަރީއަށް ނުފޫޒު ފޯރުވާފައި ވެސް ހުންނާނީ ވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވާފައި ވެސް ހުންނާނީ އެ ބޭފުޅާ. އަޅުގަނޑު ހަމަ ވަރަށް ޔަގީންކަމާ އެކު މި ދަންނަވަނީ،" އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އެކަން އެއްވެސް އިރަކު، އެއްވެސް އިދާރާއަކުން ތަހުގީގުކޮށްފި ނަަމަ ޖަވާބުދާރީވެވަޑައިގެންނެވޭނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑެއް ނޯންނާނެއޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސުޕްރީމު ކޯޓުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭސީސީ)ން ނިންމައި މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިގެން އެ ނިންމުމަށް އެ ކޮމިޓީން ވެސް ތާއީދުކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ތުހުމަތުތަކެއް ކުރެވޭ ކަމަށް މިރޭ އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑު ކޮންމެވެސް އެޖެންޓެއް ފޮނުވައިގެން އިންޒާރެއް ދިން ވާހަކަ. އަޅުގަނޑު އެޖެންޓެއް ފޮނުވައިގެން އިންޒާރެއް ނުދެން. އަޅުގަނޑުގެ ރައްޓެއްސަކާ ދެކެވުނު ވާހަކައެއް، ކަންދިމާކުރި ގޮތުން އެއީ ޑރ. އަޒްމިރަލްދާގެ ވެސް ކޮމަން ފްރެންޑެއް. ދެކެވުނު ވާހަކައެއްގެ ތެރެއިން އެ މީހަކު އެ ގޮސް ދެއްކި ވާހަކައިން އެއީ އެލިގޭޝަނެކޭ އެ ވިދާޅުވަނީ. އެކަމަކު އެއީ އެހެން ހިނގައިދިޔަ ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާ ގުޅޭ ދުސްތޫރީ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް، ކުރިން ނުބަލައި އޮތް ސުލޫކީ މައްސަލައެއް ބަލާނެ ކަމުގެ އިންޒާރު ބަންޑާރަނައިބު އުޝާމް ދެއްވި ކަމަށް އަޒްމިރާލްދާ ވަނީ ވިދާޅުވެފަ އެވެ.

އުޝާމް ވިދާޅުވީ އެކަން ހިނގީ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ މައްސަލައިގެ މާ ކުރިން ކަމަށެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ ރަހުމަތްތެރިޔާއާ އެ ބުނާ އެޖެންޓަކާ ދެކެވުނު ވާހަކައެއް ދެކެވުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު. އޭރުގައި ސުޕްރީމް ކޯޓުގެ މައްސަލާގައި ހިޔަރިންއެއް ތާވަލެއް ވެސް ނުކުރޭ. އޭގެ ފަހުން ސުޕްރީމް ކޯޓުގެ މައްސަލާގައި ދެ ހިޔަރިންއެއް ތާވަލު ކުރެވުނު،" އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އަޒްމިރަލްދާ ވެސް އެ އަޑުއެހުމުގައި އިންނެވި ކަމަށެވެ. މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާއިރު، އޭރު އެ ވާހަކަ ނުދެއްކެވީ ކީއްވެތޯ ވެސް އުޝާމް ސުވާލު އުފެއްދެވި އެވެ.

"އެހާ ސީރިއަސް އެލިގޭޝަނެއް އަޅުގަނޑަށް އަދި ރައީސަށް ކުރައްވާއިރު، މައްސަލައިގެ ދެ ހިޔަރިން ދިޔައިރު ކީއްވެތޯ އެ ވާހަކަ ވިދާޅުނުވީ؟ މިހާރު އެ ބޭފުޅުން ނުކުންނަވާފައި ނޫސްބަޔާންތައް ވެސް ދެއްވަނީ؟ އެ ބޭފުޅުންގެ ސުލޫކީ މައްސަލައެއް ދިމާވެގެން ސުލޫކީ މައްސަލައެއް ބަލަން ފެށީމާ ދެން މިހާރު މި ހުރިހާ ވާހަކައެއް ދައްކަނީ،" އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ރައީސް ވެސް އަދި އޭނާ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުުވުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ފާހަގަކުރެވޭ - މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ހަތް ފަނޑިޔާރުންގެ ފުރިހަމަ ބެންޗުން ބަލަމުން ދަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

  • ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން

ސުއޫދު އިސްތިއުފާދެއްވީ ދުސްތޫރީ މައްސަލަ ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުންނެވެ.

ކޮމެންޓް (1)

ތެފައާސާ.

13 މޭ 2025
[..."އަޅުގަނޑާއި އަޅުގަނޑުގެ ރަހުމަތްތެރިޔާއާ އެ ބުނާ އެޖެންޓަކާ ދެކެވުނު ވާހަކައެއް ދެކެވުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު. އޭރުގައި ސުޕްރީމް ކޯޓުގެ މައްސަލާގައި ހިޔަރިންއެއް ތާވަލެއް ވެސް ނުކުރޭ."...] ފާޅުކޮށް އެނގެން ހުންނަ ކަންކަމުގައިވެސް ދޮގު ހަދާލާވަރު މި ހުންނަނީ. ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ 27 ނޮވެމްބަރު 2024 ގައި. މައްސަލަ ތާވަލްކުރީ 30 ޖަނަވަރީ 2025 ގައި. ފުރަތަމަ އަޑުއެހުން ބޭއްވިފައި އޮތީ 17 ފެބްރުއަރީ 2025 ގައި. މިއީ ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރި، ކޮންމެ މީހަކަށްވެސް ވެރިފައި ކޮށްލެވެން ހުރި މައުލޫމާތު. އެކަމަކު ބަންޑާރަނައިބު އެންމެންގެ ކުރިމަތީގައި މޫނަށް ރުލެއްވެސް އަރުވާނުލާ އެ ހަދާލި ބޮޑު ދޮގު ބަލާބަލަ. ކުޑަސޯބު އެނބުރެނީ ބޮޑު ސޯބުއެނބުރޭހެންނޭ މީހުން ކިޔަނީ ހަމަ ރަނގަަޅަށްތާ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް