ޑިފެންސް މިނިސްޓްރީގެ ހަރަކާތެއް ތެރެއިން ރައީސް މުއިއްޒު އަދި ގައްސާން މައުމޫން (ފައިލް ފޮޓޯ/ ޕީއެސްއެމް)

ގައްސާން ވިދާޅުވީ އިންޑިއާ އެއްބަސްވުންތައް އިސްލާހުކުރުމުގެ މަޝްވަރާ އަދިވެސް ކުރިއަށްދާ ކަމަށް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ-ރާއްޖެ އެއްބަސްވުންތަކުގައި ކަންބޮޑުވާ ކަންކަން މިހާރު އިސްލާހުކޮށްފައިވާ ކަމަށް

ކުރީ ސަރުކާރުން އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރިި "ކަންބޮޑުވާ ކަންކަން މިހާރު އިސްލާހުކޮށްފައިވާ" ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވި ނަމަވެސް، އެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކުން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގައްސާން މިއަދު މަޖިލީހުގައި އެގޮތައް ވާހަކަ ދެއްކެވީ، އިންޑިއާ-ރާއްޖެ އަސްކަރީ އެއްބަސްވުންތަކާ ގުޅޭ ގޮތުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު މިދިޔަ ނޮވެމްބަރުގައި ހުށަހަޅުއްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ހާޒިރުކުރުމުންނެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ހުސައިން ޒިޔާދު ސުވާލު ކުރައްވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލު - ޒިޔާދު ކުރެއްވި ސުވާލުތަކުގެ ތެރޭގައި:

  • 1-

    އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ހިމެނޭތޯ

  • 2-

    މިދިޔަ ހޮނިހިރު ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެ އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވެފައިވާއިރު، އެ ބަދަލުތައް ގެނައީ ކޮން ރަށެއްގައިތޯ އާއި އޭގައި ސޮއި ކުރެއްވީ ކޮން ބޭފުޅުންނެއްތޯ

"އެ އެއްބަސްވުންތައް ދެންމެ އިއްޒަތްތެރި މެންބަރު ތިޔަ އިޝާރާތް ކުރެއްވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވާ ގޮތުގެ މަތިން ދެ ގައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވި، އަދިވެސް ކުރެވެމުން އެބަދޭ،" އެ ދެ ސުވާލަށް މާ ބޮޑު ތަފްސީލެއް ނުދެއްވައި ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ގައްސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އެ އެއްބަސްވުންތައް ހާމަ ކުރެއްވުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންވެ، އެ ވައުދު ނުފުއްދެވެނީ ކީއްވެގެންތޯ މެންބަރު ޒިޔާދު ކުރެއްވި އެންމެ ފުރަތަމަ ސުވާލުގައި ހިމެނެ އެވެ.

އެ ސުވާލަށް ގައްސާން ތަކުރާރު ކުރެއްވީ، ހޮނިހިރު ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްވި ޖަވާބެވެ. އެއީ، އެ އެއްބަސްވުންތަކުގައި "ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް" ނުވަތަ ދެ ގައުމުން ވެސް ސިއްރު ހިފަހައްޓަން ޖެހޭ މާއްދާތަކެއް ހުރުމުން ހާމަ ނުކުރެވެނީ ކަމަށެވެ.

ގައްސާންގެ  ޖަވާބުތަކާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަދި އެމްޑީޕީ ސަރުކާރުގައި މި އެއްބަސްވުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި އޭރުގެ ނޫސްވެރިޔާ އަހްމަދު އަޒާން ވެސް ސުވާލު ކުރެއްވި އެވެ. އަޒާން ކުރެއްވި ސުވާލަކީ:

  • 1-

    އުތުރު ތިލަފަޅު (ޔޫޓީއެފް)ގައި އަސްކަރީ ބަދަރެއް ތަރައްގީކުުރުމަށް ހަދާފައިވާ އޮތް އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެސްފައިވޭތޯ

  • 2-

    ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް ހުރި ނަމަވެސް މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހާމަނުކުރެވޭނެ އެއްވެސް އެއްބަސްވުމެއް އޮވެގެން ނުވާނެ؛ އެ ކޮމިޓީއަށް އެއްބަސްވުން ހާމަކުރުމުގެ ވިސްނުމެއް އެބަ ގެންގުޅުއްވަންތޯ

މެންބަރު އަޒާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

"ދެންމެ ތިޔަ އިޝާރަތް ކުރެއްވި ސިފަވަރު [ޔޫޓީއެފް]ގެ އެގްރިމަންޓް [އިސްލާހު ކުރުމު]ގެ މަސައްކަތް ވެސް ކުރެއްވެމުން ދަނީ، ދެ ގައުމުގެ ދޭތެރޭގައި އޮތް ދެ ގައުމުގެ ދޭތެރޭ އޮތް ހައިލެވެލް ކޯޑިނޭޝަން ކޮމިޓީއަކުން. އެ މަސައްކަތް އަދި ދަނީ ކުރެވެމުން،" ގައްސާން ވިދާޅުވި އެވެ

އަޒާން ކުރެއްވި ދެ ވަނަ ސުވާލުގެ ޖަވާބުގައި ގައްސާން ވިދާޅުވީ، މަޖިލީހުގެ ބާރާއި އިމްތިޔާޒަށް މި ސަރުކާރުން ފުރިހަމައަށް އިތުބާރު ކުރާނެ ކަމަށާއި "241 ކޮމިޓީއަށް ދެވޭނެ ހުރިހާ މައުލޫމާތެއް ދޭނެ" ކަމަށެވެ.

ގައްސާން ފާހަގަކުރެއްވި ހައިލެވެލް ކޮމިޓީގެ ބައްދަލުވުން އެންމެ ފަހުން ބާއްވާފައި އޮތް ކަމަށް ސަރުކާރުން ހާމަކޮށްފައި ވަނީ މިދިޔަ މެއި މަސް ތެރޭގަ އެވެ. އޭގެ ފަހުން އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައި ނުވާތީ، އެކަމާ ގުޅިގެން ވެސް އަޒާން އިތުރު ފުރުސަތެއްގައި ގައްސާންއާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބުގައި ގައްސާން ވިދާޅުވީ:

  • "އަޅުގަނޑަކީ އެ ކޮމިޓީގެ މެންބަރެއް ނޫން. ދެން އެޖެންޑާ ކުރެވޭނެ ވަގުތެއް އަޅުގަނޑަކަށް އަންގާފައެއް ނެތް."

  • ނަމަވެސް އެ މައުލޫމާތު ހޯދަން މަޖިލީހުން އެދިއްޖެ ނަމަ، 241 ކޮމިޓީއާ ހިއްސާ ކުރާނަން

މި އެއްބަސްވުންތަކުގައި މިނިވަންކަން ގެއްލޭ ގޮތަށް މާއްދާތަކެއް ހުރިތޯ، ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ސުވާލު ކުރެއްވުމުން އެ ސުވާލަށް ޖަވާބު ދެއްވަން ގައްސާން ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

"ކޮންފިޑެންޝިއަލިޓީ ކްލޯސްތައް މި ހުންނަ ގޮތުން އެކަމާ ދޭތެރޭ ކުރެވޭ މަޝްވަރާއެއް ވެސް، ގެނެވޭ ބަދަލެއް ވެސް އަޅުގަނޑުމެންނަށް ހާމަކުރެވެނީ ދެ ފަރާތުން އެއްބަސްވެގެން. އެހެންވީމަ، މި ބްރޯޑްކާސްޓް ކުރެވޭ ފޯރަމްގައި އަޅުގަނޑު އެއްޗެއް ދަންނަވާލަން އުޒުރުވެރިވަން،" އޭނާ ވިދާޅުވި އެވެ.

އެ އެއްބަސްވުންތައް ހާމަކުުރުމަށް އޭރު ޕީޕީއެމް-ޕީއެންސީ އިދިކޮޅުގައި އޮތް އިރު ވެސް ގޮވަމުންދިޔަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ބުނަމުން އައީ އެއްބަސްވުންތައް ހާމަނުކުރެވެނީ އޭގައި ދެ ގައުމުން ވެސް އެ އެއްބަސްވުންތަކުގެ ސިއްރުކުރަން ހިފަހައްޓަން ޖެހޭ ކަމަށް ބަޔާން ކުރާ މައްދާތަކެއް ހުރުމުންނެވެ.

ރައީސް ވިދާޅުވީ ކަންބޮޑުވާ ކަންކަން އިސްލާހުކޮށްފައިވާ ކަމަށް

ރައީސް މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު 13 ގަޑިއިރަށް ވުރެ ދިގުކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: (ފޮޓޯ/ރައީސް އޮފީސް)

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްވި ޕްރެެޒެންޓޭޝަންގެ ތެރެއިން އެ މަނިކުފާނު ވިދާޅުވީ، އެ އެއްބަސްވުންތައް ހާމަކުރުމަށް ރައްޔިތުންނަށްވީ ވައުދު ފުއްދުމަށްޓަކައި އިންޑިއާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަން ކުރަނީ ކޮންމެހެން އޭގައި "ކަންބޮޑުވާން ޖެހޭ ކަންކަން ހުރެގެން ނޫން" ކަމަށެވެ. އެ މަޝްވަރާތައް ކުރަނީ، ރައީސް ވިދާޅުވި ގޮތުގައި، އެ ވައުދު ފުއްދުމުގެ ބޭނުމުގައި އެ އެއްބަސްވުންތަކުގައި ދެ ގައުމުން ވެސް ސިއްރު ހިފަހައްޓަން ޖެހޭނެ ކަމަށް ބަޔާން ކުރާ މާއްދާތަކެއް ހުރުމުންނެވެ.

ރައީސްގެ އެ ވާހަކަތަކާ ގުޅިގެން 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ވާހަކަތައް އިތުރަށް ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ކަންބޮޑުވާ ކަންކަން ނެތް ކަމަށް ފާހަގަކުރެއްވީ މިހާރު އެ އެއްބަސްވުންތައް އިސްލާހުކޮށްފައިވާތީ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ރައީސް ނުދެއްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް