5 ފެބްރުއަރީ 2024: އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާއަށް ވަޑައިގަންނަވަނީ (ފޮޓޯ/މަޖިލިސް)

ރާއްޖެ-އިންޑިއާ

ރާއްޖެ-އިންޑިއާ މަޝްވަރާތަކުގެ ހަތަރުވަނަ ބައްދަލުވުން ދިއްލީގައި ބާއްވައިފި

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގައި ތިބި ސިފައިން ބަދަލުކުރުމުގެ ކަންކަން މި މަހު 10އަށް ނިންމާލެވޭނެ ކަމުގެ ހިތްހަމަޖެހުން ދެ ގައުމުން ފާޅުކުރި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަބުރާ ގެންދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ބާއްވަމުން އަންނަ މަޝްވަރާތަކުގެ ހަތަރުވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވައިފި އެވެ.

ތަފްސީލް - ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި މިހާރު ތިބި އިންޑިއާ އަސްކަރިއްޔާގެ ފަހު ޓީމު ބަދަލުކުރުމުގެ ކަންކަން މި މަހު 10އަށް ނިންމާލެވޭނެ ކަމާއި އެކަމާ ގުޅޭ ލޮޖިސްޓިކް ހުރިހާ އިންތިޒާމުތަކެއް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމުގެ ހިތްހަމަޖެހުން ދެ ގައުމުން ވެސް ފާޅުކުރި ކަމަށެވެ.

އިންޑިއާ-ރާއްޖެ ވާހަކަތައް ކުރިއަށް ގެންދާ މަތީ ފެންވަރުގެ ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި، ތަރައްގީ އާއި ދިފާއީ ގޮތުން ދެ ގައުމުން އެއްބާރުލުން ދިނުމަށް ޝައުގުވެރިވާ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި:

  • ދެ ފަރާތުން ވެސް ވަނީ މިހާރު ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދެމުން އަންނަ ދާއިރާތަކާއި ގޮތްތައް މުރާޖައާކޮށްފައި 

  • ކޯ-ގްރޫޕްގެ ފަސްވަނަ ބައްދަލުވުން ދެ ފަރާތުން އެއްބަސްވާ ތާރީހެއްގައި ޖޫން/ޖުލައި ތެރޭ މާލޭގައި ބޭއްވުމަށް އެއްބަސްވި

އެނގުން މުހިއްމު - ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވެފައިވާ ގޮތަށް އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު، ހެލިކޮޕްޓަރު ދުއްވުމާ ހަވާލުވާން އެ ގައުމުގެ މަދަނީ ބަޔަކު މިހާރު ތިބީ ރާއްޖޭގަ އެވެ.

ތިން ބެޗަކަށް އިންޑިއާ ސިފައިން ފައިބާ ގޮތަށް ހަދާފައިވާ ތާވަލާ އެއްގޮތަށް މިިދިޔަ މަހުގެ 9ގައި ދެވަނަ ބެޗު ވަނީ އަނބުރާ ފޮނުވާލާފަ އެވެ.

ފަސްމަންޒަރު - ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ރަސްމީ މަޝްވަރާތައް ފަށާފައިވަނީ 14 ޖެނުއަރީގަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދާ ކޯ-ގްރޫޕަކީ މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް 28 ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި އިއުލާނުކުރެއްވި ކޮމިޓީއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް