14 ޖަނަވަރީ 2024: ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް އިންޑިއާގެ އޮފިޝަލުން ވަޑައިގަންނަވަނީ. (ދައުރު ފައިލް ފޮޓޯ/މުހައްމަދު އަމާން)

ރާއްޖެ-އިންޑިއާ

އިންޑިއާ ސިފައިންގެ ދެވަނަ ބެޗު އަނބުރާ ފޮނުވާލައިފި

ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ރާއްޖެއިން ފައިބައިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ވެސް މިހާރު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު އައްޑޫއަށް ވަޑައިގެން ހިތަދޫގައި މިހާރު ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ތަފްސީލް - އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ ދެ ގައުމުން އެއްބަސްވެގެން، ތިން ބެޗަކަށް އިންޑިއާ ސިފައިން ފައިބާ ގޮތަށް ތާވަލެއް ހަދާފައިވާ ކަމަށެވެ.

"ފުރަތަމަ ބެޗު ފައިބައިފައި ވަނީ. މިހާރު 9 އެޕްރީލުގައި ވަނީ ދެވަނަ ޕްލެޓުފޯމުގެ ސިފައިން އަނބުރާ ގެންގޮސްފައި. އެހެންވީމާ، ތިން ޕްލެޓުފޯމުގެ ތެރެއިން ދޭތި ދުއްވަން ތިބި މީހުން ފައިބައިފި. ބާކީ އޮތީ އެންމެ ޕްލެޓްފޯމެއް. 10 މޭގައި، ވައުދުވެފައިވާ ގޮތަށް، އެ މީހުން ވެސް ފައިބާނެ، އެހެންވީމާ ވައުދު ފުދުނީނޫންތޯ؟" ރައީސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެން ހިތަދޫގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ޕީއެންސީ)
ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެން ހިތަދޫގައި ބޭއްވެވި ޖަލްސާގައި ސަޕޯޓަރުން ތަރުހީބު ދެނީ. (ފޮޓޯ/ޕީއެންސީ)

އެމަނިކުފާނު ވިދާޅުވީ ބޭރުގެ ސިފައިން ފޮނުވާލުމުގެ އިތުރުން، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހިންގެ އަމިއްލަ ކެޕޭސިޓީ މިދިޔަ ހަތަރު މަސް ތެރޭ ދިވެހި ސިފައިންގެ ތެރޭގައި ގާއިމުކޮށްފައިވާ ކަމަށެވެ. އެއީ، ނިކަމެތިކަމެއް ނުވާ ކުޑަކުޑަ ގައުމެއްގެ ގޮތުގައި އޮތުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ފަސްމަންޒަރު - ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ރަސްމީ މަޝްވަރާތައް 14 ޖެނުއަރީ އިން ފެށިގެން އައީ ބާއްވަމުންނެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދަނީ މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް 28 ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި އިއުލާނުކުރެއްވި ކޯ-ގްރޫޕުންނެވެ.

މި ކޯ-ގްރޫޕްގެ ތިންވަނަ މަޝްވަރާ ބައްދަލުވުން މިދިޔަ މަސްތެރޭ ވަނީ ބާއްވާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް