ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަދައްކަވަނީ (ފައިލް ފޮޓޯ/ރައީސް އޮފީސް)

އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އަމީންއަށް ފޮނުވައިފި

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ގޮތް ސިއްރުކުރަން ފުލުހުންގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް

މާލޭގެ އިމާރާތަކުން ވެއްޓި ގެެއެއްގެ ފުރާޅުމަތީގައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައާ ގުޅުވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، އޭނާއަށް މަޖިލީހުން ފޮނުވައިފި އެވެ. 

ވީ ކިހިނެއް؟ - އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު އެވެ. އެ މައްސަލަ ހުށަހެޅީ ޔުމްނު، 21، ވެއްޓުނު ގޮތް ސިއްރުކުރަން ފުލުހުންގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.

ތަފްސީލް - މަޖިލީހުގެ އިދާރާއިން މިއަދު 'ދައުރު' އަށް ބުނިގޮތުގައި މައްސަލައިގެ ނޯޓިސް އަމީންއަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. 

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން:

  • މެމްބަރަކަށް ވަޒީރާކާ ސުވާލު ކުރެވޭނީ އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް ފޮނުވައި 14 ދުވަސް ދިނުމަށް ފަހު 

  • އޭގެ ކުރިން ވެސް ވަޒީރު އެ ސުވާލަށް ޖަވާބުދެއްވަން ތައްޔާރުވެ، އެކަން އަންގަވައިފި ނަމަ، މަޖިލީހުގެ ޖަލްސާއަކަށް ސުވާލުކުރުން އެޖެންޑާ ކުރުމުގެ އިހުތިޔާރު މަޖިލީހުގެ ރައީސްއަށް އޮންނާނެ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް މި މައްސަލަ ވެއްދުމަށް ފަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އަމީންގެ ގެ ފާސްކުރަމުން ދިޔަ ވަގުތު، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް އަމީން ގުޅުއްވި ކަމަށެވެ. އެ ގޭގެ ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް ބުނެ ފުޓޭޖުތައް ދައްކަން އިންކާރުކޮށްފައިވުމާއި އެ ފުޓޭޖުތައް ބަލަން މިހާތަނަށް ފުލުހުން މަސައްކަތްކޮށްފައި ނުވުމަކީ މަގާމުގެ ނުފޫޒު އަމީން ފޯރުވާފައިވާކަން ހާމަވާ ކަމެއްކަމަށް އެމްޑީޕީން ތުހުމަތުކުރެ އެވެ.

އެނގުން މުހިންމު - ޔުމްނު ވެއްޓުމުގެ ކުރިން އޭނާ ވެސް ބައިވެރިވި ޕާޓީއެއް އަމީނުގެ ގޭގައި އޮތް ނަމަވެސް ފުލުހުން އެ ގޭގެ ނަން ފުރަތަމަ ހާމަނުކުރުމުންނާއި ފުލުހުން އަމަލުކުރި ގޮތުން މައްސަލަ ވަނީ ހޫނުވެފަ އެވެ. މީހުންގެ ޝަކުވާ ބޮޑުވި ފަހުން ގޭގެ ނަމާ އެކު ފުލުހުން ހާމަކުރި މައުލޫމާތުން އެނގޭގޮތުގައި އެ ޕާޓީގައި އަމީނަށް ބޮޑުބޭބެ ކިޔާ އަދި ސަރުކާރުގެ އިސް މަގާމެއްގައި ތިބި ދެ މީހަކު ވެސް ހިމެނުނެވެ. 

އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި:

  • ޕާޓީ ހިނގި ވަގުތު އޭނާ ރާއްޖެއަކު ނެތް

  • ޕާޓީ އޮތީ އަމީންއާ ސީދާ ގުޅުމެއް ނެތް އެޕާޓްމަންޓެއްގައި

  • ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ ކަން ހިނގި ދުވަހާ ޖެހިގެން އައި ދުވަހުގެ ހަވީރު

  • ފުލުހުންނަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް އޭނާ ނުކުރައްވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް