ޖައުސާ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ 'ދަ ގާޑެން'ގެ އިމާރާތް (ކަނާތްފަރާތުގައި): (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)
ޖާހު ބޭނުންވި ގޮތަށް އެޗްޑީސީން ބިން އަތުލުން ކޯޓުން ނުހުއްޓުވި
ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި 'ދަ ގާޑެންސް' ފްލެޓްތަކުގެ މަސައްކަތް ނިންމަން އެކި ފަހަރު މަތިން ނޯޓިސް ދިނުމަށް ފަހު ވެސް އެ ކަން ނުވުމުން އެއްބަސްވުން ބާތިލްކުރި މައްސަލާގައި ޖާހު ކުންފުނިން ސިވިލް ކޯޓުގައި އެޗްޑީސީން އެ މަޝްރޫއު ހިންގާ ބިމާއި އިމާރާތް ހަވާލުވުން ހުއްޓުވުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ޖާހު ކުންފުންޏާ 'ދަ ގާޑެންސް' ތަރައްގީކުރަން ހަވާލުކުރީ 2017ގަ އެވެ. ނަމަވެސް ބޮޑު އަގުގައި އެކި މީހުންނަށް ވިއްކި ފްލެޓްތައް ނިންމައިފައި ނުވާތީ ޝަކުވާ ކުރަމުން އަންނަތާ ވެސް އެތައް އަހަރެކެވެ.
އެކަމާ ގުޅިގެން އެޗްޑީސީން 27 ޖެނުއަރީގައި އެ ކުންފުންޏަށް ފަހުގެ ނޯޓިސް ދިނެވެ. އެ ނޯޓިސްއާ އެއް ގޮތަށް މަސައްކަތް ނުނިންމުމުން އެއްބަސްވުން ބާތިލްކުރީ 16 މާޗުގަ އެވެ. އެ މައްސަލަ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނަށް ޖާހު ކުންފުނިން ހުށަހެޅީ މި މަހު13ގަ އެވެ.
ތަފްސީލް - ނަމަވެސް ޖާހު ކުންފުނިން އެދޭ ވަގުތީ އަމުރު ނެރެދޭން ޖެހޭ ހާލަތެއް ނެތް ކަމަށް ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރި އެވެ. އެއާ އެކު:
-
މިއަދު ހެނދުނު 10 ޖެހުމުގެ ކުރިން އެޕާޓްމަންޓްތަކުގެ ތަޅުގަނޑިތަކާއި ބިން އެޗްޑީސީއަށް ހަވާލުކުރަން ޖާހު ކުންފުންޏަށް އެޗްޑީސީން ވަނީ އަންގާފައި
-
އެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވާ ސައިޓްގައި މިއަދު ހަވީރު ކުޑަ އެއްވުމެއް ވެސް ރާވާފައިވޭ
ފާހަގަ ކުރެވޭ ކަމެއް - ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ޖާހު ކުންފުނީގެ ހުރިހާ އެކައުންޓެއް ފްރީޒްކޮށް ފައިސާ ހިފަހައްޓަން ވެސް އަމުރެއް ނެރެފައިވެ އެވެ. އެފަދަ އަމުރެއް ނެރުނު ކަން ސިވިލް ކޯޓުން ޔަގީންކޮށްދިން ނަމަވެސް ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.
ކޮމެންޓް (1)
އައުލާ