ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ރައްޔިތުންގެ މަޖިލީހުގައި، މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. (ފޮޓޯ/ މަޖިލީސް)

އަލީ އިހުސާން

ހެކިވެރިޔާ ސޮއިކުރާ ވަގުތު ޕާޓީގެ ފޯމު ފުރި މީހާ ކުރިމަތީގައި ހުންނާކަށް ނުޖެހޭ: އިހުސާން

އިހުސާން ވިދާޅުވީ ޑީއެންއާރުގެ މީޓިން ރޫމުގައި ގަނޑުކޮށް ފުރާފައިވަނީ ސިޔާސީ މުވައްޒަފުންގެ އާއިލާތަކުގެ ތެރެއިން ލިބުނު ފޯމުތައް ކަމަށް؛ ފޯމުގައިވާ މައުލޫމާތު ޔަގީންވާ ނަމަ ކޮންމެހެން ފޯމު ފުރި މީހާ ކުރިމަތީގައި ނޫނަސް ހެކިވެރިޔާއަށް ސޮއިކުރެވޭނެ ކަމަށް އޭނާ ވިދާޅުވި

ސިޔާސީ ޕާޓީއަށް މީހަކު ވަންނަން ފޯމު ފުރުމަށް ފަހު، ފޯމުގައި ހެކިވެރިން ސޮއިކުރަން ޖެހެނީ ކޮންމެހެން ފޯމު ފުރި މީހާގެ ކުރިމަތީގައި ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިހުސާން ހާޒިރުކުރީ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މީޓިން ރޫމުގައި ވެރިކަންކުރާ ޕީއެންސީއަށް 'ގަނޑުކޮށް' ފޯމުތަކެއް ފުރި ކަމަށް ފެންނަ މައްސަލާގައި ސުވާލުކުރުމަށެވެ.

މީގެ ކުރިން މި މައްސަލާގައި އިހުސާންގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅުމުން، އޭރު ވެސް މަޖިލީހަށް ހާޒިރުވެ އިހުސާން ވިދާޅުވެފައިވަނީ ބައެއް ފޯމުތަކުގައި ހެކިވެރިންގެ ގޮތުގައި ސޮއިކުރީ އެ ތަނުގައި ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުން ސުވާލުކުރެއްވީ މިނިސްޓަރުގެ އެ ވާހަކައާ ގުޅޭ ގޮތުންނެވެ. އެ ގޮތުން ޑީއެންއާރުގެ މީޓިން ރޫމުގައި ހޯމް މިނިސްޓްރީގެ ބައެއް ސިޔާސީ މުވައްޒަފުން ހެކިވެރިންގެ ގޮތުގައި ފޯމު ފުރި މީހާ ކުރިމަތީގައި ނެތަސް ސޮއިކުރިތޯ މެންބަރުން ސުވާލުކުރެއްވި އެވެ.

ބުނީ ކީކޭ؟ - އިދިކޮޅު މެންބަރުންގެ ސުވާލުތަކުގެ ޖަވާބުގައި އިހުސާން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވައްދާއިރު އާންމުކޮށް ކަން ކުރާ ގޮތަކީ ވެސް ފޯމުގައިވާ މައުލޫމާތަށް ހެކިވުމުގެ ގޮތުގައި ހެކިވެރިޔާ ސޮއިކުރުން ކަމަށެވެ. ފޯމު ފުރި މީހާ ކުރިމަތީގައި ނެތަސް ހެކިވެރިޔާއަށް ސޮއިކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޯމުގައި ހެކިވެރިޔާ މި ސޮއިކުރަނީ އޭގައި މި ހުރި މައުލޫމާތަށް ހެކިވާ ކަމަށް. ކޮންމެހެން ހެކިވެރިޔާ ހުންނާކަށް ނުޖެހޭ ފޯމު ނިސްބަތްވާ ފަަރާތް ކުރިމަތީގައި، އޭނާ ވެރިފައި މި ކޮށްދެނީ މި ފޯމުގެ ވެރިއަކީ މިއީކަން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން އެހެން ވިދާޅުވުމުން، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ ސުވާލުކުރަން ލިބުނު ފުރުސަތުގައި ޕާޓީއަށް ވަންނަަ ފޯމުގައި އޮންނަ އިގުރާރު ވެސް ވިދާޅުވެފަ އެވެ.

"ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި ސޮއިކޮށްފައި މި ވަނީ އަޅުގަނޑުގެ ހާޒިރުގައޭ. އެއީ އިގުރާރުގެ ގޮތުގައި،" މައުރޫފް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު(ފޮޓޯ/މަޖިލިސް)

މައުރޫފްގެ ސުވާލާ އެކީ އިހުސާން ދެން ވިދާޅުވީ އޭނާ ދެއްކެވި ވާހަކައަކީ ފޯމު ނިސްބަތްވާ މީހާ ޕާޓީއަށް ވަންނަން ސޮއިކުރަން ޖެހެނީ ޕާޓީގެ މީހެއް ކުރިމަތީގައި ކަމަށެވެ. ނަމަވެސް ހެކިވާ މީހާ ފަހުން ވެސް ހެކިވެރިޔާގެ ބައިގައި ސޮއިކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީއަށް މީހަކު ސޮއިކުރާއިރުގައި ސޮއިކުރަން ޖެހެނީ ހެކިވެރިޔެއްގެ ހާޒިރުުގައި [ޕާޓީގެ ފަރާތުން]. ހެކިވެރިޔާގެ ހާޒިރުގައި ސޮއިކުރުމަށް ފަހު ދެން ހެކިވެރިޔާ އެ ފޯމުގައި ސޮއިކުރާއިރު ކޮންމެހެން ޕާޓީއަށް ސޮއިކުރި މީހާ ހުންނާކަށް ނުޖެހެއޭ،" އިހުސާން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ޕީއެންސީއަށް ވަގަށް ވައްދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ފޯމުތަކެއްގައި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ ސޮއި ހެއްކެއްގެ ގޮތުގައި އޮތް ކަމަށް ބުނެ އޭނާއަށް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ޕީއެންސީއަށް މެންބަރުން ސޮއިކޮށްފައިވާ އެއްވެސް ފޯމެއްގައި ހެކީގެ ގޮތުގައި އޭނާ ސޮއިކުރައްވާފައި ނުވާ ކަމަށެވެ. ސޯޝަލް މީޑިއާގައި އޭނާގެ ސޮއި އޮތް ފޯމުތަކެއްގެ ފޮޓޯތަކެއް ފެނުނު ކަމަށާއި އެއީ އުފައްދާފައިވާ ފޯމުތަކެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

މި މައްސަލާގައި އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. އިތުބާރު ނެތްކަމުގެ މައްސަލައަށް، އިހުސާން މަޖިލީހަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވި އެވެ. ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ އިހުސާނަށް އިތުބާރު އޮތް ކަމަށެވެ.

ފަސްފަހަތް - ސަރުކާރު ހިންގާ ޕީއެންސީއަށް 75،000 މެންބަރުން ހަމަކުރުމުގެ މެންބާޝިޕް ޑްރައިވްގެ ބޮޑު ހަރަކާތެއް ހިންގަމުން ދަނިކޮށް އެ ޕާޓީއަށް ގިނަ އަދަދެއްގެ ސައްހަ ފޯމު ފުރި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައި ޕްރޮސެސްކުރެވިފައިވާ ކަން ފެންމަތިވީ، އިދިކޮޅު އެމްޑީޕީގެ ބައެއް އިސް މެންބަރުން ވެސް ޕީއެންސީގެ ދަފްތަރުގައި އޮތް ކަން އެނގިގެނެވެ.

އޭގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވެސް ހިމެނުނެވެ.

ކޮމެންޓް (2)

ވަންޅޯ

24 އޭޕްރީލު 2025
ހަމަ ގައިމުވެސް މަގޭ އިތުބާރު އިހުސާނަށާއި މިސަރުކާރަށް ގެލިއްޖެ!
1 0

ޕޮލި

23 އޭޕްރީލު 2025
ވަން މީހާއަށް އެނގޭކަށްވެސް ނުޖެހެ ދޯ. އަހަރެން ބައްޕަވެސް އެބައިން ވައްދާފަ. ކިހިނަކުން ކަމެއް ނޭނގެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް