ޑީއެންއާރުގެ މީޓިން ރޫމްގައި ޕިއްޒާ އަތުރާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޑީއެންއާރުގެ ވެރިން ޕިއްޒާ ޕާޓީއަކުން 'މަލާމާތް'ކޮށް ނޫސްވެރިންނަށް ފިލައިފި
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތުތަކުން ވައްކަންކޮށް، އެ އޮފީހުގެ ތެރޭގައި ޕީއެންސީއަށް ފޯމު ފުރިކަމުގެ ތުހުމަތު އަމާޒުވެފައި އޮއްވާ، 'މަލާމާތެއް'ގެ ގޮތުގައި ޕިއްޒާ ޕާޓީއެއް ބޭއްވުމަށް ފަހު ޑީއެންއާރުގެ ވެރިން ނޫސްވެރިންގެ ސުވާލުތަކަށް ފިލައިފި އެވެ.
އެނގުން މުހިންމު - ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ބޮޑު ކެމްޕެއިނެއް ފަށާފައި ވަނިކޮށް މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ސޯޝަލް މީޑިއާއަށް ފެންމަތިވަމުން ދަނީ ޕީއެންސީއަށް ވަގަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލަ އެވެ.
ޑީއެންއާރުގެ ތެރޭގައި ވަކިން ހުންނަ މީޓިން ރޫމެއްގައި ޕީއެންސީގެ މެމްބަޝިޕް ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ވަނީ ދައުރުވެފަ އެވެ. އިތުރު ފޮޓޯއެއްގައި ހަމަ އެ ތަނުގައި ޕިއްޒާ ޕާޓީއެއް ބާއްވާ މަންޒަރު ވެސް ފެނެ އެވެ. އެ ފޮޓޯތަކުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި އަހްމަދު އާލީގެ އިތުރުން ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ހުންނަވާ ތަން ވެސް ފެނެ އެވެ.
'ވަގު ފޯމުތަކު'ގައި ހެއްކެއްގެ ގޮތުގައި އާލީގެ ސޮއި އޮތުމާ އެކު އޭނާއަށް ވެސް ގިނަ ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ.
ވީ ކިހިނެއް؟ - ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށް ޑީއެންއާރުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލަން ކަމަށް ބުނެ ޑީއެންއާރުން ވަނީ މިއަދު މެންދުރު 1:00އަށް ޑީއެންއާރަށް އައުމަށް މީޑިއާތަކަށް ދައުވަތު ފޮނުވާފަ އެވެ.
އެގޮތުން މިއަދު ނޫސްވެރިން ގެންދިޔައީ 'ވަގު ފޯމުތައް' ފުރުމުގެ މަސައްކަތް ކުރި މީޓިން ރޫމަށެވެ. އެ ތަނަށް ދިޔައިރު އާންމުވި ފޮޓޯތަކާ އެއްގޮތަށް، މީޓީން ރޫމުގެ މޭޒުމަތީގައި ޕިއްޒާތަކެއް އަތުރާފައި ހުރުމުން ބައެއް ނޫސްވެރިން އެކަން ސިފަކުރީ މަލާމާތެއްގެ ގޮތުގަ އެވެ.
ގިނަ އަދަދެއްގެ ނޫސްވެރިން އެތަނަށް ދިއުމުން އަލުން ބޭރަށް ގެންދިއުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިންނަށް 'މައުލޫމާތު ދެއްވީ' 'ވަގު ފޯމު' މައްސަލައިގައި ތުހުމަތުތަކެއް އަމާޒުވެފައިވާ އާލީ އާއި މަޖީދު އެވެ.
ބުނީ ކީކޭ؟ - ބްރީފިން ފަށަމުން ވެސް މަޖީދު ވިދާޅުވީ "އަސްލެއް، އަސާސެއް ނެތް" ތުހުމަތުތަކެއް ޑީއެންއާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ނޫސްވެރިންގެ ވެސް ސުވާލުތަކާއި ކަންބޮޑުވުން ހުންނާނެކަން ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް ސުވާލުތައް އަމާޒުކުރަންވާނީ، ޖަވާބުން ރެކުމާއި ސުވާލު ކުރުމުގެ ފުރުސަތު ހަނިކުރަން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ގިނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބޭނުންކުރާ 'ސްކޯޕު'ގެ ތެރެއިން ކަމަށް މާޖިދު ވިދާޅުވި އެވެ.
ހޯމް ޓީމުން (ހޯމްލޭންޑް މިނިސްޓްރީއަށް ނިސްބަތްވާ ސިޔާސީ މުވައްޒަފުން) 1،500 އެއްހާ ފޯމު ހުށަހެޅިކަން ފާހަގަކޮށް، ތުހުމަތުތަކުގެ އަސްލެއް ނެތްކަން ދެއްކުމަށްޓަކައި މަޖީދު ވިދާޅުވީ ޑީއެންއާރުން އެކަމުގެ ބައިވެރިވުމެއް އޮތް ނަމަ އެއަށް ވުރެ ގިނަ ފޯމު ވެސް ހުށަހެޅޭނެ ކަމަށެވެ.
"އެ ތުހުމަތުތަކުގެ އަސްލެއް ނެތްކަން ހަމައެކަނި މި އަދަދުން ވެސް ވިސްނާލީމަ އެނގޭނެ،" މަޖީދު ވިދާޅުވި އެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ފޯމު ފުރުމުގެ މަސައްކަތް ޑީއެންއާރުގެ ތެރޭގައި ކުރުމާ ބެހޭ ގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް މަޖީދު އާއި އާލީ މަސައްކަތް ކުރެއްވީ އެ ސުވާލުތަކުން ރެކުމަށެވެ.
'ދައުރު'ގެ ސީނިއާ ރިޕޯޓަރު މުޒައްޔިން ނާޒިމް އެ ސުވާލު އެންމެ ތިލަކޮށް، "ދެންމެ ވެއްދި އޮފީސް ތެރޭގައި ޕީއެންސީއަށް ފޯމު ފުރާފައިވޭތޯ ނުވަތަ ނޫންތޯ" އެހުމުން ވެސް މަޖީދު ވަނީ އެކަން ދޮގުކުރައްވާފަ އެވެ.
"ދައުލަތުގެ އެއްވެސް އޮފީހެއްގެ ތެރޭގައި ސިޔާސީ ގޮތުން، ހާއްސަ ގޮތެއްގައި މެމްބަރުން އިތުރުކުރުން، މެމްބަރުންނާ ގުޅޭ އެހެނިހެން ކަންކަން ކުރިކަމުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް އެނގިފައެއް ނެތް،" މަޖީދު ވިދާޅުވި އެވެ.
ނަމަވެސް ޑީއެންއާރުގެ ތެރޭގައި ހުރި މީޓީން ރޫމެއްގަައި ޕީއެންސީއަށް ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯގައި، އެ މިނިސްޓްރީގެ މުވައްޒަފުން ކާޑު އަޅައިގެން ތިބިތަން ވެސް ފެނެ އެވެ.
"ސީރިއަސް ތުހުމަތުތަކެއް އޮވެއްޖެ ނަމަ އެކަމާ ޒިންމާ އޮތް، ޒިިންމާ އުފުލަން ޖެހޭ ދިމާތަކުން އެކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގުމަށް ފަހު އެފަދަ މައުލޫމާތު ހާމަވެގެންދާނެ ކަމަށް ގަބޫލުކުރަނީ،" ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި މަޖީދު ވިދާޅުވި އެވެ.
"މިފަދަ ބްރީފިންތައް އަޅުގަނޑުމެން ބާއްވަނީ އެ ކަނޑައެޅިފައި އޮންނަ ސަބްޖެކްޓެއްގެ ތެރެއިން އެކަމަކަށް އެޑްރެސް ކުރަން. އަޅުގަނޑު ދެންނެވިން ބްރީފިން ފެށުމުގެ ކުރިން މިއަދުގެ ބްރީފިންގެ ބޭނުމަކީ ޑީއެންއާރުގެ މަސައްކަތްތައް [ދައްކާލުން ކަމަށް]. މިހާރު ތި އިޝާރާތްކުރައްވާ ސުވާލު ނުވަތަ ތުހުމަތު ކުރައްވާ ކަންކަމާ ގުޅޭ ގޮތުން އެކަންކަމަށް ޖަވާބުދާރީވެ، އޭގެ ތަހުގީގެއް ހިންގާފައި އެކަމުގެ މައުލޫމާތު، ނުވަތަ އެއާ ގުޅުން ހުރި ކަމެއްގައެއް ނޫން އެއްވެސް ހާލެއްގައި."
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ، ޕީއެންސީއަށް 'ވަގު ފޯމު' ފުރި މީޓިން ރޫމަކީ، މަޖީދު ވިދާޅުވި ގޮތުގައި، މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުން އެދުމުން ދޫކުރާ ގޮތަށް ހަމަޖެހިފައި އޮންނަ ތަނެކެވެ.
'ފޮޓޯތަކުގައި އަޅުގަނޑު ހުރީ ޕިއްޒާއާ އެކު އެކަނި'
އާންމުވެފައިވާ ފޮޓޯތަކުގައި އާލީ ހުރިއިރު، އެއީ ކޮން މަސައްކަތެއް ހިންގި ވަގުތެއްތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ "އަޅުގަނޑު ފެންނަ ފޮޓޯގައި ހުންނާނީ ޕިއްޒާއާ އެކު" ކަމަށާއި އިތުރު ފޮޓޯއެއްގައި ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑު ދިޔަ ގަޑީގައި ހަމައެކަނި ޕިއްޒާ ކާން ތިބީ. ފޮޓޯގައި ވެސް އިންނާނީ އަޅުގަނޑު ޕިއްޒާ ކެއި ގަޑީގައި އެކަނި،" އާލީ ވިދާޅުވި އެވެ.
އޭގެ އިތުރުން އާލީ ވިދާޅުވި ގޮތުގައި:
-
އުސޫލުގެ ތެރެއިން މިނިސްޓްރީގެ ބޭނުމަށް މީޓިން ރޫމު ކުއްޔަށް ދޫކުރޭ؛ ނަމަވެސް އެގޮތަށް ދޫކުރާއިރު އެއީ ކޮން މަސައްކަތަކަށް ކަމަށް ނުބަލާ
-
ފޯމު ފުރި ދުވަހު މީޓިން ރޫމު ނަގަން ރިކުއެސްޓު ލިބުނީ މިނިސްޓްރީގެ ބިއުރޯ މެދުވެރިކޮށް
-
އާންމުވެފައިވާ ފޮޓޯތަކުގައި ޑީއެންއާރުގެ އެއްވެސް މުވައްޒަފެއް ނުހުންނާނެ
އާލީ ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ވަނުމަށް ބޭނުންވަނީ އައިޑީ ކާޑުގެ ކޮޕީއެއް ކަމަށާއި ޑީއެންއާރުގައި އެއްވެސް ވަރަކަށް އައިޑީ ކާޑުގެ ކޮޕީއެއް ނުހުންނާނެ ކަމަށެވެ.
ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބުމުން ނޫސްވެރިން ސުވާލުކޮށްކޮށް ތިއްބައި މަޖީދު ވަނީ މަސައްކަތްތައް ބަލައިލަން އެތެރެއަށް ވަނުމަށް ދައުވަތު ދިނުމަށް ފަހު އެ ވަގުތުން ވަގުތަށް ބައްދަލުވުން ނިންމަވާލައްވައި އެތެރެއަށް ވަދެވަޑައިގެން ފިއްލަވާފަ އެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އާލީ ވެސް ފިއްލެވީ އެވެ.
އެ ހަރަކާތް ނިންމާލީ ޑީއެންއާރުގެ ބައެއް މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުމަށް ފަހު އެވެ.
ކޮމެންޓް (3)
ޢަބްލޯ
ޜާވެރިޔާ
ތެފައާސާ.