ފެބްރުއަރީ 25، 2025: ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަނީ - (ފޮޓޯ/ މަޖިލިސް)

'ވަގު ފޯމު'ތަކާ ގުޅޭ ސުވާލު އިހުސާނާ ކުރުމަށް ތާވަލުކުރުމަށް ފަހު ޖަލްސާ ކެންސަލްކޮށްފި

ޑީއެންއާރުގެ ވެރިންތަކެއް ޕީއެންސީގެ ސައްހަ ނޫން ފޯމުތަކެއްގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވާތީ އެއިން މީހަކަށް ހޯމް މިނިސްޓްރީން ފިޔަވަޅު އެޅިތޯ ސުވާލުކުރުމަށް، މެންބަރު މީކާއީލް ހުށަހެޅުއްވީ މީގެ 3 މަސް ކުރިން

އެކި މީހުންގެ ނަމުގައި ވަގު މެމްބާޝިޕް ފޯމު ފުރައި ސަރުކާރު ހިންގާ ޕީއެންސީއަށް މީހުން ވައްދާފައިވާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހްސާންއާ ސުވާލުކުރުމަށް ތާވަލުކުރުމަށް ފަހު މިއަދު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، އަދި ބުދަ ދުވަހު އެވެ.

ވީކިހިނެއް؟ - އެ މައްސަލައިގައި އިހުސާނާ ސުވާލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. މީގެ 3 މަސް ކުރިން، 15 ޖެނުއަރީގައި މީކާއިލް ހުށަހެޅުއްވީ މިނިސްޓަރާ ދެ ސުވާލެއް ކުރުމަށެވެ. އެއީ: 

  • ހޯމް މިނިސްޓްރީގެ ދަށުން ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން މީހުންގެ ޝަހުސް އޮޅުވާލައި ޕީއެންސީއަށް މެންބާޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާއިރު، މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅުއްވަނީ ކޮން ފިޔަވަޅު ތަކެއްތޯ

  • ސައްހަ ނޫން ފޯމްތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ތިޔަ މިނިސްޓްރީގެ އިސްވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯ

ތަފްސީލް - މީކާއީލް ރޭ އެކްސްގައި ލިއުއްވި ގޮތުގައި މިނިސްޓަރަކު ހާޒިރުކޮަށް ސުވާލުކުރުމަށް ދޭން ޖެހޭ ނޯޓިސްގެ މުއްދަތު ކަމަށްވާ 14 ދުވަސް ވެސް ފަހަނައަޅައިދިޔަ ފަހުން އެ ސުވާލު ކުރުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ކަމަށެވެ. އެޖެންޑާކުރި ކަމަށް އެންގުމަށް ފަހު މިއަދު ޖަލްސާއެއް ނޯންނާނެ ކަމަށް ދެން އެންގި ކަމަށް މީކާއީލް ވިދާޅުވި އެވެ.

މީކާއީލް ރޭ ފާހަގަ ކުރެއްވި ފަދައިން، މަޖިލީހުގެ ޖަލްސާއެއް މިއަދަށް އެޖެންޑާކޮށްފައެއް ނެތެވެ. އެޖެންޑާ ނުކުރި ސަބަބެއް ސާފުކުރުމަށް ސުވާލުކުރުމުން ސަބަބު އަދި ނޭނގޭ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ފާހަގަކޮށްލެވޭ - ޕީއެންސީއަށް ވަގަށް ވައްދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ފޯމުތަކެއްގައި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ ސޮއި ހެއްކެއްގެ ގޮތުގައި އޮތް ކަމަށް ބުނެ އޭނާއަށް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ޕީއެންސީއަށް މެންބަރުން ސޮއިކޮށްފައިވާ އެއްވެސް ފޯމެއްގައި ހެކީގެ ގޮތުގައި އޭނާ ސޮއިކުރައްވާފައި ނުވާ ކަމަށެވެ. ސޯޝަލް މީޑިއާގައި އޭނާގެ ސޮއި އޮތް ފޯމުތަކެއްގެ ފޮޓޯތަކެއް ފެނުނު ކަމަށާއި އެއީ އުފައްދާފައިވާ ފޯމުތަކެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

މި މައްސަލާގައި މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. އިތުބާރު ނެތްކަމުގެ މައްސަލައަށް، އިހުސާން މަޖިލީހަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވި އެވެ. ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ އިހުސާނަށް އިތުބާރު އޮތް ކަމަށެވެ.

ފަސްފަހަތް - ސަރުކާރު ހިންގާ ޕީއެންސީއަށް 75،000 މެންބަރުން ހަމަކުރުމުގެ މެންބާޝިޕް ޑްރައިވްގެ ބޮޑު ހަރަކާތެއް ހިންގަމުން ދަނިކޮށް އެ ޕާޓީއަށް ގިނަ އަދަދެއްގެ ސައްހަ ފޯމު ފުރި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައި ޕްރޮސެސްކުރެވިފައިވާ ކަން ފެންމަތިވީ، އިދިކޮޅު އެމްޑީޕީގެ ބައެއް އިސް މެންބަރުން ވެސް ޕީއެންސީގެ ދަފްތަރުގައި އޮތް ކަން އެނގިގެނެވެ.

އޭގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވެސް ހިމެނުނެވެ.

ކޮމެންޓް (1)

ތެފައާސާ.

21 އޭޕްރީލު 2025
ތިން ބާރު އެއްބާރަށް ވެ ނިމުނީމާ ތިޔަކަހަލަ ކަންކަން ފެންނާނެ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް