03 އޭޕްރީލް 2024- ޝާހިދު: ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ ވިސްނުމާ ދެކޮޅު - (ދައުރު ފޮޓޯ/އަޒްމީ)

ވޯޓު ނިޒާމަށް ގެންނަން އުޅޭ ބަދަލަކީ ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި މިއަދު ލިއުއްވީ ވޯޓުލާ ނިޒާމަށް ބަދަލު ގެންނަން މިހާރު ދައްކާ ވާހަކަތަކަކީ ވޯޓުގުނުން އެތައް ބުރަކަށް ދަންމާލައި، ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމުގެ ބަދަލުގައި ޕްރެފެރެންޝަލް ވޯޓިން ސަރުކާރުން ގެންނަން މަސައްކަތްކުރާ ބަދަލުގެ ފަހަތުގައި އޮތީ ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށް، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ތުހުމަތުކުރައްވައިފި އެވެ.

ވީކިހިނެއް؟ - ވެރިއަކު ހޮވުމަށް މިހާރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ބުރު އުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެ ގޮތުން:

  • މި އަހަރުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

  • މި ކަމުގައި، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އެއްބާރުލެއްވުމަށް މިދިޔަ ބުދަ ދުވަހު ރައީސް ވަނީ އެދިވަޑައިގެންފައި

  • ސަރުކާރުގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ޕްރިފެރެންޝަލް ވޯޓިން ގެނައުމަށް ތާއީދުކޮށް ކެމްޕެއިނެއް ވެސް ފަށާފައި

ބުނީ ކީކޭ؟ - މި ނިމުނު އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ވެސް ކުރެއްވި ޝާހިދު އެކްސްގައި މިއަދު ވިދާޅުވީ ވޯޓުލާ ނިޒާމަށް ބަދަލު ގެންނަން މިހާރު ދައްކާ ވާހަކަތަކަކީ ވޯޓުގުނުން އެތައް ބުރަކަށް ދަންމާލައި ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ.

"މި ސޮއްސާލަނީ [ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އޮތް] ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް، ކިތަންމެ މޮޅު ނަމެއްކިޔަސް އިޚްލާސްތެރި ކަމުގެ ޒައްރެއް ވެސް ނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން. ވޯޓު އޮޅުވާލުން،" މައުމޫނުގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ލިއުއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ގޮވާލެއްވީ ސަރުކާރުން ގެންނަން މަސައްކަތްކުރާ ބަދަލަށް، ފެންނަ ނުފެންނަ ވޯޓުގައި ތާއީދު ނުކުރުމަށެވެ.

"ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގައި. ވޯޓުގެ %50 + 1 ނުވަތަ ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ލިބެން ޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.

ފާހަގަކުރެވޭ ކަމެއް - ޝާހިދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ސަރުކާރުގެ ހުށަހެޅުމަށް ތާއީދުނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން އަދިވެސް ހުރީ ހައްގުތައް ހަނިކުރުމަށެވެ.

ޕީއެންސީ ފިޔަވައި މިހާތަނަށް މި ވިސްނުމަށް ތާއީދުކުރެއްވީ އެމްޑީޕީގެ ރައީސްކަން މީގެ ކުރިން ކުރައްވާފައިވާ ދެ ބޭފުޅުން ކަމަށްވާ، އިބްރާހީމް އިސްމާއީލް (އިބްރާ) އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ޕްރިފެރެންޝަލް ވޯޓިން ހިނގާ ގޮތް:

  • ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެން؛ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް

  • ވޯޓު ކަރުދާހުގައި ހިމެނޭ ގޮޅީގައި ޖަހާނީ މި ފާހަގަކުރި ގޮތަށް ނަންބަރުތައް؛ މި ނިޒާމުގައި ވޯޓު ކަރުދާހުގެ ގޮޅީގައި ހެޔޮ ފާހަގައެއް ނުޖަހާނެ

  • ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކަށް ވެސް ރޭންކެއް ދޭން ޖެހޭ؛ އެހެން ނުހަދައިފި ނަމަ ވޯޓު ބާތިލްވާނެ އަދި ދެ ކެންޑިޑޭޓަކަށް އެއް ރޭންކެއް ނުވަތަ ނަންބަރެއް ދީފައިވާ ނަމަ އެ ވޯޓެއް ވެސް ބާތިލް ވާނެ

  • 50%އަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް "އެކެއް"ގެ ރޭންކިންގައި ވޯޓު ދީފި ނަމަ، އެ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ

  • 50% މީހުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ ދެން ބަލާނީ އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓުގެ ވޯޓުތަކުގައި ހިމެނޭ "ދޭއް" ރޭޓިންއަށް

  • އުނިކުރި ކެންޑިޑޭޓަށް ލިބުނު ވޯޓްތަކުގައި ހިމެނޭ ދެން އޮތް ނަމްބަރުގެ ވޯޓުތައް ގުނައިގެން ކެންޑިޑޭޓުންނަށް ކުރިން ލިބުނު ވޯޓްތަކަށް އެއްކުރަމުން ދާނެ

  • "ދޭއް" ރޭޓިންއަށް ފަހު ވެސް %50 ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ކުރިއަށް ދާނެ

ކޮމެންޓް (1)

ތެފައާސާ.

21 އޭޕްރީލު 2025
އިންތިޚާބުގައި ވޯޓުލުމާއި އެ ލާ ވޯޓު ގުނުމަކީ މި ރާއްޖޭގައި ހުރިހާ އެންމެންނަށް ގަބޫލުކުރެވޭ، އިތުބާރުކުރެވޭ އަދި ސާދާ މިންގަނޑެއްގައި ކުރެވޭ މަދުކަންތައްތަކުގެ ތެރެއިން އެއްކަންތައް. ރަނގަޅަށް އޮތްކަމެއްގެ ތެރެއަށް އަތްބާނައި ގަޑުބަޑުކޮށް އިތުބާރު ނަގާލަން ހެޔޮނުވާނެ. ތިމަންނާމެންނަށް 50% + 1 ވޯޓު ދެން ނުލިބޭނޭކަން ކަށަވަރުވުމަކީ ނިޒާމާއި އުސޫލު ބަދަލުކުރަންޖެހޭ ކަމެއް ނޫން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް