އިރުއޮއްސެމުން ދިޔަ ވަގުތު ރާއްޖޭގެ ރަށެއްގެ ގޮނޑުދަށުގައި ކުޑަކުއްޖަކާއި މަންމައަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިހުމާލުވާތީ އެންސްޕާގެ މައްސަލަ ތަހުގީގުކޮށްދޭން އެދި ޕެޓިޝަނެއް

އެ ޕެޓިޝަނުގައި ބެލެނިވެރިން އެދިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުލިބިގެން އުޅޭ ތެރަޕީ، މާލީ، ނަފްސާނީ އަދި ޖިސްމާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާ އިން ނުކުޅެދިފައިވާތީ ކީއްވެތޯ ތަހުގީގެއް ހިންގައިދިނުމަށް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީ ނުލިބުމާއި އެފަދަ ކުދިންނަށް މާލީ، ޖިސްމާނީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނެޝަނަލް ސޯޝަލް ޕޮޓެކްޝަން އެޖެންސީ (އެންސްޕާ) ނުކުޅެދިފައިވާ ކަމަށް ބުނެ، އެކަމުގެ ތަހުގީގެއް ހިންގައިދިނުމަށް އެދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ އާއި އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަމާ ބެހޭ އިދާރާތަކުން އިހުމާލުވަމުންދާތީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

ގަލޮޅު އުުތުރު ދާއިރާ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ). (ފޮޓޯ/މަޖިލިސް)

ތަފްސީލް - ޕެޓިޝަން ހުށަހަޅުއްވަމުން މެންބަރު ވަނީ، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމް ކުރާ މާލީ ރައްކާތެރިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ސަރުކާރާއި އިދާރާތައް އިހުމާލުވެފައިވާ ކަމަށެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ޕެޓިޝަންގައި ބުނެފައިވާ ގޮތުން އެފަދަ ކުދިންނަށް ފޯރުކޮށްދިނުމަށް ގާނޫނުން ލާޒިމުކުރާ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވުމުގެ ސަބަބުން ބެލެނިވެރިންނަށް ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން، އެންސްޕާއާ މުއާމަލާތް ކުރުމަށް ވެސް ބެލެނިވެރިންނަށް ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. ބެލެނިވެރިން އެންސްޕާއާ ކުރާ މުއާމަލާތްތަކަށް އެކަށީގެންވާ ޖަވާބު ނުދިނުމާއި ބެލެނިވެރިން ހުށަހަޅާ ލިޔެކިޔުންތައް ގެއްލޭ ކަމަށް ބުނުމާއި ފޯނަށް ޖަވާބުދިނުން ފަދަ ކަންތައް ދިމާވާކަން އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

އޯޓިޒަމް އަދި އޭޑީއެޗްޑީ ހުންނަ ކުދިންނަށް ގަވައިދުން ދޭ ތެރަޕީތަކަށް ފައިސާ ދެއްކުމުގައި ގޮތް ނޭނގޭ މެދުކެނޑުންތައް އަންނަކަން ވެސް ބެލެނިވެރިންގެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ތެރަޕީ ޕްލޭނާއި ކޮޓޭޝަން ހުށަހެޅުމުން ވެސް ޖަވާބު ދިނުމުގައި ފަރުވާކުޑަކުރާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އޯޓިޒަމް ސެންޓަރުގެ 15 ވަނަ އަހަރީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ރައީސް އޮފީސް)

އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން:

  • ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާ ކުރުމަށް މިދިޔަ އަހަރުގެ 6 ޖެނުއަރީގައި ބެލެނިވެރިންތަކެއް ވަނީ އެންސްޕާގެ ސީއީއޯއާ ބައްދަލުކޮށްފައި

  • އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހު ޑިސްއެބިލިޓީ ކައުންސިލާ އެކު ވެސް ބެލެނިވެރިން ބައްދަލުވުމެއް ބޭއްވި

  • އެ ބައްދަލުވުމުގައި ބެލެނިވެރިންގެ ޖީބުން ތެރަޕީ ފައިސާ ދައްކަންޖެހޭތީ ދިމާވާ ދަތިތައް ފާހަގަކުރި

  • މީގެ އިތުރުން ތެރަޕީ ސެންޓަރުތަކުގައި ކިޔު ދިގުވުމުގެ ސަބަބުން ތެރަޕީ ނުދެވުމުގެ ކަންބޮޑުވުން ވެސް ހިއްސާކޮށްފައިވޭ

މީގެ އިތުރުން އޯޓިޒަމް އަދި އޭޑީއެޗްޑީ ކުދިންނަށް ބޭނުންވާ ބޭސް ރާއްޖެއިން ލިބުމުގައި ދިމާވާ ދަތިތައް ވެސް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ރާއްޖޭގައި އޯޓިޒަމް އަދި އޭޑީއެޗްޑީ ކުދިންނަށް ދެވޭ ތެރަޕީތަކަކީ ސިއްހީ ގޮތުން ތެރަޕީގެ ގޮތުގައި ބަލައިގަނެވޭ ވަރަށް ވުރެ ދަށް ފެންވަރެއްގައި ހިންގަމުންދާ މެޑިކަލް މާފިއާގެ އަަމަލެއް ކަމަށް ވެސް އަޅުގަނޑުމެން އެ ފަރާތްތަކަށް ދެންނެވީމެވެ،" އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު. (ފޮޓޯ/ރައީސް އޮފީސް)

އެފަދަ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރަށް ބަދަލުކުުރުމުގެ ސިޔާސަތު އެއްވެސް ސަރުކާރަކުން ނުގެންގުޅޭކަމުގެ ޝަކުވާ އެންސްޕާ އަދި ޑިސްއެބިލިޓީ ކައުންސިލާ ހިއްސާކުރި ކަމަށް ބެލެނިވެރިންގެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެންސްޕާ އަށް ތެރަޕީގެ ކޮޓޭޝަން ހުށަހެޅުމުން އެ ކޮޓޭޝަންގައި އިންނަ އަދަދަށް ވުރެ ކުޑަ އަދަދެއްގެ ފައިސާ ދިނުމުން އެކަމުގެ ދަތިތައް ވެސް ފާހަގަކޮށްފައިވެ އެވެ.

"މިކަމުގެ ހައްލެއްގެ ގޮތުގައި ސަރުކާރުން ތެރަޕީތަކުގެ އަގު ލިމިޓުކޮށްދިނުން ނުވަތަ ދައުލަތުން ތެރަޕީއަށް ހަރަދު ކުރުމަށް ކަނޑައެޅިފައިވާ އަގަށް އެ ތެރަޕީތައް ލިބޭނެ ތެރަޕީ ސެންޓަރުތައް ގާއިމްކޮށްދިނުމަށް އަޅުގަނޑުމެން ވާނީ ދަންނަވައިފަ އެވެ،" ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ބެލެނިވެރިން ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކުރި ކަމަށާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މައްސަލަތަކަށް ހައްލު ގެނެސްދެއްވުމަށް ވައުދުވެވަޑައިގެން ކެމްޕޭނު ތެރޭ ސިޔާސަތުތަކެއް އާންމު ކުރެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް މި ފާއިތުވި ދުވަސްތަކުގައި ވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށާއި ހައްލު ހޯދުމަށް މަޖިލިސް މެންބަރު މެދުވެރިކޮށް ވެސް މަސައްކަތްތައް ކުރި ކަމަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ ހަރަދުތަކަކީ ބަޖެޓުގައި ހިމެނިގެން ދޭ ފައިސާކަން ފާހަގަކޮށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންސްޕާއަށް ދިމާވާ ގޮންޖެހުންތައް އެ އިދާރާ އިން ބެލެނިވެރިންނާ ހިއްސާ ނުކުރާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެ ޕެޓިޝަނުގައި ބެލެނިވެރިން އެދިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުލިބިގެން އުޅޭ ތެރަޕީ، މާލީ، ނަފްސާނީ އަދި ޖިސްމާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާ އިން ނުކުޅެދިފައިވަނީ ކީއްވެތޯ ތަހުގީގެއް ހިންގައިދިނުމަށެވެ.

  • އެ ތަހުގީގުގައި އެޗްއާރުސީއެމް އާއި ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓްރީ އަދި އެންސްޕާ އާއި ޑިސްއެބިލިޓީ ކޮމިޝަން ހިމެނުމަށް އެދިފައިވޭ

އެ ޕެޓިޝަނުގައި އެ މައްސަލަތައް ހައްލު ކުރުމަށް ހުރަސްތައް ނައްތާލާ، އެ ކުދިންނަށް ގާނޫނުންނާ އަދި އިންސާނީ ހައްގުތަކާއި ކުޑަކުދިންނާ ގުޅުންހުރި ބައިނަލްއަގުވާމީ މުއާހަދާތަކުން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.

މީގެ އިތުރުން އެފަދަ ކުދިންނަށް ތައުލީމާއި ބޭސްފަރުވާގެ އެކަށޭނަ ނިޒާމެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދައިދިނުމަށް ވެސް ބެލެނިވެރިންގެ ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.

ގުޅުން ހުރި - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ އާއި އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަމާ ބެހޭ އިދާރާތަކުން ވަމުންދާ އިހުމާލުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިއަދުގެ މަޖިލިސް ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް އެ މައްސަލަ ވަނީ 44 މެންބަރުންގެ ވޯޓުން ބޭރުކޮށްލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް