ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތެރަޕީ ފައިސާ ދިނުމުގައި އެންސްޕާއިން އިހުމާލުވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އޭޑީއެޗްޑީ އަދި އޯޓިޒަމް ކުދިންނަށް ބޭނުންވާ ބޭސް ރާއްޖޭގެ ބޭސްފިހާރަތަކުން ނުލިބޭކަމުގެ ކަންބޮޑުވުން އެބައޮތްކަން ވެސް އެ މައްސަލާގައި ފާހަގަކޮށްފައިވޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އިހުމާލުވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ އާއި އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަމާ ބެހޭ އިދާރާތަކުން ވަމުންދާ އިހުމާލުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި:

  • މައްސަލަ ބަލައިނުގަތުމަށް 44 މެންބަރުން ވޯޓު ދެއްވި 

  •  މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 12 މެންބަރުން

ތަފްސީލް - މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް އެކުލަވާލެވިފައިވާ ކަމަށެވެ.

ނަމަވެސް، ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމް ކުރާ މާލީ ރައްކާތެރިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާ އާއި އެހެން އިދާރާތައް ވެސް އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެ މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުން، 2019 ވަނަ އަހަރުން ފެށިގެން ތެރަޕިޔުޓިކް ހިދުމަތްތަކަށް ސަރުކާރުގެ ހިލޭ އެހީ ލިބޭނެ ހިދުމަތް ތައާރަފުކުރެވުނު ނަމަވެސް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން ދެމުން ގޮސްފައެއް ނުވެ އެވެ.

އެ ހަރަދު އެފަދަ ކުދިންގެ އާއިލާތަކުން ކުރަންޖެހިފައިވާކަމުގެ ޝަކުވާ އިތުރުވެފައިވާކަން ވެސް މެންބަރު ހުށަހެޅުއްވި މައްސަލާގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

މީގެ އިތުރުން އެ މައްސަލާގައި މެމްބަރު ފާހަގަކުރައްވާފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި:

  • ތެރަޕީ ސެންޓަރުތަކުގައި ކިޔު ދިގުވުމާއި އަގު ބޮޑުވުން

  • އެކަށީގެންވާ އަދަދަށް ތެރަޕިސްޓުން ރާއްޖޭގައި ނެތުން

  • ތެރަޕީގެ ފަރުވާ ބޭނުންވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމުވަމުން ދިޔުން

  • މިއީ އެފަދަ ކުދިންގެ އާއިލާތަކުގެ ކަންބޮޑުވުން އޮތް ކަމެއް

މީގެ އިތުރުން އޭޑީއެޗްޑީ އަދި އޯޓިޒަމް ކުދިންނަށް ބޭނުންވާ ބޭސް ރާއްޖޭގެ ބޭސްފިހާރަތަކުން ނުލިބޭކަމުގެ ކަންބޮޑުވުން އެބައޮތްކަން ވެސް އެ މައްސަލާގައި ފާހަގަކުރައްވާފައިވެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު ހުށަހެޅުއްވި މައްސަލާގައި ފާހަގަކުރައްވާފައިވާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ހިދުމަތް ހޯދުމަށް ދިމާވާ މައްސަލަތަކާއި ކަމާ ބެހޭ ފަރާތްތަކުން ވަމުންދާ އިހުމާލުތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލު ދަށްވެ، ސިއްހީ ގޮތުންނާއި ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ދަނީ ވަމުންނެވެ.

މީގެ އިތުރުން މުޖުތަމައުގައި ހާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ހިދުމަތްތަކާއި އެހީތެރިކަން ލިބުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކަށަވަރު ކުރުމަށް ވެސް މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލާގައި ވަނީ ގޮވާލައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް