ހޯޑެއްދޫ

ގދ. ހޯޑެއްދޫ

ކަނޑެވާރެހާ އަނބުރާ ހޯނޑެއްދޫއަށް ދޭން ކައުންސިލުން އެދިއްޖެ

ކަނޑެވާރެހާ ހޯނޑެއްދޫގެ އިހްތިސާސް އިން ވަކިކުރުމަކީ ރަށުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުންކަމަށް ކައުންސިލުން ބުނި
7 އޭޕްރީލު 2025
1

ހޯނޑެއްދޫގެ އިހުތިސާސްގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް، އެ ރަށް އަނބުރާ ހޯނޑެއްދޫއަށް ދޭން އެ ރަށު ކައުންސިލުން ރައީސް މުހައްމަދު މުއިއްޒުއަށް ގޮވާލައިފި އެވެ. 

ވީ ކިހިނެއް؟ - އިންޓަގުރޭޑެޓް ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް ކައުންސިލަށް މީގެ ކުރިން ދީފައިވާ އެ ރަށް ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ރައީސް އިއްޔެ ވަނީ ގަރާރެއް ނެރުއްވައިފަ އެވެ. އެގޮތަށް ކަނޑައެޅީ ޓޫރިޒަމްގެ އެ މަޝްރޫއު ސީދާ ސަރުކާރުން ހިންގާ ގޮތަށް ހަމަޖެއްސުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ނިންމުމާ ދެކޮޅު ހަދާ ހޯނޑެއްދޫ ކައުންސިލުން ވަނީ ގެޒެޓް މެދުވެރިކޮށް ނޫސް ބަޔާނެއް ނެރެފަ އެވެ.

ތަފްސީލް - އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ހުވަދު އަތޮޅުގައި ޓުއަރިސްޓް އެނދު އެންމެ ގިނަ އެއް ރަށް ކަމުގައިވާ ހޯނޑެއްދޫގެ އިހުތިސާސްގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމަކީ ރަށުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އިގްތިސާދީ ތަރައްގީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ކައުންސިލުން ވަނީ ބަޔާނުގައި ފާހަގަކޮށްފަ އެވެ. އެގޮތުން: 

  • ކަނޑެވާރެހާ 2020 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ހޯނޑެއްދޫއަށް ދީފައިވޭ 

ކައުންސިލްގެ ބަޔާނުގައި ފާހަގަކުރި ގޮތުގައި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ރައީސް މުއިއްޒު ހޯނޑެއްދޫއަށް ކުރެއްވި ޒިޔާރަތުގައި، އިންޓަގްރޭޓެޑް ޓޫރިޒަމަށް ކަނޑެވާރެހާ ކަނޑައެޅުމަށް ހުރި ހުރަސްތައް ނައްތާލައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. އެެހެން ނަމަވެސް ރައީސް މުއިއްޒު އިއްޔެ އެޅުއްވި ފިޔަވަޅަކީ އެ ވައުދާ ހިލާފުވުމެއްގެ ގޮތުގައި ކައުންސިލްގެ ބަޔާނުގައި ސިފަކުރި އެވެ. 

"ކަނޑެވާރެހާއަކީ އެތައް ޒަމާނެއް ވަންދެން ހޯނޑެއްދޫގެ ރައްޔިތުން ބޭނުންކުރަމުން އައި ރަށެއް. އަދި ރަށުގެ ބިނާވެށި ޕްލޭންގައި ފަތުރުވެރިކަން ތަރައްގީ ކުރާނެ ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް މޮޑެލްގެ ދަށުން ތަރައްގީކުރުމަށް ވަނީ ފާސްކުރެވިފައި،" ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

ކައުންސިލުން ވަނީ ރައީސް މުއިއްޒުއަށް ތިން ކަމަކަށް ގޮވާލާފަ އެވެ. އެގޮތުން ގޮވާލި ކަންކަމަކީ:

  • ހޯނޑެއްދޫގެ އިޚްތިޞާޞްގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމުގެ ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް

  • ހޯނޑެއްދޫގެ ރައްޔިތުންނާ މަޝްވަރާކޮށް އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށްފަހު ނިންމުންތައް ނިންމުމަށް 

  • ރަށްރަށުގެ އިހުތިސާސްއަށް ބަދަލު ގެނައުމުގައި އިންސާފުވެރި އަދި ހާމަކަން ބޮޑު އުސޫލުތަކެއް ގާއިމުކުރުމަށް

"މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަން އަލުން މުރާޖައާކޮށް، ކަނޑެވާރެހާ ހޯނޑެއްދޫގެ އިހްތިސާސްގެ ތެރޭގައި ދެމެހެއްޓުމަށް ގޮވާލަމެވެ. އަދި ރަށުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ރަށުގެ ތަރައްގީއަށް މަގުފަހިކޮށްދިނުމަށް އެދި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ. 

ކޮމެންޓް (1)

ކަނޑެވާރެހާ

7 އޭޕްރީލު 2025
ކޮބައި ކޮޑެ ބަދަލެ ކޮލްގެން ހޮކުނެ؟ މެންބަރެއި ބަހުއްޓިޔާ؟ ދެން ބަތިބެއު ތުނބަލް ގޮބޮޅާ ޖަނހައިގެން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް