ކަޑެވާރެހާ

ގދ. ހޯޑެއްދޫ

ހޯޑެއްދޫ ކައުންސިލުން އިންޓަގްރޭޓެޑް ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައިފި

އެ ސަރަހައްދުގެ އެހެން ރިސޯޓުތަކާ އެއް އަގެއްގައި ކޮޓަރި ވިއްކައިގެން %70 އޮކިޔުޕެންސީގައި އަހަރަކު 38 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވޭ
25 ސެޕްޓެމްބަރު 2024

ގދ. ކަޑެވާރެހާގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ގދ. ހޯޑެއްދޫ ކައުންސިލުން ބަލަހައްޓާ އެ ރަށުގައި އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަ ރިސޯޓެއް ތަރައްގީ ކުރަން ނިންމާ އެކަމާ ގުޅޭ ކޮންސެޕްޓް ވެސް އެ ކައުންސިލުން ވަނީ އާންމު ކޮށްފަ އެވެ.

ތަފްސީލް - ހޯޑެއްދޫ ކައުންސިލުން މިއަދު އާންމު ކުރި އިއުލާނުގައި ބުނީ ކަޑެވާރެހާ ގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ ކައުންސިލުން ބުނީ:

  • އެ މަޝްރޫއާ ގުޅޭ ޕްރީ ބިޑް ބައްދަލުވުން އަންނަ މަހުގެ 15ގައި އޮންނާނެ

  • ބިޑް ޑޮކިޔުމެންޓުގެ އަގަކީ ދިވެހިންނަށް 2،500 ޑޮލަރު އަދި ބޭރު ފަރާތްތަކަށް 3،000 ޑޮލަރު

  • އެ ރަށް ކުއްޔަށް ދެނީ 50 އަހަރަށް

  • ލީސް އެގްރިމެންޓުގައި ސޮއިކުރާތާ 30 މަސް ތެރޭ ރަށް އޮޕަރޭޝަނަށް ގެންނަން ޖެހޭ

  • އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ހޯޑެއްދޫ ކައުންސިލަށް 700،000 ޑޮލަރު ދައްކަން ޖެހޭ

ހޯޑެއްދޫ ކައުންސިލުން ބުނީ ކަޑެވާރެހާ އަކީ ކަނޑުގެ ދިރުންތަކުން ވެސް މުއްސަނދި އަދި ރީތި ގޮނޑުދޮށެއް ވެސް އޮންނަ ރަށެއް ކަމަށާއި މި ރަށް ތަރައްގީ ކުރާނީ އިކޯ ޓޫރިޒަމަށް ވެސް ހާއްސަކޮށްގެން ކަމަށެވެ.

ކަޑެވާރެހާ އަކީ ކާޑެއްދޫ ޑޮމެސްތިކް އެއާޕޯޓުން ސްޕީޑު ލޯންޗުގައި 5 މިނެޓެއްހާ އިރުން ދެވޭ ސަރަހައްދެއްގައި އޮންނަ ރަށެކެވެ.

އެ ރަށުގައިި ބީޗުވިލާތަކާއި މޫދު ކޮޓަރިތައް ވެސް ތަރައްގީ ކުރަން ނިންމާފައިވާއިރު ފަތުރުވެރިން ގަޔާވާނެފަދަ އެންމެ ފުރިހަމަ ހިދުމަތްތައް ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.

އެ ކައުންސިލުން އާންމުކޮށްފައިވާ ކޮންސެޕްޓު ކަރުދާހުގައި ފާހަގަކޮށްފައިވާގޮތުން ކަޑެވާރެހާގައި 100 ވިލާ ތަރައްގީ ކުރާނެ އެވެ. އެ ސަރަހައްދުގެ އެހެން ރިސޯޓުތަކާ އެއް އަގެއްގައި ކޮޓަރި ވިއްކައިގެން %70 އޮކިޔުޕެންސީގައި އަހަރަކު 38 މިލިއަން ޑޮލަރު ލިބޭނެ އެވެ. ސާފު ފައިދާގެ ގޮތުގައި 19-22 މިލިއަން އާ ދެމެދުގެ އަދަދެއް %50-%40ގެ ޕްރޮފިޓް މާޖިންއެއް ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް