އޭސީސީގެ ރައީސް ޝާމިލް މަޖިލީހުގެ ކޮމިޓީއެއްގައި: ޝާމިލްގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި. (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ޝާމިލް ދޮގު ހެދި ކަމަށް ބުނެ އަޒްމިރަލްދާ ފުލުހަށް މައްސަލަ ހުށަހަޅައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ތަހުގީގެއް ހިންގާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް މައުލޫމާތު ދެއްވީ ތަހުގީގެއް ނުފަށަނީސް ކަމަށް ބުނެ އަޒްމިރަލްދާގެ ފަރާތުން މިއަދު ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ޝާމިލް ދޮގު ހެދި ކަމަށް ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް މިއަދު މައްސަލަ ހުށަހެޅިކަން ހާމަކުރީ ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް މީޑިއާތަކަށް ފޮނުއްވި ބަޔާނެއްގަ އެވެ.
ތަފްސީލް - އަޒްމިރަލްދާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް އޭސީސީން ތަހުގީގު ހިންގަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ. އެކަމަކު އޭސީސީން ބަލާ މައްސަލައެއް އެ ކޮމިޝަނުން ރަސްމީކޮށް ހާމައެއް ވެސް ނުކުރެ އެވެ.
އޭސީސީން ތަހުގީގުކުރާ މައްސަލާގައި ބަޔާން ނެގުމަށާއި ސުވާލުކުރުމަށް މަހާޒާއި އަޒްމިރަލްދާއަށް އަދި އަންގާފައެއް ވެސް ނުވެ އެވެ. ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ކޮމިޝަނުން ނެގި އެވެ. އެއީ:
-
ސޮފްއަތު ހަބީބް
-
އިބްރާހީމް ޒިހުނީ
-
އާދަމް މުހައްމަދު (އިސް ގާޒީ)
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އޭސީސީއަށް ހުށަހެޅުއްވި އެ މައްސަލަ ބެލުމަށް އެ ކޮމިޝަނުގައި މައްސަލަ ރަޖިސްޓްރީ ވެސް ކުރި އެވެ.
އެނގުން މުހިންމު - ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނެވެ. އެއީ:
-
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން
-
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ދެން ސަސްޕެންޑްކުރި ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ.
ކޮމެންޓް (1)
ޠައުނީ