ރައީސް މުހައްމަދު މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގެ ރިޔާސަތުގައި. (ފޮޓޯ/ރައީސް އޮފީސް)

މިނިވަންކަމާއި ސުލްހަ ދަމަހައްޓަން ހޯދާ ފައިސާގެ އަދަދު 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން ހޭދަކުރަންޖެހޭނެ މިންވަރު ކަމަށް މީގެ ކުރިން ރައީސް ކަނޑައަޅުއްވާފައިވަނީ 15 މިލިއަން ޑޮލަރު

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަންޖެހޭނެ މިންވަރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ބޮޑުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ދައުލަތުގެ އާއްމު މަންފާއަށްޓަކައި ހިންގާނެ މުހިއްމު މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހަވާލުކުރާ ފަރާތްތަކުން އިންވެސްޓްމެންޓްގެ އަދަދުތައް ކަނޑައެޅުމުގެ ގަރާރެއް ރައީސް ވަނީ ނެރުއްވައިފަ އެވެ.

އެ ގަރާރުގެ ދަށުން، މިނިވަންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން ހޭދަކުރަންޖެހޭނެ މިންވަރަކަށް ކުރިން ރައީސް ކަނޑައަޅުއްވާފައި އޮތީ 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) އެވެ.

ތަފްސީލް - ނަމަވެސް ރައީސް ގަރާރަށް ރައީސް މިއަދު ގެންނެވި އިސްލާހަކުން މިހާރު ވަނީ މި އަދަދު 100 މިލިއަން ޑޮލަރަށް އިތުރުކުރައްވައިފަ އެވެ.

އެނގުން މުހިއްމު - ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގުމަށް ރައީސްގެ ގަރާރުގައި 25 މަޝްރޫއުއެއް ކަނޑައަޅުއްވާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އެއާޕޯޓު މަޝްރޫއުތަކަކާއި 'އައްސޭރި ޓޫރިޒަމް' މަޝްރޫއުތަކެއްގެ އިތުރުން ސޯޝަލް ހައުސިން މަޝްރޫއުތަކާއި ބިން ހިއްކުމާއި ކޯޒްވޭއިން ގުޅާލުން ފަދަ މަޝްރޫއުތައް ވެސް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް