ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން - (ފޮޓޯ/ ރައީސް އޮފީސް)
ކުށް ކުރާ ކުދިންގެ އިސްލާހީ ސެންޓަރާއި މައި ޖަލު ހަދަން 55 މިލިއަން ޑޮލަރު ހޯދަނީ
ކ. އުތުރުތިލަފަޅުގައި ހަދާ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް އާއި ކުށް ކުރާ ކުދިންގެ އިސްލާހީ ސެންޓަރު ނުވަތަ 'ހޯޕް އައިލެންޑް'ގެ މަޝްރޫއަށް އެންމެ ދަށްވެގެން ޖުމްލަ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިންވެސްޓްމަންޓް ސިޔާސަތުގައި އިއްޔެ ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ އަމިއްލަ މަންފާއެއް ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އަލުން ކަނޑައަޅުއްވައި އިއްޔެ ވަނީ އާންމުކުރައްވާފަ އެވެ.
ތަފްސީލް - ރައީސް މުއިއްޒު ސޮއިކުރައްވައި އިއްޔެ އާންމުކުރައްވާފައިވާ ގަރާރުގައި ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ 25 މަޝްރޫއަކާއި އެ މަޝްރޫއަށް ހަރަދުކުރަން ޖެހޭ އެންމެ ދަށް މިންވަރު ބަޔާންކޮށްފައިވެ އެވެ.
މީގެ ތެރޭގައި ހިމެނޭ އުތުރުފަޅުގައި ތަރައްގީކުރާ ކުޑަކުދިންގެ އިސްލާހީ ސެންޓަރު ނުވަތަ 'ހޯޕް އައިލެންޑް' އަކީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ގާއިމުކުރާ ތަނެކެވެ. މި މަޝްރޫއަށް އެންމެ ދަށްވެގެން ހަރަދުކުރަންޖެހޭ މިންވަރުގެ ގޮތުގައި ހިމަނާފައިވަނީ ޖުމްލަ 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އެވެ. އެއީ:
-
ހޯޕް އައިލެންޑް މަޝްރޫއުއަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށް - 10 މިލިއަން ޑޮލަރު
-
ހޯޕް އައިލެންޑް ތަރައްގީކުރަން - 15 މިލިއަން ޑޮލަރު
ސެންޓްރަލް ޕްރިޒަން މަޝްރޫއުއަށް އެންމެ ދަށްވެގެން ހަރަދުކުރަންޖެހޭ މިންވަރުގެ ގޮތުގައި ހިމަނާފައިވަނީ 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) އެވެ. އެއީ:
-
ސެންޓްރަލް ޕްރިޒަން މަޝްރޫއަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުމަށް - 15 މިލިއަން ޑޮލަރު
-
ސެންޓްރަލް ޕްރިޒަން ތަރައްގީކުރަން - 15 މިލިއަން ޑޮލަރު
މީގެ އިތުރުން އިއްޔެ އާންމުކުރެއްވި ރައީސްގެ ގަރާރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އެއާޕޯޓު މަޝްރޫއުތަކަކާއި 'އައްސޭރި ޓޫރިޒަމް' މަޝްރޫއުތަކެއްގެ އިތުރުން ސޯޝަލް ހައުސިން މަޝްރޫއުތަކާއި ބިން ހިއްކުމާއި ކޯޒްވޭއިން ގުޅާލުން ފަދަ މަޝްރޫއުތައް ހިމަނާފައިވެ އެވެ.
ކޮމެންޓް (3)
ތެފައާސާ.
ކޮސް
ސިކުނޑި