ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު އައިޝަތު ޝިހާމް. (ފޮޓޯ/ ސޯޝަލް މިނިސްޓްރީ)

އޯޓިސްޓިކް ކުދިންގެ ކަރާމާތަށް އުނިކަން އަންނާނެހެން ވާހަކަދެއްކުމުން މިނިސްޓްރީން ކަންބޮޑުވެއްޖެ

މިނިސްޓްރީން ބުނީ މިފަދަ ކަންކަން ތަކުރާރުވެގެން ދިއުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ފަދަ ވާހަކަތައް ދެއްކުން އާންމުވެގެންދިއުމުގެ ފުރުސަތު ވެސް އޮތް ކަމެއް ކަމަށް

އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ބަހުރުވައަކުން އެ ފަރާތްތަކަށް ނިސްބަތްކޮށް 'ރާއްޖެ ޓީވީ'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކާފައިވާތީ ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ -  ރާއްޖެ ޓީވީން 'ކާލާ ބައިސާ' ނަމުގައި މީގެ ދެ ދުވަސް ކުރިން ގެނެސްދިން ޕްރޮގްރާމެއްގައި ދެއްކި އެ ވާހަކަތަކާ ގުޅިގެން އާންމުންނާއި ކަމާ ގުޅުން ހުރި އެހެން އިދާރާތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ޕްރޮގްރާމްގައި:

  • މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެން އެ ވާހަކަ ދެއްކެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންފްގައި އިސްކޮށް އުޅުއްވާ ސިފައިންގެ ކުރީގެ ކާނަލް އަހްމަދު ފަޔާޒު އަލީ (ޕާޕާ) އާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މެންބަރުކަން ކުރެއްވި މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) 

  • ޕްރެޒެންޓަރު ހުސައިން ރަމީޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޔާޒު ވަނީ ރައީސް މުއިއްޒަށް ނިސްބަކޮށް، އެއީ އޯޓިސްޓިކް ގޮތެއް ހުންނަ ބޭފުޅެއް ކަމަށް ހީވާ ކަމަށް ވިދާޅުވެފައި؛ އެއާ އެކު، ނަޝީދު ވިދާޅުވީ "އޯޓިސްޓިކް އެކަނި ނޫން، ޑައުން ސިންޑްރޮމް ވެސް ހުންނަ" ކަމަށް

  • އެއާ އެކު، ތިން ބޭފުޅުން އެ ވާހަކަތަކަށް ހޭން ފެށި

ތަފްސީލް - މިކަމާ ގުޅިގެން ފެމެލީ ޑިވެޕޮލްމެންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުންނާއި ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ހާއްސަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެއް ކަމަށެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން:

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅެދެންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އިހުތިރާމްކުރުމާއި އަމިއްލަވަންތަކަމާއި މިނިވަންކަމާ އެކު ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ އެ ފަރާތްތަކަށް ލިބިގެންވާ ހައްގެއް 

  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި އެ ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެއް ކަމުގައި ބަޔާންކޮށްފައިވޭ

  • އެ ފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ އެންމެހާ ކަންތައްތަކަކީ ބައިނަލްއަގުވާމީ މުއާހަދާތަކުންނާއި ގާނޫނުއަސާސީ އަދި ގާނޫނުތަކުން މަނާކޮށްފައިވާ ކަންކަން

އެ ބަޔާނުގައި ބުނީ، އެކަން އެގޮތަށް އޮތް ނަމަވެސް ރާއްޖެ ޓީވީން އަންގާރަ ދުވަހު ގެނެސްދިން ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް، ހާއްސަކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކާއި އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ބަހުރުވައަކުން އެ ފަރާތްތަކަށް ނިސްބަތްކޮށް ވާހަކަދައްކައި އަމަލުކޮށްފައިވާތީ އެއީ އެ މިނިސްޓްރީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެކަމަކީ މުޖުތަމައުގައި ތިބި ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުމާއި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހީނަރުކަން ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބަޔާނުގައި ބުނީ މިފަދަ ކަންކަން ތަކުރާރުވެގެން ދިއުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންގެ އިންސާނީ ކަރާމާތައް އުނިކަން ލިބޭ ފަދަ ވާހަކަތައް ދެއްކުން އާންމުވެގެންދިއުމުގެ ފުރުސަތު ވެސް އޮތް ކަމެއް ކަމަށެވެ.

މިނިސްޓްރީން ބުނީ، މި ކަންކަމަށް ރިއާޔަތްކޮށް، އެކަން މިނިސްޓްރީން ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މުޖްތަމައުގައި ތިބި ހާއްސަ ރައްކާތެރިކަމާއި އަޅާލުމާއި ލޯބި ލިބެން ޖެހޭ އެންމެހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާ ހައްގުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމައުގެ ހުރިހާ ކަމެއް ރޭވުމަށް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ގުޅުން ހުރި - މި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެ ބްރޯޑްކޮމް އިން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

ގާނޫނުއަސާސީގެ 35 ވަނަ މާއްދާއާ ހަވާލާދީ ބްރޯޑްކޮމްގެ ބަޔާނުގައި ބުނީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެ މާއްދާއިން ލިބޭ ހާއްސަ ރައްކާތެރިކަން އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 35 މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމުގެ މައުލޫމާތު އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 

"މިފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހްތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމަށާއި ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ،" ވަކި ޓީވީ ޗެނަލެއްގެ ނަމެއް ނުގެނެސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެއާ އެކު، ބްރޯޑްކޮމްއިން އިލްތިމާސް ކުރީ، ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އިހްތިރާމްކޮށް، "އެއްވެސް މީހެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދު"މަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް