ރާއްޖެ ޓީވީން ގެނެސްދިން 'ކާލާ ބައިސާ' ޕްރޮގްރާމްގެ މަންޒަރެއް: އެ ޕޮރޮގްރާމްއާ ގުޅޭ މައްސަލައެއް ބްރޯޑްކޮމްއިން ވަނީ ބަލަން ފަށާފައި.

އޯޓިސްޓިކް ކުދިންނާ ގުޅުވައި ރައީސްއަށް ފުރައްސާރަ ކުރި މައްސަލަ ބްރޯޑްކޮމްއިން ބަލަނީ

ރާއްޖެ ޓީވީން ގެނެސްދިން އެ ޕްރޮގްރާމްގެ މައްސަލަ ބަލައި، ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނުން ބުނި

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި، އޯޓިސްޓިކް ކުދިންނާއި ޑައުން ސިންޑްރޮމް ހުންނަ ކުދިންނާ ގުޅުވައި، ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކުގެ މައްސަލަ ބަލައި ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ -  ރާއްޖެ ޓީވީން 'ކާލާ ބައިސާ' ނަމުގައި މީގެ ދެ ދުވަސް ކުރިން ގެނެސްދިން ޕްރޮގްރާމެއްގައި ދެއްކި އެ ވާހަކަތަކާ ގުޅިގެން ބައެއް މީހުން މިއަދު ޝޯޝަލް މީިޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕްރޮގްރާމްގައި:

  • މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެން އެ ވާހަކަ ދެއްކެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންފްގައި އިސްކޮށް އުޅުއްވާ ސިފައިންގެ ކުރީގެ ކާނަލް އަހްމަދު ފަޔާޒު އަލީ (ޕާޕާ) އާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މެންބަރުކަން ކުރެއްވި މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) 

  • ޕްރެޒެންޓަރު ހުސައިން ރަމީޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޔާޒު ވަނީ ރައީސް މުއިއްޒަށް ނިސްބަކޮށް، އެއީ އޯޓިސްޓިކް ގޮތެއް ހުންނަ ބޭފުޅެއް ކަމަށް ހީވާ ކަމަށް ވިދާޅުވެފައި؛ އެއާއެކު ނަޝީދު ވިދާޅުވީ، "އޯޓިސްޓިކް އެކަނި ނޫން، ޑައުން ސިންޑްރޮމް ވެސް ހުންނަ" ކަމަށް

  • އެއާއެކު ތިން ބޭފުޅުން އެ ވާހަކަތަކަށް ހޭން ފެށި

މި މައްސަލަ މިހާރު ބަލަމުންދާ ކަމަށް ބުނެ ބްރޯޑްކޮމްއިން ވަނީ ބަޔާނެއް ނެރެފަ އެވެ.

ތަފްސީލު - ގާނޫނުއަސާސީގެ 35 ވަނަ މާއްދާއާ ހަވާލާދީ ބްރޯޑްކޮމްގެ ބަޔާނުގައި ބުނީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެ މާއްދާއިން ލިބޭ ހާއްސަ ރައްކާތެރިކަން އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 35 މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމުގެ މައުލޫމާތު އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 

"މިފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހްތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމަށާއި ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ،" ވަކި ޓީވީ ޗެނަލެއްގެ ނަމެއް ނުގެނެސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެއާއެކު ބްރޯޑްކޮމްއިން އިލްތިމާސް ކުރީ، ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އިހްތިރާމްކޮށް، "އެއްވެސް މީހެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދު"މަށެވެ.

ކޮމެންޓް (1)

ހައްޕު

25 މާރިޗު 2025
ބަލިކުދިންގެ ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއްނޫން. އެހެންނަމަވެސް އެވާހަކަދެއްކި މީހުންގެ ނިޔަތަކީ އެކުދިންނަށް މަލާމާތެއްކުރުމެއްނޫން. އެހެންވީމަ ޕީ.ޖީ. ވިދާޅުވާނެކަމަށް ބެލެވެނީ ، ނޫސްވެރިޔަކަށް ބިރެއްނުދައްކާކަމަށް ބުނެ އިއްވި ރަޢުޔު . އެއީ ، އެކުދިންނަށް ގޯސްބަހެއް ބޭނުމެއް ނުކުރެއޭ.މިސާލަކަށް އެބަސް ބޭނުންކުރީ އެފަދަކުދިންނަކަށްނޫންވީމަ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް