ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދް)

އިދާރާތަކުން އައިޑީ ކާޑާއި ޒާތީ މައުލޫމާތަށް އެކްސެސްކުރާ ނަމަ ރުހުން ހޯދަން ޖެހޭ ގޮތް ހަދަނީ

ރިޔާސީ ބަޔާނުގެ ފޯރަމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޑިޖިޓަލް އައިޑީކާޑު މިހާރު ތައްޔާރުކުރަމުން ދަނީ އޭގެ ޒާތީ މައުލޫމާތަށް އިދާރާއަކުން އެކްސެސްވުމުގެ ކުރިއަށް އެ މީހާގެ ރުުހުން ހޯދަން ޖެހޭ ގޮތަށް ކަމަށް
8 ފެބްރުއަރީ 2025
2

ދައުލަތުގެ އިދާރާތަކުންނާއި އަމިއްލަ ކުންފުނި އެޖެންސީތަކުން މީހެއްގެ އައިޑީ ކާޑާއި ޒާތީ މައުލޫމާތަށް އެކްސެސްކުރުމުގެ ކުރިއަށް ރުހުން ހޯދަން ޖެހޭ ގޮތަށް ޑިޖިޓަލް އައިޑީ ކާޑުގެ ހިދުމަތް ގާއިމްކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - އިހުސާން މިހެން ވިދާޅުވީ، މީހުންގެ ޒާތީ މައުލޫމާތު ހޯދައިގެން 'ވަގަށް' ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. ހާއްސަކޮށް މި ފަހުން ވެރިކަންކުރާ ޕީއެންސީގެ ތެރެއިން ހުށަހެޅި ގިނަ އަދަދެއްގެ ސައްހަ ނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕްރޮސެސްކޮށް އެ ޕާޓީގެ ދަފްތަރުގައި ހިމެނި މައްސަލައިގެ ޝަކުވާ ބޮޑުވި އެވެ.

ތަފްސީލް - ހޯމް މިިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ތެރެއިން މައުލޫމާތު ހޯދި ކަމުގެ ތުހުމަތު ވެސް އަމާޒުވެފައިވަނިކޮށް އިހުސާން ވިދާޅުވީ އީ-ފާސްގައި ހިމެނޭ ޑިޖިޓަލް އައިޑީ ކާޑުގެ ހިދުމަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޒާތީ މައުލޫމާތު ވެސް ރައްކާތެރިކުރެވޭނެ ގޮތަކަށް ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން، ޓެކްނޮލޮޖީގެ މެންޑޭޓު ވެސް ހަވާލުކޮށްފައިވާ މިިނިސްޓަރު ވިދާޅުވީ ނިޒާމު ބައްޓަން ކުރާނީ މީހުންގެ ރުހުން ހޯދުމަށް ފަހު ނޫނީ އިދާރާތަކަށް އެ މައުލޫމާތަށް އެކްސެސް ނުކުރެވޭނެ ގޮތަކަށް ކަމަށެވެ.

"އިންޓަނޭޝަނަލް ސްޓެންޑަޑަށް އޭތި ފަންކްޝަން ކުރަމުން އަންނަ އިރު ޕްރައިވެޓް ސެކްޓާގެ ތަނަކުން ވިޔަސް، ނުވަތަ ހިދުމަތް ފޯރުކޮށްދޭ [ދައުލަތުގެ] ފަރާތަކުން އެކްސެސްވާ ކަމުގައި ވަނީ ނަމަ އެ މީހާގެ ކޮންސެންޓް އެ ކަމަށް ބޭނުންވާނެ. އެ ކޮންސެންޓާ އެކުގައި އެ އިދާރާއަކުން އެ ކަން ކުރާނީ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރުހުން ދިނުމަށް ފަހު އިދާރާއަކުން މައުލޫމާތަށް އެކްސެސްވުމުން އެ ކަން ފެންނާނެ ގޮތަށް ބައްޓަން ކުރާނެ ކަމަށެވެ. ނިޒާމަށް އާންމުންގެ އިތުބާރު އުފެއްދުމަށް މަސަައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މީހާއަށް ބަލައިލެވޭނެ ކޮންސެންޓް ދިނުމަށް ފަހުގައި ވެސް ކާކުތޯ، ކޮން ސަބަބަކާ ހުރެތޯ، ތިމަންނައިގެ މި ޒާތީ މައުލޫމާތަށް އެކްސެސް ވެފައި މި އޮތީ. މިއީ ވަރަށް ބޮޑު ކޮމްފޯޓެއް މީހުނަށް ލިބެން ޖެހޭ. ނިޒާމުގެ ތެރެއިން އެއަށް އަންނަން ޖެހޭ އިތުބާރު ވެސް އޮންނަން ޖެހޭ." މިިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އެނގުން މުހިންމު - ޕީއެންސީގެ ތެރެއިން ވަގު ފޯމުތަކެއް ހުށަހެޅި މައްސަލަ ފެންމަތިވެފައި ވަނިކޮށް ޑީއެންއާރު މީޓިން ރޫމުގެ ތެރޭގައި ޕީއެންސީއަށް ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ ގޮތުން ގަނޑުކޮށް އައިޑީ ކާޑު ފޮޓޯތަކެއް ކަފައި މަންޒަރު ވެސް އެ ފޮޓޯތަކުން ފެންނަން ހުރުމުން ގިނަ ތުހުމަތުތަކެއް އަމާޒުވި އެވެ.

އެ ފޮޓޯތަކުގައި އިހުސާނާއި، ޑީއެންއާރު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާލީ ވެސް ހުންނެވި އެވެ.

އާލީ ވިދާޅުވަނީ ޑީއެންއާރުގެ ތެރެއިން އެއްވެސް ޒާތީ މައުލޫމާތެއް ނަގައިގެން ސައްހަ ނޫން ފޯމުތަކެއް ފުރާފައި ނުވާނެ ކަމަށެވެ. ނަމަވެސް ޑީއެންއާރުގެ މީޓިން ރޫމުގައި ސިޔާސީ ޕާޓީއަކަށް މެންބަރުން ވެއްދުމުގެ ފޯމުތައް ފުރިކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

ގުޅުން ހުރި - އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ސީނިއާ ބައެއް މެންބަރުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ވަކިވަކި މައްސަލަތައް އެ ދެ ޕާޓީން ފުލުހަށް ހުށަހަޅާފައިވެ އެވެ. ފުލުހުން ބުނެފައި ވަނީ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް (2)

ތެފައާސާ.

9 ފެބްރުއަރީ 2025
އައިޑީކާޑުގެ މައުލޫމާތު ވަގަށްނަގައިގެން މިވަގުތަކަށް ހިންގަންހުރި ޖަރީމާތައް ހިންގާ ނިމުނީތޯ؟ ބޭނުންވާވަރަށް ޕާޓީއަށް މެމްބަރުން ވައްދައި ނިމުނީތޯ؟
1 0

ސިކުނޑި

8 ފެބްރުއަރީ 2025
ޑީއެންއާރުގެ ޑޭޓާބޭސްއަކީ ބޮޑު ވެވުގެ ސައިބޯންޏެވެ. ކިތަންމެ ވަރަކަށް ސެކިއުރިޓީ ފީޗާސްތައް ލިޔަސް ރާއްޖޭގައި މީހުންގެ އިޚްލާސްތެރި ކަމެއްނެތްނަމަ ނަތީޖާއެއް ނުނިކުންނާނެ! އުސޫލާ ޚިލާފަށް ކަމެއްކުރާ މީހަކަށް ރާއްޖޭގައި ދުވަހަކުވެސް ފިޔަވަޅެއް ނޭޅޭ! އެއްވެސް ތަނެއްގައި ނެތް ހަމައެއްލަމައެއް! ރާއްޖޭގައި އިތުބާރު ހިފޭ ކުންފުންޏެއް، މުއައްސަސާއެއް، ސަރުކާރުގެ އަދި ދައުލަތުގެ އިދާރާއެއްނެތް! ޑީއެންއާރުގެ ވެރިން އެތަނުގައި ސިޔާސީ ޕާޓީއަކަށް ފޯމު ފުރައިދީ ވަނަ ހޯދައިގެން ޕިއްޒާ ޕާޓީ ބާއްވާފައި މިކަހަލަ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ!
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް