ކ. ކަނޑުއޮތްގިރި. (ފޮޓޯ/ކެޔޮޅާ)
ކަނޑުއޮތްގިރި މޮޑެލްއަށް އާ ފެކްޓްރީއެއް އަޅާތީ ދާއިރާގެ ކަންބޮޑުވުން
ސަރުކާރުން ކަނޑުއޮތްގިރި މޮޑެލްއަށް ބޮޑުކަންނެލި ޕްރޮސެސް ކުރާ އާ ފެކްޓްރީއެއް އަޅަން އުޅޭތީ އެ ވިޔަފާރީގައި އުޅޭ ކުންފުނިތައް ތަމްސީލުކުރާ މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން މާލެ ސަރަހައްދުގައި ބޮޑުކަންނެލި ޕްރޮސެސްކުރަން ފެކްޓްރީއެއް އަޅައި، ތިން ވަނަ ފަރާތަކަށް މަސް ޕެކްކޮށްދިނުމަށް ނިންމާފައިވާކަމަށް މަސްވެރިންގެ ފޯރަމްގައި ފިޝަރީޒް މިނިސްޓްރީން ހާމަކުރުމާ ގުޅިގެން އެމްއެސްޕީއީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ބޮޑުކަންނެލީގެ މަސްވެރިކަން ދުވަހެއް ދުވަހަށް ދަށްވަމުން ގޮސް، މިހާރު ފެކްޓްރީތަކަށް އެ ފެކްޓްރީތައް ހިންގުން ފީސިބަލްނުވާ ހިސާބަށް މަސްވެރިކަން ވަނީ ދަށަށް ގޮސްފަ އެވެ،" އެ ބަޔާނުގައިވެ އެވެ.
"މިފަދަ ހާލަތެއްގައި ސަރުކާރުން އަނެއްކާވެސް މާލެ ސަރަހައްދުގައި ބޮޑުކަންނެލި ޕްރޮސެސްކުރުމަށް ފެކްޓްރީއެއް އަޅައި، ތިން ވަނަ ފަރާތްތަކަށް މަސް ޕެކްކޮށްދިނުމަށް ނިންމާފައިވާ ކަމުގައި ފާއިތުވެދިޔަ މަސްވެރިކަން ފޯރަމްގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ވަނީ ހާމަކޮށްފަ އެވެ."
އެނގުން މުހިންމު - ކަނޑުއޮތްގިރީގައި ދިގު މުއްދަތަކަށް ބޮޑު ހަރަދެއް ކުރަމުންދިޔަ މިފްކޯގެ ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓްރީ ބޭނުންނުހިފި އެ ރަށް މިދިޔަ އަހަރު އެމްއެންޑީއެފްއަށް ވަނީ ދޫކޮށްލާފަ އެވެ.
އެ ރަށުގެ ބަނދަރުގެ ހާލަތު ގޯސްކަމާއި ފަޅު ތިލަވުން ފަދަ ކަންކަމާ ހުރެ އެ ރަށަށް ލަފާފުރުމުގައި އޮޑިދޯނިފަހަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. އެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން ފަޅު ފުންކުރުމަށާއި ބަނދަރު ތަރައްގީކުރަން 35 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް އެމްޓީސީސީއާ ހަވާލުކުރި އެވެ.
ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކުރުމަށް ފަހު ރައީސް އޮފީހުން ވަނީ އޭގެ ބަދަލުގައި އެފަދަ ކާރުހާނާއެއް ހިންގަން މިފްކޯއަށް ހުޅުމާލެއިން ބިމެއް ދިނުމަށް އެޗުޑީސީއަށް އަންގާފަ އެވެ.
ތަފްސީލު - ކަނޑުއޮތްގިރީގައި ސަރުކާރުން ހިންގި ފެކްޓްރީއަށް ކުރިމަތިވި މާލީ ގެއްލުންތަކާ ހުރެ އެ މަޝްރޫއު ހުއްޓާލިއިރު، އެކަމަށް އިޝާރާތްކޮށް އެމްއެސްޕީއީއޭއިން ބުނީ އެ ތަޖުރިބާ އަލުން ތަކުރާރުކުރުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ނުދެކޭ ކަމަށެވެ.
އެމްއެސްޕީއީއޭގެ ބޮޑުކަންނެލި ޕްރޮސްސްކޮށް އެކްސްޕޯޓުކުރާ މެމްބަރުން ތިން ވަނަ ފަރާތްތަކަށް މަސް ޕެކްކޮށްދެ އެވެ.
މިފަދަ ހާލަތެއްގައި އަދި މަސްވެރިކަން މިހާ ދަށް ދުވަސްވަރެއްގައި ސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިކަމަށް އިތުރު އިންވެސްޓްމަންޓެއް ކުރުމަކީ، އެމްއެސްޕީއީއޭއިން ބުނާ ދެކޭ ގޮތުގައި، ދެކޮޅުނުޖެހޭ ކަމެކެވެ.
"މިފަދަ ފެކްޓްރީއެއް ހިންގުމަކީ ދެކޮޅުނުޖެހޭ ކަމަކަށްވެ، އަނެއްކާވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭ ފަދަ ސަބްސިޑީއެއް ދޭން ފަށައިފި ނަމަ، މިފަދަ ފުރުސަތުތައް އެހެން ކުންފުނިތަކަށް ނެތުމުން ވިޔަފާރީގެ ހަމަހަމަކަން ގެއްލި، މިހާރު އޮޕަރޭޓު ކުރަމުންދާ ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓްރީތައް ހުއްޓާލަން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް މި އެސޯސިއޭޝަނުން ދެކެމެވެ،" އެމްއެސްޕީއީއޭގެ ބަޔާނުގައިވެ އެވެ.
ސަރުކާރުން މިފަދަ އިންވެސްޓްމަންޓެއް ކުރުމުގެ ކުރިން މިހާރު އެ ސިނާއަތަށް ބޮޑެތި އިންވެސްޓްމަންޓް ކޮށްފައިވާ ކުންފުނިތަކަށް ލިބިދާނެ ބޮޑު ގެއްލުމަކާ މެދު އަމިއްލަ ފަރާތްތަކާ އެކު މަޝްވަރާކޮށް، ހިޔާލު ހޯދުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.