ކ. ކަނޑުއޮތްގިރި މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ޝައްމާން ޝާކިރު)

މިފްކޯގެ މަސް ބަންދުކުރާ ކާރުހާނާ ހިންގި ކަނޑުއޮތްގިރި އެމްއެންޑީއެފްއަށް ދީފި

ކަނޑުއޮތްގިިރި އެމްއެންޑީއެފްއަށް ދިނުމަށް ފަހު، އެރަށުގައި ކުރަމުން އައި މަސް ބަންދުކުރުމުގެ މަސައްކަތަށް ހުޅުމާލެއިން ބިމެއް ލިބޭތޯ ބަލަނީ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސް ބަންދުކުރާ ކާރުހާނާއެއްގެ ގޮތުގައި ހިންގަމުންދިޔަ ކ. ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ އެމްއެންޑީއެފްގެ ބޭނުމަށް ކަނޑުއޮތްގިރި ބަދަލުކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. 

ބުނީ ކީކޭ؟ - ޝިޔާމް ވިދާޅުވި ގޮތުގައި ކަނޑުއޮތްގިރިއަކީ ބޮޑަށް ކަންނެލި މަސްވެރިކަމަށް ހާއްސަކުރެވިގެން ހިންގި ރަށެކެވެ. އެތަނުގެ ތަރައްގީގެ ޕްލޭންތައް ވެސް ކުރިއަށް ރާވާފައި ހުރީ ވަރަށް ބޮޑަށް ކަންނެލި މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން:

  • ކަންނެލި މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެރަށް ހާއްސަކޮށް ދިގު މުއްދަތެއްގެ މަސައްކަތްތަކެއް ކޮށްފައިވޭ

  • ނަމަވެސް އެ މަސައްކަތްތަތަކަށް އެދެވޭ ހައްލެއް ކަނޑުއޮތްގިރިން ހޯދިފައެއް ނުވޭ

"އެއީ ވަރަށް ބޮޑު ހޭދައެއް ކުރެވިއްޖެ. ނަމަވެސް މަސްވެރިންނަށް ނޫނީ ކަންނެލި މަސްވެރިންނަށް ކަނޑުއޮތްގިރީގެ ފަޅަކީ ވެސް އެދެވޭ ހައްލެއް ލިބުނު ފަޅަކަށް ނުވި،" ޝިޔާމް ވިދާޅުވި އެވެ.

ކަނޑުއޮތްގިިރި އެމްއެންޑީއެފްއަށް ދިނުމަށް ފަހު، އެރަށުގައި ކުރަމުން އައި މަސް ބަންދުކުރުމުގެ މަސައްކަތަށް ހުޅުމާލެ ބަނދަރުން ޖާގައެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ އެޗްޑީސީގެ އެހީތެރިކަމާ އެކު ހުޅުމާލޭ ބަނދަރުން ކަންނެލި މަސްވެރިނަށް ޖާގަ ލިބޭ ގޮތް ހަދާނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނެ ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ހުޅުމާލެ ބަނދަރުން އެކަމަށް ހަމަޖައްސާ ބިން ވާނީ މަސް ބަންދުކުރުމުގެ މަސައްކަތްކުރާ ކަންނެލި މަސްވެރިންނަށް ރަނގަޅު މާހައުލަކަށް ކަމަށާއި، އޭރުން އެކަން ކުރާ ފަރާތްތަކުގެ އަތުން ހިނގާ ހަަރަދު ވެސް ވަރަށް ބޮޑަށް ކުޑަވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކަނޑުއޮތްގިރީގައި މިފްކޯއިން ހިންގަނީ ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓަރީއެކެވެ. ނަމަވެސް އެ ރަށުގެ ބަނދަރުގެ ހާލަތު ގޯސްކަމުންނާއި ފަޅު ތިލަވުމުގެ ސަބަބުން އޮޑިދޯނިފަހަރަށް އެ ރަށަށް ލަފާފުރުމުގައި ބޮޑެތި ދަތިތަކެއް ދިމާވެ އެވެ. އެ ސަބަބާ ހުރެ އެ ފެކްޓްރީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އޮންނަނީ ނުހިފި އެވެ.

އެ މައްސަލައަށް ހައްލެއް ގެނަން ވެގެން، ކަނޑުއޮތްގިރީގެ ފަޅު ފުންކުރުމަށާއި ބަނދަރު ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުގައި ވަނީ 35 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ކަނޑުއޮތްގިރި ޒަމާނީ ޕެކިން ފެސިލިޓީއަކަށް ހަދައި މަސްވެރިން ބާނާ މަސް، ބޭރަށް ފޮނުވޭނެ ފެންވަރަށް ޕެކްކޮށްދޭ ކާރުހާނާއެއްގެ ގޮތުގައި އެތަން ތަރައްގީކުރަން ވެސް 2022ގައި، ކުރީގެ ސަރުކާރުން ނިންމި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް