މިފްކޯގެ ދަށުގައި އޮންނަ ކ. ކަނޑުއޮތްގިރި (ފޮޓޯ/ޝައްމާން ޝާކިރު)

ކަނޑުއޮތްގިރީގެ ބަނދަރު މަޝްރޫއުއަކީ މިހާރު ހުރި މައްސަލަތަކަށް ހައްލެއް: ޑރ. ހުސައިން

ކަނޑުއޮތްގިރީގައި މިފްކޯއިން ހިންގާ މަސް ފެކްޓްރީގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފެނީ އެ ރަށުގެ ބަނދަރު އޮތް ހާލަތުން ކަމަށް ބުނޭ

މުހިންމު ނުކުތާތައް

މަޝްރޫއުއަށް ސަައުދީ ފަންޑުން 36 މިލިއަން ރުފިޔާ ހޭދަކުރޭ

އެމްޓީސީސީއާ މަޝްރޫއު ހަވާލުކުރީ އެއް އަހަރު ތެރޭގައި ނިންމާ ގޮތަށް

ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ޕެކްކުރާނެ ވަސީލަތްތައް ހުރޭ

މިފްކޯގެ ދަށުގައި އޮންނަ ކ. ކަނޑުއޮތްގިރީގެ ބަނދަރު ތަރައްގީކޮށް ނިމުމުން، އެ ރަށް ބޭނުން ކުރާ މަސްވެރިންނަށް މިހާރު ދިމާވާ އުނދަގޫތަކަށް ހައްލެއް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ކަނޑުއޮތްގިރީގައި މިފްކޯއިން ހިންގަނީ ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓަރީއެކެވެ. ނަމަވެސް އެ ރަށުގެ ބަނދަރުގެ ހާލަތު ގޯސްކަމުންނާއި ފަޅު ތިލުވުމުގެ ސަބަބުން އޮޑިދޯނިފަހަރަށް އެ ރަށަށް ލަފާފުރުމުގައި ބޮޑެތި ދަތިތަކެއް ދިމާވެ އެވެ. އެ ސަބަބާ ހުރެ އެ ފެކްޓްރީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އޮންނަނީ ނުހިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައަށް ހައްލެއް ގެނެސް، ކަނޑުއޮތްގިރީގެ ފަޅު ފުން ކުރުމަށާއި ބަނދަރު ތަރައްގީ ކުރުމަށް މިދިޔަ ބުދަ ދުވަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. މިފްކޯއިން ބަލަހައްޓާ ރަށެއް ނަމަވެސް، 35 މިލިއަން ރުފިޔާގެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރީ ފިޝަރީޒް މިނިސްޓްރީންނެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

  • ފިޝަރީޒް މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރު

  • އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ކަނޑުއޮތްގިރީގެ ބަނދަރު ތަރައްގީ ކުރަން އެމްޓީސިސީއާ ހަވާލުކުރަން 18 މެއި 2022 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މިނިސްޓަރުގެ ބަސް - އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީގެ ފަރާތުން ކަމަށް ވިޔަސް ޑރ. ހުސައިން 'ދައުރު'އަށް ވިދާޅުވީ ކަނޑުއޮތްގިރި ސަރުކާރަށް ނެގީ ނޫން ކަމަށެވެ.

އަދިވެސް "މިފްކޯގެ ރަށެއް އެއީ. މިއީ [މި މަޝްރޫއަކީ] ސައުދީ ފަންޑުގެ ދަށުން ކުރާ އިންވެސްޓްމަންޓެއް،" އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރަން ޖެހުނު ސަބަބު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

"މަޝްރޫއު ހިންގުމުގެ ކަންތައްތަކުގައި މިނިސްޓްރީން އުޅެނީ. ކޫއްޑޫގައި ހިންގާ މަޝްރޫއުތައް ވެސް ބަލަހައްޓަނީ މިނިސްޓްރީން."

އޭނާ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ކަނޑުއޮތްގިރިއަށް މިހާރު ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"އެ ރަށަށް ލަފާފުރުމަށާއި މަޑުކުރަން އުނދަގޫވޭ  ބޯޓުފަހަރަށް. އެކަން ހައްލުކުރެވޭނެ މި މަޝްރޫއިން،" މިނިސްޓަރު ވިދާޅުވި އެވެ.

ކަނޑުއޮތްގިރީގެ ބަނދަރު މަޝްރޫއު

  • މަޝްރޫއުގެ އަގު: 36.1 މިލިއަން ރުފިޔާ

  • މަޝްރޫއު ނިންމަން ދިނީ: 365 ދުވަސް (1 އަހަރު)

އެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ:

  • 10،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުން

  • 10،000 މީޓަރުގެ ނެރު ފުންކުރުން

  • 125 މީޓަރު އެއްގަމު ތޮށި އަދި 50 މީޓަރުގެ ބޭރު ތޮށިލުން

  • 63 މީޓަރުގެ ރިވެޓްމަންޓް ޖެހުން

  • 215 މީޓަރުގެ ޝީޓްޕައިލް ކުރުން

  • ޕޭވްމަންޓް ހެދުން

  • ނެރުބައްތި އާއި މަގުބައްތި ހަރުކުރުން

  • ލޮނުފެނާއި ރީތި ފެން ލިބޭނެ ފެންލައިން އެޅުން

  • އީއައިއޭ ހެދުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް