ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއް؛ ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން ހައި ކޯޓުން އަމުރު ނެރެނުދިން - (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފުލުހުން

ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައި ކޯޓުން ވެސް އަމުރެއް ނުދިން

މިހާރު ވެސް ޕްރޮމޯޝަން ދީ، އެ ގޮތަށް މުސާރަ ދެމުން ދާއިރު ދެން އިތުރު އެއްވެސް ކަމެއް ނުކުރަން އަމުރުކޮށްގެން ނުކުންނާނެ ނަތީޖާއެއްގެ ތަފުސީލެއް އޭސީސީއަށް ދެވިފައި ނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވޭ
27 ޖެނުއަރީ 2025

އަވަސް އަރުވާލައިގެން ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ޕްރޮމޯޝަން ދިން މައްސަލާގައި އެ ކަން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުދިނުމުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހަައި ކޯޓަށް ހުށަހެޅުމުން ވެސް އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް ފުލުހުންގެ އިސް ރޭންކުގެ ބައެއް އޮފިސަރުންނަށް އަވަސް އަރުވާލައިގެން ހާއްސަ ޕްރޮމޯޝަންތަކެއް ވަނީ ދީފަ އެވެ.

އެ މައްސަލައިގެ ތަހުގީގު ފެށުމަށް ފަހު އޭސީސީން ވަނީ އެކަން ހުއްޓަން އަންގައި ފުލުހުންނަށް ސިޓީއެއް ފޮނުވައިފަ އެވެ. ނަމަވެސް އޭސީސީގެ އެންގުމަށް ބެލުމެއް ނެތި ޕްރޮމޯޝަން ދިނުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ އޭސީސީން ސިވިލް ކޯޓަށް ހުށަހަޅައި ޕްރޮމޯޝަން ދިނުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށެވެ. އޭސީސީން ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ އެ ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެވެ.

ތަފްސީލް - އޭސީސީން އެދޭ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކުރީ އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހުކުމުގައި ބުނާ ގޮތުން ވަގުތީ އަމުރު ނެރެދެވެން ނެތް ސަބަބަކީ:

  • ވަގުތީ އަމުރު ނެރެދިނުމަށް އޭސީސީން ފާހަގަކުރާ ގާނޫނީ ނުކުތާތަކަކީ މައުލޫއީ ނުވަތަ މުޅި މައްސަލާގައި ގޮތެއް ކަނޑައެޅުމުގައި ބަލަން ޖެހޭ ނުކުތާތައް

  • މައުލޫއީ މައްސަލައިގައި ގޮތެއް ނިންމަން ޖެެހެނީ އެފަދަ އެންގުމެއް އެންގުމުގެ ބާރު އޭސީސީއަށް އޮވޭތޯ ނުވަތަ ނޯވޭތޯ ކަނޑައެޅުން

  • ވަގުތީ އަމުރު ނުނެރެފި ނަމަ، އަމުރަށް އެދޭ ފަރާތަށް (އޭސީސީ)އަށް ލިބޭނެ ގެއްލުމެއް އެ ކޮމިޝަނަށް ބަޔާންކޮށްދެވިފައެއް ވެސް ނުވޭ

  • މިހާރު ވެސް ޕްރޮމޯޝަން ދީ، އެ ގޮތަށް މުސާރަ ދެމުން ދާއިރު ދެން އިތުރު އެއްވެސް ކަމެއް ނުކުރަން އަމުރުކޮށްގެން ނުކުންނާނެ ނަތީޖާއެއްގެ ތަފުސީލެއް އޭސީސީއަށް ދެވިފައެއް ނުވޭ

މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:

  • މުހައްމަދު ޝަނީޒް އަބްދުﷲ (ރިޔާސަތު)

  • މުހައްމަދު ފައިސަލް

  • މުހައްމަދު ސަލީމް

ހައި ކޯޓުން އޭސީސީން އެދުނު ވަގުތީ އަމުރު ނެރެނުދިން ނަމަވެސް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދިނުމާ ގުޅޭ ގޮތުން ނިންމި ނިންމުން ބާތިލްކުރި އެވެ. ހައި ކޯޓުން ހުކުމްކުރީ އޭގައި ވަނީ މައުލޫއީ މައްސަލާގައި ކަނޑައަޅަން ޖެހޭ ކަންކަމަށް ވާތީއާއި ވަގުތީ އަމުރު ނެރެނުދޭން ސިވިލް ކޯޓުން ނިންމި ސަބަބުތައް ތަފްސީލްކޮށްދީފައި ނުވާ ކަމަށެވެ.

އެނގުން މުހިންމު - އޭސީސީގެ އެންގުމަށް އަމަލުކުރަންވީ ގޮތުގެ ލަފައަކަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އޭރު އެދުނެވެ. އޭރުގެ ޕީޖީ ހުސައިން ޝަމީމް ލަފާ ދެއްވީ އެ އެންގުމަށް ތަބާވުން ލާޒިމު ނޫން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް