ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން އޭސީސީން ހައި ކޯޓަށް
އަވަސް އަރުވާލައިގެން ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ޕްރޮމޯޝަން ދިން މައްސަލައިގައި އެކަން ހުއްޓުވަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
މައްސަލައިގެ ފެށުން - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް ފުލުހުންގެ އިސް ރޭންކުގެ ބައެއް އޮފިސަރުންނަށް އަވަސް އަރުވާލައިގެން ހާއްސަ ޕްރޮމޯޝަންތަކެއް ވަނީ ދީފަ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑު ޖައްސާލަން އޭސީސީން އަންގާފައިވާ ދަނޑިވަޅެއްގައި މި ޕްރޮމޯޝަންތައް ދިނުމުން، އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެށި އެވެ. ނަމަވެސް، ސިވިލް ކޯޓުން ނިންމާފައިވަނީ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ވީ ކިހިނެއް؟ - ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް އޭސީސީން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާކަން އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަންސް އޮފިސަރު ނިޝާން މުހައްމަދު ދީދީ 'ދައުރު'އަށް މިއަދު ކަށަވަރު ކޮށްދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސިވިލް ކޯޓުން ނިންމި ނިންމުމުގައި އޭސީސީއަށް ބަލައިނުގަނެވޭ ކަންތައްތަކެއް ހުރުމުން، މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓުގައި އެ މައްސަލަ ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ފާހަގަކޮށްލެވޭ - އަވަސް އަރުވާލައިގެން ބައެއް އިސް އޮފިސަރުންނަށް ޕްރޮމޯޝަން ދިން މައްސަލާގައި ފުލުހުންގެ ތެރޭގައި ވެސް ނުތަނަަވަސްކަން އުފެދުނެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު އޭރު ވިދާޅުވީ އެގްޒެކެޓިވް ލެވެލްގެ ބައެއް އޮފިސަރުންނަށާއި އިތުުރު އޮފިސަރުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ މާ ކުރިން ރާވައިގެން ދީފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ.