މާލެ ޕޯޓް ސަރަހައްދުގައި ބޮޑު ކޮންޓެއިނާ ބޯޓެއް ބަނދަރުކޮށްފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި
ޗައިނާ އާއި ރާއްޖެއިން ހެދި ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މި މަހު އެއް ވަނަ ދުވަހު އަމަލުކުރަން ފެށި އެފްޓީއޭގެ ދަށުން ރާއްޖެ އެތެރެކުރާ މުދަލުގެ %70 މުދަލުން ޑިއުޓް ކެނޑޭ ގޮތަށް ވަނީ ހަދައިފަ އެވެ. މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ މި އެގްރިމަންޓްގެ ދަށުން އެތެރެކުރި މުދަލުގެ ތަފާސްހިސާބުތައް ކަސްޓަމްސްއިން ހާމަކުރީ މިއަދެވެ.
ތަފްސީލު - ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އެގޮތުން:
-
ވައިގެ މަގުން ނުވަ ޝިޕްމަންޓް: އެއީ، 882،381ރ.ގެ މުދާ
-
ކަނޑު މަގުން ތިން ޝިޕްމަންޓް: 1.04 މިލިއަން ރުފިޔާގެ މުދާ
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 7 ޑިސެމްބަރު 2017ގަ އެވެ. އެ އެއްބަސްވުމަށް އަމަލު ނުކޮށް އޮންނަތާ ހަތް އަހަރު ފަހުން އަމަލުކުރަން ފަށަން މި ސަރުކާރުން ނިންމީ، މިދިޔަ އަހަރު އެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ހާމަކުރި ގޮތުގައި، މިހާރު %70 މުދަލުގެ ޑިއުޓީ ކެނޑި ނަމަވެސް، ކުރިއަށް އޮތް ފަސް އަހަރު %90 މުދަލުން ޑިއުޓީ މައާފުވާނެ އެވެ.
ރާއްޖޭން ޗައިނާއަށް ގެންދާ މުދަލުގެ %95 އެއްވެސް ޑިއުޓީއެއް ނެތި އެ ގައުމަށް އެތެރެކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.