އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)
އެފްޓީއޭއާ އެކު ޗައިނާއިން އެތެރެކުރާ %70 މުދަލުން ޑިއުޓީ ކެނޑޭނެ
އަންނަ ބުދަ ދުވަހުން ފެށިގެން ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ފަށާއިރު، ޗައިނާ އިން ރާއްޖެ އެތެރެކުރާ މުދަލުގެ %70 މުދަލުން ޓެރިފް ކެނޑޭނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ތެރޭ %90 ޕަސެންޓު މުދަލުން ޑިއުޓީ މައާފުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރާއްޖޭން ޗައިނާއަށް ގެންދާ މުދަލުގެ %95 އިން އެއްވެސް ޑިއުޓީއެއް ނެތި އެ ގައުމަށް އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ.
ތަފްސީލް - ސައީދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ ތާރީހުގައި، ދުވަހަކު ވެސް ރާއްޖެއަށް ނުލިބޭވަރުގެ ވިޔަފާރީގެ ކުރިއެރުންތައް މި އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ބާޒާރާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަކީ، ސައީދު ވިދާޅުވި ގޮތުގައި، ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޮޑެތި ފައިދާތައް ކުރާނެ ކަމެކެވެ.
"އަޅުގަނޑުމެންގެ އޮތީ ޓޫރިޒަމް. މީގެ 15-10 ވަރަކަށް، 20 ވަރަކަށް އަހަރު ކުރިން ވެސް ޔޫއެންޑަބްލިއުޓީއޯ އިން ލަފާކޮށްފައި އޮތް ގޮތުގައި 2050އަށް ދާއިރު ދުނިޔޭގެ އެންމެ ބޮޑު އައުޓްބޯޑު-އިންބައުންޑު ކޮންޓްރިބިއުޓަރަކީ ޗައިނާ. އެއީ މީގެ 20 ވަރަކަށް އަހަރު ކުރިން. މިހާރު މިއަދުގެ ހަގީގަތަކީ ވެސް އެއީ. އެންމެ ބޮޑު އިންބައުންޑް، އައުޓްބަންޑް ކޮންޓްރިބިއުޓަރަކީ ޗައިނާ،" އޭނާ ފާހަގަކުރެއްވި އެވެ.
"މި އެފްޓީއޭގެ ސަބަބުން ޗައިނާގެ ފްރީޓްރޭޑު ބައެއް އޭރިއާތަކުގައި ދިވެހި ކުންފުނިތަކަށް ޗައިނާގެ ކުންފުނިތަކަށް ލިބޭ ހުރިހާ ރައިޓަކާ އެކު ވިޔަފާރި ކުރުމުގެ ފުރުސަތު އެބަ ލިބޭ، އިންކްލޫޑިން އިންޓާނަލް ޓްރެވަލް ޑިސްޓްރިބިއުޝަންއާ އެކު. މިއީ އެއްވެސް އެފްޓީއޭ ޕާޓްނަރަކަށް ޗައިނާ އިން މީގެ ކުރިން ދީފައި އޮތް ބެނެފިޓެއް ނޫން."
މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެހެން ގައުމަކަށް ހުޅުވާލާފައި ނެތް އެއްވެސް ކަމެއް ރާއްޖޭގެ އިގްތިސޯދުގައި ހިމެނޭ ކުދިކުދި ސެކްޓާތަކުން ޗައިނާގެ ވިޔަފާރިތަކަށް ވަކި ހާއްސަ ހުއްދައެއް ނުދޭނެ ކަމަށެވެ.
"އެހެން އެއްވެސް ގައުމަކަށް ހުޅުވާލާ ކަމަށް ވަންޏާ ނުވަތަ އެ ބެނެފިޓު ދޭ ކަމަށް ވަންޏާ އެއަކުން ޗައިނާ އެކްސްކްލޫޑެއް [ބާކީއެއް] ނުވާނެ. އަޅުގަނޑުމެންގެ ވަރަށް އުފަލުން، ވަރަށް ލޯތްބާ އެކު ރައްކާތެރިކުރަން ބޭނުންކުރާ އިންޑަސްޓްރީއެއް ފިޝަރީޒް އިންޑަސްޓްރީ އަކީ. އެ އިންޑަސްޓްރީގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އޮތް ޖާގަ ފުރިހަމައަށް ހިމާޔަތްކޮށްދޭނެ މި އެއްބަސްވުމުގެ ތެރެއިން ވެސް،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ލިބޭނެ އުފަލަކީ ރާއްޖޭގައި ބާނާ އަދި ހިފާ މަސް ނުވަތަ ސީފުޑް، އެއްވެސް ޓެރިފަކާ ނުލާ ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް ބޭރުކުރެވުން ކަމަށެވެ.
"މުޅި ޗައިނާގައި ގާތްގަނޑަކަށް 3،000އަށް ވުރެ ގިނަ ޓެރިފް އައިޓަމް، އަޅުގަނޑުމެން ރިސާޗު ކުރިއިރު 300 ސީފުޑް ވެރައިޓީސް ގާތްގަނޑަކަށް ލިސްޓުގައި ހުރީ. އޭގެ ތެރެއިން 269 އައިޓަމްއަށް އަޅުގަނޑުމެންނަށް އެ ލިބެނީ ޑިއުޓީ ފްރީކޮށް. ވެލާ، ކަހަނބު، މިޔަރު ފަދަ އެއްޗެހި ފިޔަވާ،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ދުނިޔޭގައި ބޭނުންކުރާ ސީފުޑް ރާއްޖެ އެތެރެކޮށް ޑަބްލިއުޓީއޯ ގަބޫލު ކުރާ ވެލިއު ކޮންޓެންޓު ހާސިލުކޮށްގެން ޗައިނާއަށް %0ގައި އެކްސްޕޯޓު ކުރުމުގެ ފުރުސަތު ހުރިހާ ދިވެހި ވިޔަފާރިވެރިންނަށް މިހާރު އޮންނާނެ ކަމަށެވެ. މިއީ ދުނިޔޭގެ އެހެން ވިޔަފާރިތަކަށް އޮތް ފުރުސަތެއްް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
އެނގުން މުހިއްމު - ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ 7 ޑިސެމްބަރު 2017ގަ އެވެ. އެ އެއްބަސްވުމަށް އަމަލު ނުކޮށް އޮންނަތާ ހަތް އަހަރު ފަހުން އެއްބަސްވުމަށް އަމަލު ކުރަން ފަށަން މިހާރު ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެންނެވެ.
ކޮމެންޓް (1)
ސިކުނޑި