އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ދިވެހި ވިޔަފާރިވެރިންނަކީ ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ކުރިއަރަން މަސައްކަތް ކުރާ ބަޔެއް: ސައީދު

ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ފަހިވާ ފުރުސަތުތަކަކީ ވަރަށް ތާރީހީ ފުރުސަތެއް ކަމަށާއި މުސްތަގުބަލުގަައި ފަސް އެނބުރި ބަލާ، މިދުވަސް ފާހަގަ ވެސް ކުރާނެ ކަމަށް

ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ރާއްޖޭގެ ވިޔަފާރިވެރިންނަކީ މަޑުން ނުތިބެ ކުރިއަރަން މަސައްކަތް ކުރާނެ ބައެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ބުދަ ދުވަހު އަމަލު ކުރަން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ދުނިޔޭގައި ބޭނުންކުރާ ސީފުޑްގެ ހުރިހާ ބާވަތެއް ރާއްޖެ ގެނެސް، އެއަށް އަގު އެއްކޮށްގެން %0ގައި ޗައިނާ އަށް ބޭރު ކުރުމުގެ ފުރުސަތު މިހާރު ހުރިހާ ދިވެހި ވިޔަފާރިވެރިންނަށް އޮންނާނެ ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑަށް ޔަގީން ކަށަވަރު، މިހެން ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ދިވެހި ވިޔަފާރިވެރިން މަޑަކުން ނުތިބޭނެ. ކުރިއަރާން އެތައް މަސައްކަތެއް ކުރާނެ. އެބޭފުޅުންގެ ހުންނާނެ ހިޔާލު. އެ ބޭފުޅުންގެ ހުންނާނެ ސަރުކާރަށް ވެސް ދޭން ބޭނުންވާ ލަފާތައް. އެބޭފުޅުންގެ ހުންނާނެ ވަރަށް ތަނަވަސް ވިސްނުންތައް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 1972 ވަނަ އަހަރު ރާއްޖެ އަށް ފަތުރުވެރިކަން ތައާރަފު ކުރީ ވެސް ދިވެހި ވިޔަފާރިވެރިންގެ ތަނަވަސް ވިސްނުމުގެ އަލީގައި ކަމަށެވެ.

"1972ގައި ތައާރަފު ކުރީ ވަރަށް އާދައިގެ ޓޫރިޒަމެއް. މިއަދު ދުނިޔޭގައި އަތްފުނާ އަޅައިގެން ވެސް އަދި ދުނިޔޭގައި ބޮޑުވާ ބިއްލޫރި ކައިރި ކޮށްގެން ބެލި ނަމަވެސް މިއަށްވުރެ ލަގްޒަރީ، ޕްރިމިއަމް، ފެޝަނަބަލް އިންޑަސްޓްރީއެއް ދުނިޔޭގައި ނޯންނާނެ ރާއްޖެ ވަރުގެ. އެއީ ދިވެހިންގެ ހިތްވަރަކީ. އެއީ ދިވެހި ވިޔަފާރިވެރިންގެ ހިތްވަރަކީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ފަހިވާ ފުރުސަތުތަކަކީ ވަރަށް ތާރީހީ ފުރުސަތެއް ކަމަށާއި މުސްތަގުބަލުގަައި ފަސް އެނބުރި ބަލައި، މިދުވަސް ފާހަގަ ވެސް ކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ، ފުރުސަތުގެ ފުރިހަމަ ބޭނުން ކުރައްވާށޭ. މި އެއްބަސްވުމުގެ ސަބަބުން ޗައިނާ މިއަދު ކުރިއަރައިގެން މިދާ ދިޔުމުގައި އެންމެ ބޮޑު ފުރުސަތެއް މި ލިބެނީ ރާއްޖެ އަށް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސާވިސް ސެކްޓާ އަދި އިންވެސްޓުމެންޓް ސެކްޓާއަށާއި އިންޓަނެޓު މެދުވެރިކޮށް ކުރާ ވިޔަފާރި މުއާމަލާތްތަކަށް ވެސް ފަހިވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ މި އެއްބަސްވުމާ އެކު ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެގައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ ކަމަށާއި ކުރިމަގުގައި ވިޔަފާރީގެ ގިނަ ފުރުސަތުތައް ދިވެހިންނަށް ފަހިވާނެ ކަމަށެވެ.

އެނގުން މުހިއްމު - ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ 7 ޑިސެމްބަރު 2017 ގަ އެވެ. އެ އެއްބަސްވުމަށް އަމަލު ނުކޮށް އޮންނަތާ ހަތް އަހަރު ފަހުން އެއްބަސްވުމަށް އަމަލު ކުރަން ފަށަން މިހާރު ނިންމާފައިވަނީ 2025 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް (1)

ސިކުނޑި

30 ޑިސެމްބަރު 2024
ކޮބައިތޯ ޓްރާންސިޓް ބަނދަރު! ދިވެހި ވިޔާފާރި ވެރިންގެ ވިސްނުން އެބަހުރި! އުރަތްޕެއްނެތީ ސަރުކާރުގައި!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް