ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒް. (ފޮޓޯ/ޕީއެސްއެމް ނިއުސް)

ބްރޯޑްކޮމްއަށް ލާން ރައީސް އެދުނު މުއާޒް ކޮމިޓީގެ އިންޓަވިއުން ކަޓައިފި

މިނިވަން މުއައްސަސާތަކުގެ މަގާމުތަކަށް މީހުން އައްޔަންކުރަން އެންމެ ގާބިލު ކަމަށް ބަލަނީ ކޮމެޓީގެ އިންޓަވިއުން އެވަރޭޖުކޮށް %75 އިން މަތިން މާކްސް ލިބޭ މީހުން؛ މުއާޒް ކެޓީ އެވަރޭޖް މާކްސްގެ ގޮތުގައި %68 ލިބުމުން

ބްރޮޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ ދެ މެންބަރު ކަމަށް އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު އެންމެ އެދިވަޑައިގަތް ދެ ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒް (ޓީވީ މުއާ) މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އިންޓަވިއުން ކަޓައިފި އެވެ.

ވީ ކިހިނެއް؟ - ބްރޯޑްކޮމްއަށް ދެ މެމްބަރުން އައްޔަންކުރަން ޖެހުނީ އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ މަހު 5އަށް ހަމަވުމުންނެވެ.

އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 12 ބޭފުޅެއްގެ ނަން ރައީސް އިސްކަން ދެއްވި ތަރުތީބުން މަޖިލީހަށް ހުށަހެޅިއިރު، ލިސްޓުގެ އެންމެ ކުރީގައި އޮތީ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރެއްވި މުހައްމަދު އަބްދުﷲ (މުހަންމާ) އާއި އިބްރާހިމް މުއާޒްގެ ނަމެވެ.

އެއީ ޒުވާނުންނަށް ދިން ނުބައި މެސެޖެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެކަމަށް ވަނީ ފާޑު ވެސް ކިޔާފަ އެވެ.

މި މަގާމަށް މީހުން އައްޔަންކުރަން އެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް ކުރަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. އެ ކޮމެޓީން އާންމުކޮށް އެފަދަ މަގާމުތަކަށް އިންޓަވިއު ކުރަނީ ވެސް ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބުންނެވެ.

މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

ތަފްސީލު - އެ މައްސަލަ ދިރާސާކޮށް، ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓުގައި އެ 12 ބޭފުޅުންނަށް މާކްސް ދިން މިންގަނޑާއި ކޮންމެ ބޭފުޅަކަށް ލިބުނު މާކްސްގެ ތަފްސީލު ހިމަނާފައިވެ އެވެ. އެގޮތުން:

  • ބްރޯޑްކޮމްއަށް އައްޔަންކުރަން ރައީސް އެންމެ އެދިވަޑައިގަތް މުހައްމަދު އަބްދުﷲއަށް %79ގެ އެވަރޭޖް މާކްސްއާ އެކު ލިބެނީ ލިސްޓުގެ ތިން ވަނަ 

  • ރައީސް ތަރުތީބު ކުރެއްވި ލިސްޓުގެ ދެ ވަނައިގައި އޮތް މުއާޒްއަށް ލިބުނީ %68؛ އެއީ ލިސްޓުގެ ހަތް ވަނަ

މިނިވަން މުއައްސަސާތަކުގެ މަގާމުތަކަށް މީހުން އައްޔަންކުރަން އެންމެ ގާބިލު ކަމަށް ބަލަނީ ކޮމެޓީގެ އިންޓަވިއުން އެވަރޭޖުކޮށް %75 އިން މަތިން މާކްސް ލިބޭ މީހުންނެވެ. އަދި ރުހުން ދިނުމާ މެދު ވޯޓަށް އަހަން މަޖިލީހަށް ފޮނުވަނީ ވެސް އެ މިންވަރަށް މާކްސް ލިބޭ މީހުންގެ ނަންތަކެވެ.

ކޮމެޓީގެ އިންޓަވިއުއަށް ފަހު ރިހުން ދިނުމަށް ވޯޓަށް އަހަން މަޖިލީހަށް ފޮނުވާ ހަތަރު ނަމަކީ:

  • 1-

    އާމިނަތު ސަރާހަތު އިއްޒަތު - %89 (ރައީސްގެ ލިސްޓުގައި 7 ވަނަ)

  • 2-

    ޝިފްޒާ މުސްތަފާ - %84 (ރައީސްގެ ލިސްޓުގައި 10 ވަނަ)

  • 3-

    މުހައްމަދު އަބްދުﷲ - %79 (ރައީސްގެ ލިސްޓުގައި 1 ވަނަ)

  • 4-

    ޝިމްލާ އަހްމަދު - %77 (ރައީސްގެ ލިސްޓުގައި 8 ވަނަ)

މާކްސް ދިނުމުގައި ބެލި ކަންކަމުގެ ތެރޭގައި ތައުލީމާއި ތަޖުރިބާ އާއި އެ ކަންކަމާ މަގާމުގެ މަސައްކަތް ހުރި ގުޅުން ސާބިތުކޮށްދިނުމާއި ދުރު މުސްތަގްބަލުގެ ތަސައްވުރާއި ތެދުވެރިކަމާއި އިހުލާސްތެރިކަން ހުރި މިންވަރު އަދި ނަތީޖާ ހާސިލުކުރުމާއި އުފެއްދުންތެރިކަން ހިމެނެ އެވެ.

ގުޅުންހުރި ކަމެއް - މިނިވަން މުއައްސަސާތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ދެ ޖަލްސާ ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ދެ ޖަލްސާ އޮންނާނީ މި މަހުގެ 16 އާއި 20ގަ އެވެ.

ކޮމެންޓް (2)

މަރްޔަމް

14 ޖެނުއަރީ 2025
ތިޔަ މަޤާމަށް އެންމެ ޤާބިލު ފަރާތަކީ ޝިމްލާ އަޙްމަދު، މިހާތަނަށް ނަތީޖާ ނެރެދެއްވާފައިވާ ޢިލްމީ ބޭފުޅެއް. ބްރޯޑްކޮމް އަށް އެންެމެ ފައިދާވާނީވެސް އެއްނަމަކަށް ޝިމްލާ ހޮވިގެން
0 0

ކޮސް

13 ޖެނުއަރީ 2025
މުހައްމާކަލޯ ފާސްވީމަ އެބައެނގޭ ކޮމެޓީގެ ޤާބިލުކަން ދޯ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް