އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (ކ) އާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ.

އެމްޑީޕީ

މުހައްމަދު އަބްދުﷲ އާއި މުއާޒްގެ ނަން ބްރޯޑްކޮމްއަށް ފޮނުވައިގެން، ކިޔަވައިގެން ތިބި ޒުވާނުންނަށް ދިނީ ނުބައި މެެސެޖެއް: އެމްޑީޕީ

މެމްބަރުން ވިދާޅުވި ގޮތުގައި، ރައީސްގެ އެ ނިންމެވުމުން ދޭހަވީ މޮޅަށް ކިޔަވައި ތަޖުރިބާ ހޯދުމުގެ ބޭނުމެއް ނެތްކަން
12 ޑިސެމްބަރު 2024
1

ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަމަށް، ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒް (ޓީވީ މުއާ) ހަމަޖައްސަން ރައީސް މުހައްމަދު މުއިއްޒު މިއަދު މަޖިލީހުގައި އެދިވަޑައިގެންނެވުމަކީ ކިޔަވައިގެން ތިބި ޒުވާނުންނަށް ދެއްވި ނުބައި މެސެޖެއް ކަމަށް އެމްޑީޕީއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް، މެމްބަރުން އައްޔަން ކުރަން ރުހުން ހޯދަން މަޖިލީހަށް ފޮނުވީ ކުރިން އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު މި މަހުގެ 5އަށް ހަމަވެފައިވާތީ އެވެ.

އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ރައީސް އިސްކަން ދެއްވި ތަރުތީބުން މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު، ލިސްޓުގެ ކުރީގައި އޮތީ މުހައްމަދު އަބްދުﷲ އާއި މުއާޒްގެ ނަމެވެ.

ތަފްސީލު - އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ހަވީރު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ވަނީ، ރައީސްގެ މި ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވި ގޮތުގައި، މިއަދު ސަރުކާރުން ކިޔަވައިގެން ތިބި ޒުވާނުންނަށް ދިނީ ވަރަށް ނުބައި މެސެޖެކެވެ. 

މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވާހަކަދައްކަވަނީ

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވީ:

  • ރައީސްގެ އެ ނިންމެވުމުން، ރާއްޖޭގެ ޒުވާނުން ތައުލީމެއް ނުވަތަ ތަމްރީނެއް ހާސިލްކޮށް، ތަޖުރިބާ ހޯދުމުގެ މާނައެއް ނެތް

  • މަތީ މަގާމެއް ހޯދުމަށް ރާއްޖޭގައި ކުރަން ޖެހޭ ކަމަކީ ހަމައެކަނި އެ އިރެއްގައި ހުންނަ ރައީސެއް ނުވަތަ ވެރިކަން ކުރާ ޕާޓީއަކާ ގާތް ގުޅުމެއް ބޭއްވުން

ފާހަގަކޮށްލެވޭ - ރައީސް އިސްކަން ދެއްވި މުއާޒަކީ މީގެ ކުރިން ޓީވީއެމްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އޭނާ ފެނިފައި ވަނީ ސިޔާސީ ދާއިރާއިންނެވެ. އެގޮތުން އޭނާ ވަނީ:

  • ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރަށް ޔާމީންގެ ސްޕޯކްސްޕާސަންކަން ކުރައްވާފައި

  • ފަހުން އެމްޑީޕީއަށް ސޮއިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގައި ވެސް މަސައްކަތް ކުރެއްވި

  • އޭގެ ކުރިން އޭނާ ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ލީޑަރުކަން ކުރައްވާ މޯލްޑިވްސް ތާޑްވޭ ޓިމޮކްރެޓްސް (އެމްޓީޑީ)ގައި ވެސް ހަރަކާތްތެރިވެފައި 

  • އެންމެ ފަހުން ބޭއްވި މަޖިލީހުގެ އިންތިހާބުގައި ވެސް ހުޅުމާލޭ ދާއިރާއަކަށް އޭނާ ވާދަކުރެއްވި 

މުހައްމަދު އަބްދުﷲ ދިވެހިންގެ މެދުގައި މަގުބޫލުވެފައި ވަނީ ކޮމޭޑިއަންއެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން މަޖިލީހުގެ މެންބަރުކަން ކުރެއްވި އެވެ. އަދި މިފަހަރު ވެސް މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އޭނާ ވާދަކުރެއްވި އެވެ.

ކޮމެންޓް (1)

ޖޮބޭ

12 ޑިސެމްބަރު 2024
މިދެމީހުންވެސް ކުފޫހަމަވާބައެއްނޫން އިންތިހާޔަައް ކޮރަޕްޓް 2 މީހުން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް