ނަގިލި ކަނޑައިގެން ގޮސް، ވިލިމާލެ ފަރުމައްޗަށް އެރި ތެޔޮ އުފުލާ ބޯޓު. މިއަދު އެފަދަ ދެ ހާދިސާއެއް ވަނީ ހިނގާފައި (ފޮޓޯ/ @MdpMuhusin)

މޫސުން

މޫސުން ގޯސްވެ، ބޯޓު ފަރަށް އެރުމުގެ ދެ ހާދިސާއެއް ހިނގައިފި

އެއް ބޯޓު އެރީ ފޭދޫފިނޮޅު ފަރަށް، އަނެއް ބޯޓު އެރީ ވިލިމާލެ ފަރަށް. ދެ ބޯޓު ވެސް ފަރަށް އެރީ ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން
15 ސެޕްޓެމްބަރު 2021

ރާއްޖެއަށް މިއަދު މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ދެ ބޯޓެއް ފަރަށް އެރުމުގެ ހާދިސާތަކެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 10 ޖަހަން އުޅެނިކޮށް، ފޭދޫފިނޮޅު ފަރުމައްޗަށް އެރީ "މެރީނާ-1301" ކިޔާ ޓަގު ބޯޓެކެވެ. އޭގެ އިތުރުން، ވިލިމާލެ ފަރުމައްޗަށް ވަނީ ތެޔޮ އުފުލާ ބޯޓެއް ވެސް އަރައިފަ އެވެ.

މި ދެ އުޅަނދު ވެސް ފަރަށް އެރީ ނަގިލި ކަނޑައިގެން ގޮސްގެންނެވެ.

ބުނީ ކީކޭ؟ - އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ ފޭދޫފިނޮޅު ފަރުމައްޗަށް އެރި ޓަގު ބޯޓުގައި އިންޑޮނޭޝިއާގެ 9 ފަޅުވެރިން ތިބި ކަމަށެވެ.

ވިލިމާލެ ފަރަށް އެރި ތެޔޮ ބޯޓުގައި ތިން މީހަކު ތިއްބެވެ. އެއީ ސްރީ ލަންކާ މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. 

ހަނާ ވިދާޅުވީ އެ ބޯޓު މިހާރު ފުންކޮށްފައިވާ ކަމަށެވެ.

ތަފްސީލް - ކެޕްޓަން ހަނާ ވިދާޅުވި ގޮތުގައި މި ދެ ހާދިސާ ވެސް ހިނގީ ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. 

މާލެ ސަރަހައްދުގެ މޫސުން މިއަދު ހެނދުނުންސުރެ ވަރަށް ގޯހެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

މޫސުން ކުރިއަށް ލަފާލުރާ ގޮތް:

  • ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ.

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ

އެނގުން މުހިންމު - މޫސުން ގޯސްވެ ޖެހުނު ގަދަ ވައިގައި ބައެއް ގަސްތައް ވެސް ވެއްޓުނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސަން އައި ބައެއް ފްލައިޓްތަކަށް ނުޖެއްސިގެން އެހެން އެއާޕޯޓުތަކަށް ޑައިވާޓް ވެސް ކުރި އެވެ. 

އެމްޓީސީސީ އިން ދެމުން އަންނަ ފެރީގެ ހިދުމަތް ވެސް ވަގުތީ ގޮތުން މެދުކަނޑާލި އެވެ. 

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް