މިއަދު މާލެއަށް ކުރި ވިއްސާރައިގައި ވައިގަދަވެ މަގުމައްޗަށް ގަހެއް ވެއްޓިފައިވާއިރު މީހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

މޫސުން

މޫސުން ގޯސްވެ ފްލައިޓްތައް ވެސް ޑައިވާޓް ކުރަން ޖެހިއްޖެ

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރޭ
15 ސެޕްޓެމްބަރު 2021

ވައިގަދަވެ މޫސުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.

ޔެލޯ އެލާޓް ނެރޭ ހާލަތްތައް

  •  އެއް ގަޑިއިރު ތެރޭ 70 މިލިމީޓަރު ނުވަތަ ހަ ގަޑިއިރުތެރޭ 100 މިލިމީޓަރުގެ ވާރޭ ވެހުން

  • ފާއިތުވި ތިން ގަޑިއިރު 28-35 މޭލަށް ނުވަތަ ފާއިތުވި އެއް ގަޑއިރު 30-25 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން

  • ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެދާނެތީ

ބުނީ ކީކޭ؟ - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ޔެލޯ އެލާޓް ނެރުނީ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ކަމަށެވެ. މެޓުން ބުނީ މިއަދާއި މިރޭ ރާއްޖޭގެ މޫސުން ލަފާކުރެވެނީ:

  • ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް 

  • ގުުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް

މީގެ އިތުރުން މެޓުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ.

"މިއަދާ މިރޭވެސް ވިއްސާރަ ވާނެ ކަމަށް ލަފާކުރެވޭ،" މެޓުން މައުލޫމާތު ދިން އޮފިޝަލް 'ދައުރު' އަށް ވިދާޅުވި އެވެ.

އެނގުން މުހިންމު - މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މާލެ ސަރަހައްދުގައި ހުރި ބައެއް ގަސްތައް ވެސް ވަނީ ވެއްޓިފަ އެވެ. އަދި ގަދަޔަށް ވައި ޖެހި ބޯކޮށް ވާރޭ ވެހެމުން ދާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސަން އައި ބައެއް ފްލައިޓްތަކަށް ނުޖެއްސިގެން މިހާރު ވަނީ އެހެން އެއާޕޯޓުތަކަށް ޑައިވާޓް ވެސް ކޮށްފަ އެވެ. ބައެއް ފްލައިޓްތައް އަދިވެސް ވަނީ ނުޖެއްސި ވައިގެ ތެރޭ ހޯލްޑްކޮށްފަ އެވެ.

އެމްޓީސީސީ އިން ދެމުންދާ ފެރީގެ ހިދުމަތް ވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލައިފަ އެވެ. އެމްޓީސީސީ އިން ބުނީ ފެރީ ދަތުރުތައް އަލުން ފަށާނީ މޫސުން ރަނގަޅު ވުމުން ކަމަށެވެ.

އެމްޓީސީސީގެ ޓުވީޓް

އިތުރު އާޓިކަލް

އިތުރު އާޓިކަލް