ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު
ފެނަކައިން ވަކިވި މުއާޒު އިންޑިއާގައި؛ ވިދާޅުވީ ނުފިއްލަވާ ކަމަށް
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މި ވަގުތު ހުންނެވީ އިންޑިއާގައި ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއާޒު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އޭނާ ރާއްޖޭން ބޭރަށް ވަޑައިގެންފައިވާތީ ސޯޝަލް މީޑިއާގައި ދަނީ އެކި ވާހަކަތައް ދެކެވެމުންނެވެ.
ބުނީ ކީކޭ؟ - ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ފިއްލަވަން ޖެހޭ ވަރު ކަމެއް ނުކުރައްވާ ކަމަށެވެ.
"ސިއްހީ ފަރުވާއަށާއި ޗުއްޓީ ހޭދަކޮށްލުމަށް މި ވަގުތު އާއިލާއާއެކު މި ހުރީ އިންޑިއާގައި. ވަރަށް އަވަހަށް ރާއްޖެ ދާނަން،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ރައީސް މުހައްމަދު މުއިއްޒަށް މުއާޒު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ސަރުކާރާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ލިޔުއްވާފައިވެ އެވެ.
އެސްޓީއޯގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމަށް ފަހު، ފަހުން އެ ނިންމުން ބަދަލުކޮށްފައިވާ ފެނަކައިގައި ހުރި މައްސަލަތަކުގެ ގޮތުގައި މުއާޒު އެ ސިޓީގައި ފާހަގަކުރެއްވި ކަންތައްތަކަކީ:
-
ހިދުމަތް ދޭ ރަށްރަށުގެ ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގައި މެއިންޓެއިން ނުކޮށް ހުރުމުން ކުރީގެ ބެކްލޮގު އެއްކޮށް ރަނގަޅު ނުވުން
-
ކުންފުންޏާ ހަވާލުވީއިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތުން
-
ބޭނުންވާ ވަރަށް ވުރެ އެތައް ގުނަ އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުން
-
ކުންފުނި ރަނގަޅު ސައިޒަށް ކުޑަކުރުމަށްޓަކައި، ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބުން
-
ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުން
"ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ވާނީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ހިއްސާކުރެވިފަ އެވެ. ނަމަވެސް މިކަމަށް އަލިިމަގެއް މިއަދާ ހަމައަށް ވެސް ފެނިފައިނުވާ ވާހަކަ ދެންނެވީމެވެ،" އެ ސިޓީގައި މުއާޒު ވިދާޅުވި އެވެ.
"އަދި މި ފާއިތުވެދިޔަ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ، މުވައްޒަފުންނަށް، މަސް ފެށުނުއިރު ވެސް ޖަމާކޮށްދެވިފައިނުވާ ވާހަކަ ފާހަގަކުރެމެވެ. މިއީ ފަހުގެ ތާރީހެއްގައި މި ކުންފުނީގައި ހިނގާފައިވާ ކަމެއް ނޫން ކަމުގައި ވެސް ފާހަގަކުރަމެވެ."
މުއާޒު އިސްތިއުފާ ދެއްވުމުން އޭނާއަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ވެސް ދަނީ ކުރަމުންނެވެ. އެ ތުހުމަތުތައް މުއާޒު ދޮގުކުރައްވަ އެވެ.