ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު. (ފޮޓޯ/ރައީސް އޮފީސް)
މުއާޒު ވިދާޅުވީ ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭނާއަށް ނުކުރާ ކަމަށް
ސަރުކާރުން އޭނާއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ނުކުރާ ކަމަށްފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއާޒު މަގާމުން އިސްތިއުފާ ދެއްވީ ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ އެވެ.
ސަރުކާރަށް ތާއީދުކޮށް ޕޯސްޓްކުރާ ބައެއް ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ މުއާޒު މަގާމުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ތުހުމަތުތައް އޮތުމުން ސަރުކާރުން އަންގައިގެން ކަމަށް ބުނެ ޕޯސްޓްތަކެއް ކޮށްފަ އެވެ.
ތަފްސީލް - އެ ޕޯސްޓްތަކުގައި މުއާޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި:
-
ގާނޫނާ ހިލާފަށް ޕްރޮކިއުމަންޓްތައް ހިންގުން
-
އުސޫލުން ބޭރުން ވަޒީފާތައް ދިނުން
-
ދަރަނި މެނޭޖުނުކޮށް ބޭކާރު ހަރަދު ކުރުން
އެއިން ޕޯސްޓެއް ރީޕޯސްޓްކުރެއްވުމަށް ފަހު މުއާޒު ލިޔުއްވާފައިވަނީ "މީ ކަނޑައެޅިގެން ދޮގު. މީގެ އެއްވެސް ތުހުމަތެއް ސަރުކާރުން ނުކުރޭ،" މި ގޮތަށެވެ.
ސަރުކާރާ ގުޅޭ ގޮތުން ދައްކަން ޖެހޭ ވާހަކަތައް ވެސް އެބަ އޮތް ކަމަށް ދޭހަވާ މޭރުމަކުން "ލައްކަ ވާހަކަ އެބަހުރި ދައްކަން ޖެހިއްޖިއްޔާ ދައްކަން."
ފާހަގަކޮށްލެވޭ - ރައީސް މުހައްމަދު މުއިއްޒަށް މުއާޒު ފޮނުވި އިސްތިއުފާގެ ސިޓީގައި ސަރުކާރާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ލިޔުއްވާފައިވެ އެވެ.
އެސްޓީއޯގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމަށް ފަހު، ފަހުން އެ ނިންމުން ބަދަލުކޮށްފައިވާ ފެނަކައިގައި ހުރި މައްސަލަތަކުގެ ގޮތުގައި މުއާޒު އެ ސިޓީގައި ފާހަގަކުރެއްވި ކަންތައްތަކަކީ:
-
ހިދުމަތް ދޭ ރަށްރަށުގެ ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގައި މެއިންޓެއިން ނުކޮށް ހުރުމުން ކުރީގެ ބެކްލޮގު އެއްކޮށް ރަނގަޅު ނުވުން
-
ކުންފުންޏާ ހަވާލުވީއިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތުން
-
ބޭނުންވާ ވަރަށް ވުރެ އެތައް ގުނަ އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުން
-
ކުންފުނި ރަނގަޅު ސައިޒަށް ކުޑަކުރުމަށްޓަކައި، ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބުން
-
ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުން
"ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ވާނީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ހިއްސާކުރެވިފަ އެވެ. ނަމަވެސް މިކަމަށް އަލިިމަގެއް މިއަދާ ހަމައަށް ވެސް ފެނިފައިނުވާ ވާހަކަ ދެންނެވީމެވެ،" އެ ސިޓީގައި މުއާޒު ވިދާޅުވި އެވެ.
"އަދި މި ފާއިތުވެދިޔަ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ، މުވައްޒަފުންނަށް، މަސް ފެށުނުއިރު ވެސް ޖަމާކޮށްދެވިފައިނުވާ ވާހަކަ ފާހަގަކުރެމެވެ. މިއީ ފަހުގެ ތާރީހެއްގައި މި ކުންފުނީގައި ހިނގާފައިވާ ކަމެއް ނޫން ކަމުގައި ވެސް ފާހަގަކުރަމެވެ."