ބޭރުގެ ހަ ފަރާތެއްގެ އެހީއާ އެކު ފަށާފައިވާ ތިމާވެށީގެ ބޮޑު ޕްރޮޖެކްޓު ނިމޭއިރު ތިލަފުށި އޮންނާނެ ގޮތުގެ ކުރެހުމެއް. (ފޮޓޯ/އޭޑީބީ)
މާލެ ސަރަހައްދުގައި ކުނިން ކަރަންޓު އުފައްދާ ބިޔަ މަޝްރޫއު އިފްތިތާހުކޮށްފި
ބޭރުގެ ހަ ފަރާތެއްގެ އެހީއާ އެކު ފަށާފައިވާ ތިމާވެށީގެ ބޮޑު ޕްރޮޖެކްޓުގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ، ކުނިން ހަކަތަ އުފައްދާ 'ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް' މިއަދު އިފްތިތާހުކޮށްފި އެވެ.
އެނގުން މުހިންމު - މިއަދު އިފްތިތާހުކުރި މަޝްރޫއު ހިމެނެނީ މިހާރު ކުރިއަށް ގެންދާ ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ތެރޭގަ އެވެ. ޖުމްލަ 304 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދުކުރާ މައި މަޝްރޫއު ހިންގަނީ:
-
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީ އާއި ލުއި ލޯނުން
-
އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ލުއި ލޯނުން
-
ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަންގެ ހިލޭ އެހީން
-
ސަރުކާރުން ވެސް ބައެއް ހަރަދުކުރޭ
-
މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސޮއިކުރި ތިމާވެށީގެ އެންމެ ބޮޑު ކޮންޓްރެކްޓް
ފުރަތަމަ ފިޔަވަހި - ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ބޮޑު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެގޮތުން، ތިލަފުށީގެ ބަނދަރު ހަދައި، ކުނި ގެންގޮސް ބާލާނެ ސަރަހައްދު ވަނީ ތަރައްގީކޮށް ނިންމައިފަ އެވެ.
އޭގެ އިތުރުން، ފުރަތަމަ ފިޔަވަހީގެ ދަށުން:
-
ކ.، އއ.، އދ.، އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނިކޮށި ގާއިމުކޮށް، މަރާމާތު ކުރާނެ
-
ކުނި މެނޭޖުކުރުމަށް އުޅަނދާއި ސާމާނު ފޯރުކޮށްދޭނެ
-
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރާނެ
އެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވާއިރު، އެ ސަރަހައްދުގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމަށް އުޅަނދުތައް ގަތުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.
ދެ ވަނަ ފިޔަވަހި - 'ވޭސްޓް ޓު އެނާޖީ ޕްލާންޓް' ގާއިމުކުރުމަކީ މި މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތެކެވެ. ކުނިން ހަކަތަ އުފައްދާ ޕްލާންޓު ގާއިމުކުރުމަށް ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ އުރްބާސާއާ އެކު، 15 އަހަރުދުވަހުގެ ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓު ކޮންޓްރެކްޓެއްގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެ ބީލަން ކުރިއަށް ގެންދިޔައީ ވާދަވެރި ބީލަމުގެ އުސޫލުން، އޭޑީބީގެ ބެލުމުގެ ދަށުންނެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ، ކުނިން ހަކަތަ އުފައްދާ ނިޒާމުގެ ތެރެއިން:
-
ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކުރާނެ
-
8 މެގަވޮޓާއި 8.5 މެގަވޮޓާ ދެމެދުގެ ކަރަންޓު އުފައްދާނެ
-
އެ ހަކަތަ ބޭނުންކުރާނީ ތިލަފުށީގެ މަސައްކަތަކަށާއި މާލެ ސަރަހައްދަށް ކަރަންޓު ދިނުމަށް
'ކުނި ނައްތާލާ ބޮޑު މަޝްރޫއުން ތިލަފުށީގެ މަލަމަތި ބަދަލުކޮށްލާނެ'
އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އެ މަޝްރޫއު ސިފަކުރެއްވީ ރާއްޖޭގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ބިޔަ މަޝްރޫއެއްގެ ގޮތުގަ އެވެ. މުޅި މަޝްރޫއު 2024ގެ ނިޔަލަށް އެއްކޮށް ނިންމާއިރު، ކުނީގެ ހާއްޔެއްގެ ގޮތުގައި މިހާރު ފެންނަ ތިލަފުށީގެ މުޅި މަލަމަތި އެއްކޮށް ބަދަލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"... [މިއީ] ރައްކާތެރިކަމާ އެކު، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި މެނޭޖުކުރުމަށް ކުރެވޭ މަސައްކަތުގެ ބިންގާ،" ކުނިން ހަކަތަ އުފައްދާ މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ބޭއްވު ހަފްލާގައި މިނިސްޓަރު ވިދާޅުވި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށާއި މާލެ ސަރަހައްދުގައި ހިންގާ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިނާއީ މަސައްކަތްކުރާ އެހެން ރަށްތަކަށް ސީދާ ގޮތެއްގައި ހިދުމަތްދެވޭނެ ކަމަށެވެ.
މާލެ އާއި އެކި ސަރަހައްދުތަކުން ތިލަފުއްޓަށް ދުވާލަކު 500 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދަކަށް ކުނި ޖަމާކުރަމުން އަންނަ އިރު، މިހާރު ކަންކުރާ އުސޫލުން ކުރާ ނަމަ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ތިލަފުށީ ފުރޭނެ ކަމަށް މާހިރުން ވަނީ ލަފާކޮށްފަ އެވެ.
ކުނި މެނޭޖުކުރުމުގެ މަޝްރޫއު ހާއްސަކޮށްފައި ވަނީ ގްރޭޓާ މާލޭ ސަރަހައްދު ހިމެނޭހެން ހަތަރު އަތޮޅަކަށް ބަހާލައިގެންނެވެ. އެގޮތުން، ރަށު ފެންވަރުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތަކާއި އެކަމަށް ބޭނުންވާނެ ވަސީލަތްތައް 35 ރަށުގައި ގާއިމުކުރާނެ އެވެ.
އޭގެ އިތުރުން، ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ފަސޭހަ އިން ނައްތާނުލެވޭ ބާވަތްތަކުގެ ކުނިތައް ކައުންސިލްތަކާ ގުޅިގެން ރަށްރަށުން ބޭރުކުރުމަށް ފަހު ތިލަފުއްޓަށް ގެނައުމަށްޓަކާ އެކަމަށް ހާއްސަ ތިން ލޭންޑިން ކްރާފްޓް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މަޝްރޫއުގެ ތެރެއިން:
-
އިމާރާތްކުރުމުގެ ތެރޭގައި އުފެދޭ ކުންޏާއި ތަންތަން ތަޅާލުމުން އުފެދޭ ގާކުނޑި ޕްރޮސެސް ކުރުމަށް ހާއްސަ ޕްލާންޓެއް ގާއިމުކުރާނެ
-
ކުންޏަށް އުކާލާ އުޅަނދުފަހަރުގެ ބައިތައް ވަކިވަކިން ނައްތާލެވޭނެ ވޯކްޝޮޕެއް ގާއިމުކުރާނެ
-
ދުވާލަކު 250 ޓަނުގެ ކުނި ނައްތާލުމުގެ ގާބިލުކަން ލިބިގެންވާ ދެ އިންސިނަރޭޝަން ޕްލާންޓް ތިލަފުށީގައި ބަހައްޓާނެ
-
އޭރުން ދުވާލަކު 500 ޓަނުގެ ކުނި ނައްތާލުމުގެ ކެޕޭސިޓީ ގާއިމުކުރެވޭނެ
އެ ދެ އިންސިނަރޭޓަރު އޮޕަރޭޝަނަށް ގެނެވުމުން ކުރިއަށް އޮތް 15 އަހަރު މާލޭ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ކަންކަން އެއްވެސް ދަތިކަމެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އިންސިނަރޭޓަރުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިއްޖެނަމަ 250 ޓަނުގެ ސިސްޓަމެއް އިތުރަށް ގާއިމުކުރެވޭނެ ޖާގަ ވެސް ތިލަފުށީގައި ކަނޑައަޅާނެ އެވެ.
މުޅި މަޝްރޫއު ޑިޒައިން ކޮށްފައި ވަނީ:
-
އިމާރާތްކުރުމުގެ ތެރޭގައި އުފެދޭ ކުންފުންޏާއި ޕްލާސްޓިކް ކުނި ރީސައިކަލްކޮށް އަލުން ބޭނުންކުރެވޭނެ
-
އިންސިނަރޭޓަރުން ކުނި އެންދުމަށް ފަހު ބާކީވާ ބޮޓޮމް އޭޝް ނުވަތަ އަޅިތައް މަގު ހެދުމާއި ގާއެޅުން ފަދަ ކަންކަމުގައި ބޭނުންކުރާނެ
-
ތިލަފުށީގައި ބޭލިން މެޝިނެއް ބޭނުންކޮށްގެން ކުނިތައް ރެޕްކޮށް ރައްކާތެރި ގޮތުގައި ގުދަންކުރާނެ
-
ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށާއި ރީސައިކަލްކުރުމަށް ބާރުއެޅުމުގެ ގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ
އިތުރަށް ކިޔާލަން -