ރައީސް އިބްރާހިމް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސަރުކާރުން ތިމާވެށި ހިމާޔަތްކުރާނީ ކުނި މަދުކޮށްގެން: ރައީސް

ރައީސް ވިދާޅުވި ގޮތުގައި މިއީ، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫއު

ތިމާވެށި ހިމާޔަތް ކުރާނީ، ތިމާވެއްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ވީ ކިިހިނެއް؟ - މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައްކާތެރިކަމާ އެކު ކުނި މެނޭޖުކުރުމުގެ މަޝްރޫއު 'ގްރޭޓާ މާލެ ވޭސްޓް އެނާޖީ ޕްރެޖެޖްޓް'ގެ ދެ ވަނަ ފިޔަވަހި ރައީސް ސޯލިހް ވަނީ އިފްތިތާހު ކޮށްދެއްވައިފަ އެވެ. އެ މަޝްރޫއަކީ:

  • އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު) އާއި ޓީއޭއެސްއެފް އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މަޝްރޫއެއް

  • މަޝްރޫއުގެ ޖުމްލަ އަގަކީ 304 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)

  • މިއަދު އިފްތިތާހުކުރި މަޝްރޫއު ހާއްސަކޮށްފައި ވަނީ، ގްރޭޓާ މާލޭ ސަރަހައްދު ހިމެނޭހެން ހަތަރު އަތޮޅެއްގައި (ކ.، އއ.، އދ.، އަދި ވ. އަތޮޅު)

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅު. (ވީޑިއޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރައްކާތެރިކަމާ އެކު ކުނި މެނޭޖުކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މިއަދު މި އިފްތިތާހުކުރި މަޝްރޫއަކީ، މާލެ އަތޮޅާއި އަރިއަތޮޅާއި ވ. އަތޮޅުގެ ހުރިހާ ރަށްރަށާއި ރިޒޯޓުތަކުގައި އުފެދޭ ކުނި، ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ، ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތަކީ، ހަމައެކަނި ކުނި މެނޭޖްކޮށްގެން، ތިމާވެށި ރައްކާތެރިކުރުމެއް ނޫން. ތިމާވެށްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީ ވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.

"މިއީ ކުނި ނައްތައިލުމާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫއު."

މިއަދުގެ ރަސްމިއްޔާތުގެ އުސްއަލިތައް. (ވީޑިއޯ/ރައީސް އޮފީސް)

ކުނި އަންދައިގެން ކަރަންޓް އުފެއްދުމަކީ، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި މި މަޝްރޫއުގެ ދަށުން މިއަދު އިފްތިތާހުކުރި ދެ ވަނަ ފިޔަވަހީގެ ދަށުން އެކަން ހާސިލުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ މެޝިނުން ދުމެއް، ވިހައެއް އަދި ވަހެއް ވެސް ބޭރެއްނުވާނެ. މި މަޝްރޫއުގެ ނަމުން ދޭހަކޮށްދޭ ގޮތަށް، މި މަޝްރޫޢުގެ ދަށުން ކުނިތައް ނެތިގެންދާއިރު، އޭގެ ބަދަލުގައި މި އުފެދެނީ ހަކަތަ،" ރައީސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ކުރާނެ ކަންތައް:

  • ދުވާލަކު 250 ޓަނުގެ ކުނި ނައްތާލުމުގެ ގާބިލުކަން ލިބިގެންވާ ދެ އިންސިނަރޭޝަން ޕްލާންޓް ތިލަފުށީގައި ބަހައްޓާނެ؛ އެއާ އެކު ޖުމްލަ 500 ޓަނު ކުނި ނައްތާލުމުގެ ކެޕޭސިޓީ ގާއިމްކުރެވޭނެ

  • ދުވާލަކު 8 މެގަވޮޓާއި 5.8 މެގަވޮޓާއި ދެމެދުގެ ކަރަންޓު އުފައްދާނެ 

  • މުޅި މަޝްރޫއު ނިމޭނީ 2024ގެ ނިޔަލަށް 

  • މަޝްރޫއު ތަންފީޒުވެގެން އެއްކޮށް ނިމޭ އިރު، ތިލަފުށީގެ މަލަމަތި އެއްކޮށް ބަދަލުވެ، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖްކުުރުމަށް ކުރިއެރުންތަކެއް ލިބޭނެ

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް