ނައީމާގެ ގެޔަށް ދަންވަރުގެ ވަގުތުގައި ވަދެ އޭނާ މަރާލި ކަމަށް ތުހުމަތުކުރާ އަހްޒަމް އަބްދުއްޝަކޫރު
ނައީމާ މަރާލި ކަމަށް އަހުޒަމް ކުރިން އިއުތިރާފުވީ މަސްތުގެ މަޖުބޫރީ ހާލަތެއްގައި: ވަކީލު
ނ. މަނަދޫގެ ގެއެއްގެ ތެރޭގައި ނައީމާ މޫސާ މަރާލި ކަމަށް އަހްޒަމް އަބްދުއްޝަކޫރު ކުރިން އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެ ފުލުހުންގެ ފަރާތުން މަޖުބޫރުކުރުންތަކެއް ކުރިމަތިކޮށްގެން ކަމަށް އޭނާގެ ވަކީލު މުހައްމަދު ޝަހްނީމް، ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ކަމުގެ ފެށުން - މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫން އަހްޒަމް ހައްޔަރުކޮށްފައިވަނިކޮށް ނައީމާ މަރާލި ކަމަށް އެއްބަސްވެ ހާދިސާ ހިނގި ގޮތް ވެސް ކިޔައިދިނެވެ. އޭގެ ފަހުގައި:
-
ބަންދު މަޖިލީހަށް ކޯޓަށް ހާޒިރުކުރި ދުވަހަކު ވެސް ކޯޓުގައި އަހުޒަމް ކުށަށް އިއުތިރާފުވި
-
މަސްތުވާތަކެއްޗާ އެކު މަނަދޫން އަބްދުއްވާހިދު ރިފާސް ހައްޔަރުކޮށް ރިފާސް ވެސް ހާދިސާ ހިނގި ގޮތް ތަހުގީގަށް ކިޔައިދިން
-
މާލޭން ހަސަން ފަވާޒު ހައްޔަރުކުރީ އަހުޒަމާއި ރިފާސް ތަހުގީގަށް ދިން މައުލޫމާތުގެ އަލީގައި؛ ފަވާޒަކީ ނައީމާ މަރާލަން ރާވައި އަހުޒަމާއި ރިފާސްއަށް އެ މަސައްކަތުގެ އަގު ހުށަހަޅައި އަގުގެ ގޮތުގައި މަސްތުވާތަކެތި ދިން ކަމަށް ތުހުމަތުކުރާ މީހާ
-
ޝަރީއަތް ފެށި ފަހުން އަހުޒަމާއި ރިފާސް ވަނީ ދައުވާތަކަށް އިންކާރުކޮށް، ކުރިން ދިން ބަޔާން އަނބުރާ ގެންގޮސްފައި
ވީ ކިހިނެއް؟ - އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް އަހުޒަމް ދައުވާތަކަށް އިންކާރު ކުރި ނަމަވެސް އޭގެ ސަބަބު ކިޔައިދީފައެއް ނުވެ އެވެ. މިއަދުގެ އަޑުއެހުމުގައި ގާޒީ އަލީ އާދަމް ފުރުސަތު ދެއްވުމުން ވަކީލު ވަނީ ސަބަބު ކިޔައިދެއްވައިފަ އެވެ.
ބުނީ ކީކޭ؟ - "ކުށަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން. ފުލުހުންނަށް އެ ވަގުތާ ހަމައަށް ވެސް ނައީމާ މޫސާ މަރާލި ކަމުގެ ތުހުމަތެއް އަހުޒަމަކަށް ނުކުރޭ،" ޝަހުނީމް ވިދާޅުވި އެވެ.
"އަހުޒަމް އެ ކުށަށް އިއުތިރާފުވެ ކޯޓުގައި ވެސް އިއުތިރާފުވީ މަޖުބޫރީ ހާލަތެއްގައި ހުރުމުން. އަދި ދައުލަތުގެ ހަރަދުގައި އޭރު އަހުޒަމަށް ހަމަޖެއްސި ވަކީލު ރަނގަޅަށް ގާނޫނީ ލަފާ ވެސް ނުދޭ."
ފާހަގަކޮށްލެވޭ - ދިފާއީ ހެކި ހުށަހަޅަން ވަކީލު އިތުރު ފުރުސަތަކަށް އެދިވަޑައިގަތުމުން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އަށް ފުރުސަތެއް ދެއްވަން ގާޒީ ނިންމެވި އެވެ. އަދި އެއީ ހެކި ހުށަހަޅަން ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މި މައްސަލާގައި ދެން ދައުވާކުރާ ރިފާސް އާއި ފަވާޒު ވަނީ މިހާރު ދިފާއީ ހެކި ހުށަހަޅައިފަ އެވެ. ދައުލަތުން ވެސް ވަނީ އެ މީހުންނާ ދެކޮޅަށް ހުރި ހެކިތައް ހާމަކޮށްފަ އެވެ.
ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ކުރަނީ ތިން ދައުވާއެކެވެ. އެ ދައުވާތަކަކީ:
-
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
-
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ
-
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ
މައްސަލައިގެ ހުލާސާ
މަނަދޫގައި އޭނާގެ އަމިއްލަ ގޭގައި ވަކިން ދިރިއުޅެމުންދިޔަ އޭރު އުމުރުން 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކުރީ 7 އެޕްރީލް 2023ގަ އެވެ. އެ މައުލޫމާތާ ގުޅިގެން އަންނާރުމާގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ ބެލިއިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލައިފަ އެވެ.
-
އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ؛ ތޫނު އެއްޗެއް ކަރުގައި އަޅާފައި ހުރި ކަމުގެ ނިޝާންތަކެއް ވެސް ހުރި
-
މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް އެރޭ ދަންވަރު މަނަދުއަށް ދިޔަ
-
ޕޯސްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން، ޖެހިގެން އައި ދުވަހު ނައީމާ ވަނީ އެ ރަށުގައި ވަޅުލާފައި
-
ނައީމާ ދިރިއުޅުނު ގޭގެ އިތުރުން، އެ ރަށުގެ ހަތަރު ގެއެއް ބަލާފައިވޭ؛ އޭގެ ތެރޭގައި، ބިދޭސީން ދިރިއުޅޭ ގެއަކާއި ފަޅު ގެއެއް ވެސް ހިމެނޭ
މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ލިބި، ފުރަތަމަ މީހަކު ހައްޔަރުކުރީ އޭގެ އެއް މަސް ފަހުން، 26 މޭ 2023ގަ އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫން އަހްޒަމް ހައްޔަރުކޮށްފައިވަނިކޮށް ނައީމާ މަރާލި ކަމަށް އެއްބަސްވެ ހާދިސާ ހިނގި ގޮތް ކިޔައިދިނެވެ. އަހުޒަމް ދިން މައުލޫމާތުގެ އަލީގައި ދެން ތިބި މީހުން ހައްޔަރުކުރި އެވެ.
އެއަށް ފަހު، ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެ ރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ އަންނައުނުތައް ހޯދީ، ވަޅުގަނޑެއްގެ ތެރޭގައި އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓަ އެވެ.