ޕީޕީއެމުން އެންމެ ފަހުން ބޭއްވި ސެނެޓް ބައްދަލުވުމުގައި ސަރުކާރުގެ ބައެއް މިނިސްޓަރުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އުވާލަން މަސައްކަތްކުރާ ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް މާދަމާ
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާތަނަށް އާންމުކުރި ދަފްތަރުގައިވާ ގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީ އޮފީހުގައި މާދަމާ މެންދުރުފަހު 2:00ގައި ޕީޕީއެމްގެ ސެނެޓް ބައްދަލުވުން އޮންނާނެ ކަމަށް އަންގައި، އެ ޕާޓީގެ ސެނެޓް މެންބަރުންގެ ވަޓްސްއެޕް ގްރޫޕަށް ވަނީ މެސެޖެއް ފޮނުވައިފަ އެވެ.
ބުނީ ކީކޭ؟ - ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި އައިޖީއެމްއެޗް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް 'ދައުރު'އަށް ވިދާޅުވީ މާދަމާ ސެނެޓް ބައްދަލުވުމެއް ބާއްވަން ޝެޑިއުލްކޮށް އެ ކަން ޕާޓީގެ ސެނެޓަރުންނަށް އަންގާފައިވާނެ ކަމަށެވެ.
"ޕާޓީގެ ސެނެޓް ބައްދަލުވުމެއް މާދަމާ މެންދުރުފަހު ބާއްވާ ގޮތަށް ޝެޑިއުލްކޮށްފައި ވާނީ. ޕާޓީގެ ސެނެޓަރުންނަށް ވެސް މިހާރު ވާނެ އެ ކަން އަންގާފައި. އެ ކަން ކުރިއަށްދޭ އެބަ،" އިތުރު ތަފުސީލެއް ނުދެއްވައި ހަލީމް ވިދާޅުވި އެވެ.
އެނގުން މުހިންމު - ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް އެންމެ ފަހުން ބޭއްވީ 17 އޮކްޓޯބަރު 17ގަ އެވެ. ޕާޓީ ފަސޭހައިން އުވާލެވޭ ގޮތް ހަދަން އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނަން އެ ދުވަހު ފާސްކުރި އެވެ. އެ ގޮތުން:
-
ޕާޓީ އުވާލަނީ 3/4 ސެނެޓަރުންގެ އަގުލަބިއްޔަތުން ކަމަށް ބުނާ މާއްދާ، 2/3 އަގުލަބިއްޔަތަށް ބަދަލުކުރާ ގޮތަށް.
-
ކުރިން އަސާސީ ގަވާއިދުގައި އޮންނަނީ މާލީ ސަބަބުތަކަށްޓަކައި ޕާޓީ އުވާލަން ޖެހޭ ނަމަ ހުށަހެޅުމަށް. މާއްދާގެ އެ ބައި ބަދަލުކުރަނީ ލީޑާޝިޕަށް ފެނިއްޖެ ނަމަ ހުށަހެޅޭ ގޮތަށް.
ޕީއެންސީ/ޕީޕީއެމަކީ ދެ ޕާޓީއެއް ނަމަވެސް މިއީ ޖޮއިންޓް ކައުންސިލެއް އޮވެގެން އެއް ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކޯލިޝަނެކެވެ. އެ ގޮތުން:
-
ދެ ޕާޓީގެ ވެސް ލީޑަރަކަށް އަބަދުވެސް ހުންނެވީ އެންމެ ބޭފުޅެއް
-
ކުރިން ކޯލިޝަން ލީޑަރަކަށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން
-
ޔާމީން ޕީޕީއެމުން ވަކިވި ފަހުން ކޯލިޝަންގެ ލީޑަރަކަށް ރައީސް މުހައްމަދު މުއިއްޒު ހަމަޖެއްސި
ކިޔާލަން
ޕީޕީއެމްގެ ތާރީހު
ޕީޕީއެމްއަކީ ކުރިން ޑީއާރުޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި އެމަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީން ވަކިވެގެން އުފެއްދި ޕާޓީ އެވެ. އެ ގޮތުން:
-
ޕީޕީއެމް ރަޖިސްޓްރީކުރީ 27 އޮކްޓޯބަރު 2011 ގައި
-
ޕީޕީއެމްގެ ރައީސްގެ ގޮތުގައި ޕާޓީ ފުރަތަމަ ލީޑުކުރެއްވީ މައުމޫން
-
ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކީ މައުމޫންގެ ކޮއްކޮ، ކުރީގެ ރައީސް އަބްދުﷲ ޔާމީން.
-
ޕީޕީއެމް ބައިވެރިވި ފުރަތަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ކާމިޔާބުކުރި
ޕީއެންސީގެ ތާރީހު
ޕީއެންސީއަކީ ޔާމީނުގެ ވެރިކަމުގައި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން މައުމޫން ޕާޓީން ވަކިކުރަން ނިންމި އިޖުރާއަތާ ދެކޮޅަށް ޕާޓީގެ މެންބަރަކު ކޯޓަށް ދިޔުމުން، ޔާމީންގެ ބެކްއަޕް ޕާޓީގެ ގޮތުގައި އުފެއްދި ޕާޓީއެކެވެ. އެ ގޮތުން:
-
ޕީއެންސީ ރަޖިސްޓްރީކުރީ 31 ޖެނުއަރީ 2019ގައި.
-
ޕާޓީގެ ފުރަތަމަ ރައީސަކީ، މިހާރު ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
-
ޕީޕީއެމްގެ މައްސަލަ ކާމިޔާބުވުމުން، ޕީޕީއެމާ އެކު ޕީއެންސީން ކޯލިޝަން ހެދި
ފާހަގަކޮށްލެވޭ - މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ފުރަތަމަ ހަވާލުކުރީ ޔާމީނަށެވެ. ނަމަވެސް ޔާމީން އޭރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރެން ނިންމި އެވެ. ޕީއެންސީގެ ކެންޑިޑޭޓަކަށް އިންތިހާބުވި، ރައީސް މުއިއްޒަށް ތާއީދުކުރަން ޕީޕީއެމްގެ ސެނެޓުން ނިންމީ އިންތިހާބު ބޮއިކޮޓް ކުރުމާ މެދު ގޮތެއް ނިންމަން ޔާމީން ހުށަހަޅުއްވާފައި ވަނިކޮށެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިރު ޕީއެންސީގައި ތިބީ 3،000އެއްހާ މެންބަރުންނެވެ. އީސީން އެންމެ ފަހުން އާންމުކުރި ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު 28،000އަށް އަރަ އެވެ. އޭގެ ފަހުން ޕާޓީއަށް މެންބަރުން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ޕީޕީއެމުން ވެސް ޕީއެންސީއަށް މެންބަރުން ބަދަލުކުރާ ކަމަށް އަޑު ފެތުރިފައިވެ އެވެ.
ޕީއެންސީން ބުނާ ގޮތުގައި މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދު 70،000އަށް ވުރެ ގިނަ ވާނެ އެވެ.
ކޮމެންޓް