ރައީސް މުހައްމަދު މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި. (ފޮޓޯ/ރައީސް އޮފީސް)
ޑްރަގާއި ގޭންގާ ދެކޮޅަށް ގާނޫނުތައް ވަރުގަދަކުރުމަށް މި ދައުރު ހުށަހަޅާނަން: ރައީސް
މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވަން، ކަމާ ގުޅުން ހުރި ގާނޫނުތައް ވަރުގަދަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - ސަރުކާރުން ބިލުތަކެއް މަޖިލީހަށް ހުށަހަޅާނެކަން އިއުލާންކުރެއްވީ ރައީސް މުއިއްޒު 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ - އެ މަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެތީގެ ގާނޫނުގައި ހުރި ބައެއް އުނި ކަންކަން ކަމަށެވެ.
ރައީސް ވިދާޅުވީ މި ހަފުތާ ތެރޭގައި މަޖިލީހަށް މަސްތުވާތަކެތީ ގާނޫނަށް ބަދަލުތަކެއް ގެންނަން ހުށަހަޅާނެ ކަމަށެވެ.
"... އެހެންކަމުން މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާއާ އެކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ރިވިއުކުރުމަށް ފަހު، އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވަނީ ގޭންގު ކުށްތަކުގެ މައްސަލަ ކަމަށެވެ. ގޭންގު ކުށްތަކާ ދެކޮޅަށް މިހާރު އޮތް ގާނޫނުގެ ބަދަލުގައި މުޅިން އާ ގާނޫނެއް ގެންނަން ހުށަހަޅާނެކަން ރައީސް ހާމަކުރެއްވި އެވެ.
"މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި، މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެނގުން މުހިންމު - މަސްތުވާތަކެތީގެ ގާނޫނު ވަރުގަދަ ކުރުމަށް މި ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 400 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ ސަރަހައްދުން އަތުލައިގެންފައި ވަނިކޮށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ސްރީ ލަންކާގެ މަސްބޯޓުން ފެނިފައިވަނީ:
-
344 ކިލޯގެ މެތު
-
124.6 ކިލޯގެ ކޮކެއިން
-
ޖުމުލަ 468.6 ކިލޯގެ މަސްތުވާތަކެތި
-
އެ ތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށް އަރާ
ކޮމެންޓް