ނަރުސް މަރާލި މައްސަލައިގައި ދައުވާއުފުލާފައިވާ ލަމްހާ އާއި މާވިން
ލަމްހާ އަލުން ބަންދުކޮށްދޭން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް ބަލައިނުގަނެ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ. އެކަމަކު އޭނާ އަލުން ބަންދުކުރަން އެ އަހަރުގެ ޑިސެމްބަރު މަހު ހައި ކޯޓުން އަމުރުކުރުމާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ޝަރުތުތަކާ އެކު ތިން މަސް ދުވަހަށް ލަމްހާ އަނެއްކާ ވެސް މިހާރު ބަންދުން ދޫކޮށްލާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ލަސްވެ ހައްގުތަކަށް ހުރަސްއެޅެމުންދާ ކަމަށް ބުނެ ބަންދު މުރާޖައާ ކޮށްދިނުމަށް އޭނާގެ ފަރާތުން އެދުމުންނެވެ.
އިތުރަށް ކިޔާލަން
ބުނީ ކީކޭ؟ - ބަންދުން ދޫކޮށްލި އަމުރު ބާތިލުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން އަލުން ހައި ކޯޓަށް ހުށަހެޅީ މިމަހުގެ 14ގަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރާ މިދިޔަ ބުދަ ދުވަހު ނިންމެވި ނިންމުމުގައި ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމާފަ އެވެ.
އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ވަނީ:
-
ބަންދުން ދޫކޮށްލުމުގައި ފަނޑިޔާރު ގާނޫނީ ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނުމަކުން އިސްތިއުނާފް ކުރެވޭ މިންގަނޑަށް ވާސިލެއް ނުވެވޭނެ
-
ފަނޑިޔާރު ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފްކުރާ ފަރާތުން ސާފުކޮށް ބަޔާންކޮށްދޭންޖެހޭނެ
-
އެ ހާލަތު އިސްތިއުނާފްކުރާއިރު ހުށަހަޅާފައިނުވާ ނަމަ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަކަށް ލިބޭ އިހުތިޔާރުގެ ތެރެއަަށް އިސްތިނާފީ ކޯޓަކުން ނުވަންނާނެ
-
އެ ހާލަތު ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ސާފުކޮށްދެވިފައިނުވާތީ މި މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތް
ރަޖިސްޓްރާގެ މި ނިންމުން މުރާޖައާ ކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ޕީޖީ އޮފީހަށް އޮންނާނެ އެވެ. އެކަމަކު މި ނިންމުން މުރާޖައާކުރަން މިހާތަނަށް އަދި ޕީޖީން ހުށަހަޅާފައެއް ނުވެ އެވެ.
އެނގުން މުހިންމު - ދައުލަތުން ބުނަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރަން މީގެ ކުރިން އަމުރުކުރި ހާލަތު އަދިވެސް ބަދަލުނުވާ ކަމަށާއި އޭނާގެ ފުށުން މުޖުުތަމައުއަށް އޮތް ނުރައްކާ ކުޑަނުވާ ކަމަށެވެ.
އެކަމަކު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ލަމްހާ ބަންދުން ދޫކޮށްލީ ދައުލަތުގެ ގިނަ ހެކިންތަކެއްގެ ހެކިބަސް ނެގިފައިވާތީ އާއި ބާކީ ތިބި ހެކިންނަކީ ބަންދުން ދޫކޮށްލިޔަސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުުސަތު ކުޑަ ހެކިތަކަކަށް ވުމުންނެވެ.
ލަމްހާ ބަންދުން ދޫކޮށްލި ޝަރުތުތަކަކީ:
-
ރާއްޖެއިން ފުރައިގެން ނުދިއުމަށް
-
ގާނޫނާ ހިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރަން
-
ކޯޓުން އަންގާ ކޮންމެ ވަގުތެއްގައި ކޯޓަށް ގަޑިއަށް ހާޒިރުވުމަށް
-
ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށާއި މާލެއިން ބޭރަށް ފުރައިގެން ނުދިއުމަށް؛ އެގޮތަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދުމަށް
-
މި މައްސަލާގައި ހެކިބަސް ދީފައިވާ އެއްވެސް މީހަކާއި މޭރީގެ އާއިލާ މީހަކާ ވެސް ބައްދަލު ނުކުރުމަށް
-
ވަކި ގަޑިތަކެއްގައި ގޭގައި ހުރުމަށް
ކޮމެންޓް