މޭރީ މަރުގެ މައްސަލާގެ މީގެ ކުރިން ބޭއްވި އަޑުއެހުމުގައި، ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހުމާން
ޝަރީއަތް ލަސްވާތީ ބަންދުން ދޫކޮށްލަން ލަމްހާ އަނެއްކާވެސް އެދިއްޖެ
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގެ ޝަރީއަތް ލަސްވެ ހައްގުތަކަށް ހުރަސްއެޅެމުންދާ ކަމަށް ބުނެ، އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދުން ދޫކޮށްލަން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ. އެކަމަކު އޭނާ އަލުން ބަންދުކުރަން އެ އަހަރުގެ ޑިސެމްބަރު މަސް ތެރޭ ހައި ކޯޓުން އަމުރުކުރުމާ ގުޅިގެން އޭނާ މިހާރު އަނެއްކާވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލް - ލަމްހާގެ ބަންދު މުރާޖައާކޮށްދިނުމަށް އެދި އޭނާގެ ފަރާތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިޓީއަކުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލު އަހުމަދު ޔާމީން ވިދާޅުވީ:
-
ހައި ކޯޓުން އޭނާ އަލުން ބަންދުކުރުމަށް ނިންމި ފަހުން 322 ދުވަސް ފާއިތުވެގެން ގޮސްފައިވޭ
-
ލަމްހާއަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ހައި ކޯޓުން ނިންމާފައިވަނީ އޭރު ހެކިވެރިންގެ ހެކިބަސް ނަގާތީ ޝަރީއަތް ލަސްވެގެން ލަމްހާގެ ހައްގުތަށް ގެއްލެމުން ނުދާ ކަމަށް ބުނެ
-
އެކަމަކު މިހާރު އަޑުއެހުންތައް ކުރިއަށްދާ ގޮތަށް ބަލާއިރު، ހެކިބަސް އެންމެ އެކަށީގެންވާ ގޮތެއްގައި ނެގެމުން ނުދާތީ ޝަރީއަތް ލަސްވެފައިވާ ކަމަށް ބުނެވޭނެ ހާލަތު އެބައޮތް
-
އޭގެ ސަބަބުން ލަމްހާގެ ހައްގުތަކަށް އުނިކަން އާދޭ
ވަކީލު ޔާމީން އެދިވަޑައިގަތީ ޝަރުތުތަކާ އެކު ލަމްހާ ބަންދުން ދޫކޮަށްލައިގެން ޝަރީއަތް ކުރިއަށް ގެންގޮސް ދިނުމަށެވެ. އޭނާ ވިދާޅުވި ގޮތުން، ލަމްހާ މީގެ ކުރިން ބަންދުން ދޫކޮށްލިއިރު ވެސް މުޖުތަމައުއަށް ނުރައްކާވާ ފަދަ ކަމެއް އޭނާގެ ފަރާތުން ކުރިމަތިވެފައި ނުވާތީ އެ ސަބަބަށް ބަލާއިރު ވެސް ބަންދުން ދޫކޮށްނުލެވޭނެ ސަބަބެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
ދައުލަތުން ބުނީ ކީކޭ؟ - ލަމްހާ ޝަރުތުތަކަކާ އެކު ވިޔަސް ބަންދުން ދޫކޮށްލުމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ވެސް ވަނީ ދެކޮޅު ހަދާފަ އެވެ. ދައުލަތުން ބުނީ:
-
ލަމްހާގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ކުޑަވެފައި ނުވާތީ
-
ބައެއް ހެކިވެރިންގެ ހެކިބަސް ނެގުން ލަސްވެފައިވަނީ އިދާރީ މައްސަލަތަކާ އެކު ކަމަށް ވުމުން ހެކިބަސް ނެގުމަށް ހުރަސް އެޅިފައި ނުވާ ކަމަށް ގަބޫލުކުރާތީ
ލަމްހާ އަލުން ބަންދުކުރުމަށް ހައި ކޯޓުން އެންގި ފަހުން މިއަދާ ހަމައަށް އޭނާގެ ބަންދު މުރާޖައާ ކުރަން ދައުލަތުން ހުށަހަޅާފައި ނުވަނީ ކީއްވެތޯ ގާޒީ ހުސެއިން ފާއިޒް ރަޝާދު ސުވާލުކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލު އައިޝަތު އަޒްލީނާ ވިދާޅުވީ ބަންދުކޮށްފައި ހުރި ހުރުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި ފޯމު މެދުވެރިކޮށް ބަންދު މުރާޖައާ ކުރަން ހުށަނޭޅި ނަމަވެސް އަޑުއެހުންތަކުގައި ބަންދާ މެދު ވާހަކަދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގޭބަންދަށް ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް އޮތް ނުރައްކާ ކުޑަވާނެތޯ ފާއިޒް ސުވާލުކުރެއްވުމުން ވެސް ދައުލަތުން ބުނީ ޖަލުގައި ނޫން އެހެން ތަނެއްގައި ބަންދުގައި ހުންނަ ހާލަތުގައި އެ ނުރައްކާ ކުޑަކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެންކަމުން، ގޭބަންދަށް ދޫކޮށްލުމަށް ވެސް ދައުލަތުން ދެކޮޅު ހެދި އެވެ.
ދެ ފަރާތުގެ ވާހަަކަތަށް އަޑުއެއްސެވުމަށް ފަހު ފާއިޒް ވިދާޅުވީ ބަންދާ މެދު ގޮތެއް ނިންމަން މާދަމާ އަޑުއެހުމެއް ތާވަލުކުރާނެ ކަމަށެވެ. އެއަށް ފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ.
އެނގުން މުހިންމު - 19 އޮކްޓޫބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާ ގުޅިގެން މަރާލި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެންނެވެ.
މި މައްސަލާގައި މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާކޮށްފައިވެ އެވެ. އެ މަރުގައި އެހީތެރިވެދިނުމުގެ ދައުވާއާއެކު ލަމްހާގެ މައްޗަށް ތިން ދައުވާ އެެއް ކުރެ އެެވެ.