15 އޮގަސްޓު 2023، މޭރީ މަރުގެ މައްސަލާގެ އަޑުއެހުމުގައި، ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހުމާން

މޭރީގެ މަރު

ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފި

ބަންދުން ދޫކޮށްލަން ކުރި އަމުރު ބާތިލުކޮށް، ލަމްހާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ހައި ކޯޓުން ވަނީ ދަމަހައްޓާފައި

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް މިދިޔަ މަހު ދޫކޮށްލި ހަލީމަތު ލަމްހާ އަބްދުއްރަހްމާނު އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ލަމްހާގެ ބަންދު މުރާޖާކުރުމަށް ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ 23ގައި ބޭއްވި އަޑުއެހުމުގައި އޭނާ ދޫކޮށްލާފައިވަނީ ތިން މަސްދުވަހަށެވެ. ޕީޖީ އޮފީހުން ވަނީ މިދިޔަ މަހުގެ 17ގައި އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ތަފްސީލް - އެ މައްސަލާގައި ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކޮށް، އޭނާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ދަމަހައްޓާފަ އެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވެވި ހުކުމުގައި ވަނީ:

  • ލަމްހާގެ ބަންދަށް ލުއި ދިނުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގައި، ލަމްހާގެ ކިބައިން މުޖުމައުއަށް ނުރައްކާ އޮތް ކަމަށް ބެލި ސަބަބު އޭނާގެ ކިބައިން ނެތިގޮސްފައިވޭތޯ ބަލައި ވަޒަންކޮށްފައި އޮތްކަން އެނގޭކަށް ނެތް

  • މުޖުމައުއަށް ނުރައްކާ އޮތް ކަމަށް ބެލި ސަބަބު ނެތިގޮސްފައިވޭތޯ ބަލައި ވަޒަންކުރުމެއް ނެތި، ތިން މަސްދުވަހަށް ޝަރުތުތަކަކާ އެކު އޭނާގެ ބަންދަށް ލުއި ދިނުމަށް ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައި ނިންމުމެއް

ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ލަމްހާ ބަންދުން ދޫކޮށްލަން ނިންމެވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، މިހާތަނަށް އައިރު ގިނަ ބައެއްގެ ހެކިބަސް ނަގާފައިވުމާއި ޝަރީއަތް ދިގުލައިގެން ގޮސްފައިވާތީ އެވެ.

ލަމްހާގެ ބަލި ހާލަތާ ގުޅިގެން އޭނާގެ ފަރާތުން ލުއިދޭން އެދެމުންދާކަން ފާހަގަކޮށް ޝަރީއަތް ދިގުލައިގެން ދާ ނަމަ، އޭނާގެ ހައްގުތަކަށް ވެސް ރިއާޔަތްކުރަން ޖެހޭ ކަމަށް ގާޒީ އެ ދުވަހު ވިދާޅުވި އެވެ. އެއަށް ފަހު، އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރައްވާފައިވަނީ ޝަރުތުތަކާ އެކު އެވެ. އެ ޝަރުތުތަކަކީ:

  • ރޭގަނޑު 10 އިން ހެނދުނު 10އަށް ގޭންބޭރަށް ދިއުން މަނާވުން

  • މާލޭން ބޭރަށް ދާ ނަމަ، ކޯޓުގެ ހުއްދަ ހޯދުން

  • ކޯޓަށް ހާޒިރުވާން އަމުރު ލިބިފައިވާ ނަމަ، ކޯޓަށް ހާޒިރުވުން

އެނގުން މުހިންމު - 19 އޮކްޓޫބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާ ގުޅިގެން މަރާލި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެންނެވެ. 

މި މައްސަލާގައި މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާކޮށްފައިވެ އެވެ. ލަމްހާގެ މައްޗަށް ތިން ދައުވާ އެެއް ކުރެ އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް