ނައީމާގެ މަރުގެ ދައުވާ ލިބޭ އަބްދުލްވާހިދު ރިފާސް ޝަރީއަތުގެ މަޖިލީހުގައި

ނައީމާ މަރާލަން ގެއަށް ވަތް ކަމަށް ރިފާސް ވެސް އެއްބަހެއް ނުވި

މައްސަލައިގެ ބާވަތުން ހެކީގެ ގޮތުގައި ކޯޓަށް އައިސް ހެކިބަސް ދޭން ބައެއް ހެކިވެރިން ޖެހިލުންވާތީ ދިފާއީ ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށް ރިފާސް މިއަދު އެދުނު
15 ގަޑިއިރު ކުރިން

ނ. މަނަދޫގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ މަރާލަން އެ ގެއަށް ވަދެ، ނައީމާ މަރާލި ކަމަށް ތުހުމަތުކޮށް ދައުލަތުން ކުރާ ދައުވާތަކަށް އަބްދުލްވާހިދު ރިފާސް ވެސް މިއަދު އިންކާރު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި:

  • މަސްތުވާތަކެއްޗާ އެކު މަނަދޫން ހައްޔަރުކުރި ރިފާސް، 21،ގެ މައްޗަށް ތިން ދައުވާއެއް ކުރޭ

  • މާލެއިން ހައްޔަރުކުރި ހަސަން ފަވާޒް، 21،ގެ މައްޗަށް ތިން ދައުވާއެއް ކުރޭ

  • މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫން ފުރަތަމަ ހައްޔަރުކުރުމަށްފަހު ނައީމާ މަރުގެ ދައުވާ އުފުލާފައިވާ އަހްޒަމް އަބްދުއްޝަކޫރު، 23،ގެ މައްޗަށް ތިން ދައުވާއެއް ކުރޭ

މި މައްސަލާގައި މިދިޔަ އޮގަސްޓުގައި ބޭއްވި އަޑުއެހުމުގައި އެންމެންގެ މައްޗަށް ވެސް ދައުވާތައް އިއްވާފައިވެ އެވެ. އެ ދުވަހު ރިފާސް ފިޔަވައި ދެން މި މައްސަލާގައި ހިމެނޭ ދެ މީހުން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ރިފާސް އެދުނީ ދައުވާތަކަށް ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދިނުމަށެވެ.

ބުނީ ކީކޭ؟ - މި މައްސަލާގައި މިއަދު ބޭއްވި ރިފާސްގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާތަކަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންގޮސްފައިވެ އެވެ. ރިފާސްގެ މައްޗަށް ކުރާ ތިން ދައުވާ އަށް ވެސް އޭނާ މިއަދު ވަނީ އިންކާރުކޮށްފަ އެވެ.

ރިފާސްގެ މައްޗަށް ކުރަނީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުން؛ މި ދައުވާ ސާބިތުވެއްޖެ ނަމަ، އަންނާނެ އަދަބަކީ މަރުގެ އަދަބު

  • އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުން؛ މި ދައުވާކޮށްފައިވަނީ ނައީމާ މަރާލުމަށް ބޭނުންކުރި ތަކެތި ފޮރުވައި ބައެއް ތަކެތި ނައްތާލައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވާތީ

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން؛ މި ދައުވާކޮށްފައިވަނީ ނައީމާ މަރާލުމަށް ފަހު މީހަކަށް ނުފެންނާނެހެން ކޮޓަރި ތަޅުލައި ލެޔާ އެކު ނައީމާގެ ހަށިގަނޑު ކުނިވާން ދޫކޮށްލާފައިވާތީ

އޭނާގެ ވަކީލު ވަކީލު އާދަމަ ޝަމީމް ވިދާޅުވީ އެ ދައުވާތަކުގައި ތުހުމަތުކުރާ އެއްވެސް އަމަލެއް ހިންގުމަށް ރިފާސް ބައިވެރިވެފައި ނުވާ ކަމަށާއި، އިންކާރުކުރާ ސަބަބުތަކާ ބެހޭ ގޮތުން އިތުރަށް ފާހަގަކުރަން ހުރި ކަންކަން އިބްތިދާއީ ބަޔާނުގައި ފާހަގަކުރާނެ ކަމަށެވެ.

އެ ދައުވާތަކަށް އިންކާރުކުރުމުން ދިފާއުގައި ހުށަހަޅާ ހެކިތަކާ ބެހޭ ގޮތުން ގާޒީ ސުވާލުކުރެއްވި އެވެ. ޖަވާބުގައި ވަކީލު ވިދާޅުވީ ދިފާއީ ހެކި ހުށަހަޅަން ރިފާސްގެ ފަރާތުން އަދި ތައްޔާރު ނޫން ކަމަށެވެ. އޭނާ ސަބަބަކަށް ވިދާޅުވީ:

  • މައްސަލައިގެ ބާވަތުން ހެކީގެ ގޮތުގައި ކޯޓަށް އައިސް ހެކިބަސްދޭން ބައެއް ހެކިވެރިން ޖެހިލުންވާތީ ކަމަށް

އެހެންކަމުން، އެކަމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ އަލީ އާދަމް ނިންމެވީ 20 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. އެކަމަށް ރިފާސްގެ ފަރާތުން އިއުތިރާޒުކޮށްފައެއް ނުވެ އެވެ. 

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލާގައި ދިފާއުންނާއި ދައުލަތުގެ ފަރާތުން ހެކި ހާމަކުރުމެވެ.

މައްސަލައިގެ ހުލާސާ

މަނަދޫގައި އޭނާގެ އަމިއްލަ ގޭގައި ވަކިން ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ 7 އެޕްރީލް 2023ގަ އެވެ. އެ މައުލޫމާތާ ގުޅިގެން އަންނާރުމާގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ ބެލިއިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލައިފަ އެވެ.

  • އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ؛ ތޫނު އެއްޗެއް ކަރުގައި އަޅާފައި ހުރި ކަމުގެ ނިޝާންތަކެއް ވެސް ހުރި

  • މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް އެރޭ ދަންވަރު މަނަދުއަށް ދިޔަ

  • ޕޯސްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން، ޖެހިގެން އައި ދުވަހު ނައީމާ ވަނީ އެ ރަށުގައި ވަޅުލާފައި

  • ނައީމާ ދިރިއުޅުނު ގޭގެ އިތުރުން، އެ ރަށުގެ ހަތަރު ގެއެއް ބަލާފައިވޭ؛ އޭގެ ތެރޭގައި، ބިދޭސީން ދިރިއުޅޭ ގެއަކާއި ފަޅު ގެއެއް ވެސް ހިމެނޭ

މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ލިބި، ފުރަތަމަ މީހަކު ހައްޔަރުކުރީ އޭގެ އެއް މަސް ފަހުން، 26 މޭ 2023ގަ އެވެ. އޭގެ ފަހުން މިހާތަނަށް މި މައްސަލާގައި ހައްޔަރުކުރީ ތިން މީހުންނެވެ. އެ ތިން މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އަހްޒަމްގެ ކިބައިން ލިބުނު މައުލޫމާތުންނެވެ.

އެއަށް ފަހު، ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެ ރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ އަންނައުނުތައް ހޯދީ، ވަޅުގަނޑެއްގެ ތެރޭގައި އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް