ވަޒީރުންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު: ވޭޕް މަނާކުރުމަށް ރައީސް މިއަދު ވަނީ ނިންމަވާފައި (ފޮޓޯ/ރައީސް އޮފީސް)
ރައީސްގެ ބަސް: ވޭޕްގެ އާލާތްތައް ބޭނުންކޮށްގެން މަސްތުވުން ވަނީ ގިނަވެފައި
ވޭޕްކުރަން ބޭނުންކުުރާ އެންމެހާ ތަކެތި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން ސަރުކާރުން މިއަދު ނިންމީ ވޭޕްކުރަން ބޭނުން ކުރާ އާލާތްތައް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުން އިތުރުވަމުންދާތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކަމުގެ ފެށުން - ރައީސް މިއަދު އެކްސްގައި އިއުލާންކުރެއްވި ގޮތުގައި ވޭޕްކުރަން ބޭނުންކުރާ ހުރިހާ ބާވަތްތަކެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ގެންގުޅުން މަނާކުރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން މިއަދު ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގައިފަ އެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވި ގޮތުގައި މިހާރު އަންގާފައި ވަނީ:
-
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ 15 ނޮވެމްބަރުން ފެށިގެން މަނާކުރުން
-
ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް
ވީ ކިހިނެއް؟ - އެކަމާ ގުޅޭގޮތުން ރައީސްގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ވަނީ ވޭޕްމަނާކުރި ސަބަބުތައް ހާމަކުރައްވާފަ އެވެ. އޭގައި ރައީސް ވިދާޅުވީ:
-
މިދިޔަ އަހަރުތަކުގައި އެއްވެސް ސަރުކާރަކަށް ވޭޕް ރެގިއުލޭޓް ކުރެވިފައެއް ނުވޭ
-
ޒުވާނުންނާއި ކުޑަކުދިން ވޭޕް ބޭނުންކުރާ މިންވަރު ކަންބޮޑުވާ މިންވަރަކަށް މިފަހުން އިތުރުވެފައިވޭ، އެކަމުގެ ސަބަބުން ސިއްހީ ނުރައްކާތަކަށް އަންނަނީ ހުށަހެޅެމުން
-
ވޭޕްގެ ޑިވައިސްތައް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުން، އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑު
-
މިދިޔަ 5 އަހަރު ތެރޭގައި 600،000 އަށްވުރެ ގިނަ ވޭޕް ޑިވައިސް ރާއްޖެ އެތެރެކޮށްފައިވޭ
-
މަސްތުވާތަކެތި ފެތުރުމުގައި އާ އުކުޅުތައް ބޭނުންކުރަމުންދާތީ އެކަން ހުއްޓުވަން އުނދަގޫވެ އެތަކެތީގެ ވަބާގައި ޖެހޭ ޒުވާނުން އިތުރުވެ އޯވަޑޯޒް ކޭސްތައް އަންނަނީ އިތުރުވަމުން
އެ ޕޯސްޓުގައި ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުންފަތާއި ދުރު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.